ކޮވިޑް-19 އާ ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ހަރަދުކުރި ގޮތުގެ ހާއްސަ އޮޑިޓެއް ކުރަން އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
ހޯމަ ދުވަހު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ މެޑިކަލް ސަޕްލައިސް ގަތުމުގައި އެސްޓީއޯ މެދުވެރިކޮށް ހަރަދުކުރި ޚާއްސަ އޮޑިޓެއް ހެދުމަށެވެ.
އެސްޓީއޯ މެދުވެރިކޮށް ހަރަދުކޮށްފައިވާ ގޮތުގެ އޮޑިޓެއް ކުރަން އެންގުމަށް ކޮމިޓީ އަށް ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ. އޭނާ ހުށަހެޅުއްވީ ޚާއްސަ އޮޑިޓްގެ މަސައްކަތްތައް ކުރުމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތަށް އެންގުމަށެވެ.
ޔައުޤޫބުގެ ހުށަހެޅުމަށް ތާޢީދު ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އަދި އެ ހުށަހެޅުން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަށް މެމްބަރުންގެ އިއްތިފާގުންނެވެ.
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުން އަންނަ ޚަރަދުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން ހުރިކަމުގެ ތުހުމަތު އެކި ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. ވަކިން ޚާއްސަކޮށް ކޮވިޑާއި ގުޅިގެން ސަރުކާރުން ގެންނަން މަސައްކަތްކުރާ ވެންޓިލޭޓަރުތަކުގެ މައްސަލަވަނީ ވަރަށް ބޮޑުވެފައެވެ.
ހޮނިހިރު ދުވަހު ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑާ ގުޅިގެން ސަރުކާރުން މިހާތަނަށް ކޮށްފައިވާ ހޭދައިގެ 72 ޕަސެންޓް ހަރަދުކޮށްފައި ވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށެވެ.
އެގޮތުން ކޮވިޑް-19 އަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތަކާއި ބައެއް ކަހަލަ މަޝިންގ ގަތުމަށް ހަރަދުގެ ބޮޑު ބައެއް ކުރަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް އަމީރު ވިދާޅުވެފައިވެއެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ޔައުގޫބް ވިދާޅުވީ، ކޮވިޑް-19 އާ ގުޅޭ އެކި ކަންތައްތައްތަކަށް ފިނޭންސް މިނިސްޓްރީން ކުރި ހަރަދުގެ 72 ޕަސެންޓް ހޭދަ ކޮށްފައި ވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް ބުނެފައިވާތީ އެ ކަން ކޮށްފައި ވަނީ އޮންނަ އުސޫލުގެ ތެރެއިންތޯ ބަލަން ޖެހޭ ކަމަށެވެ.
ކޮވިޑާ ގުޅިގެން ސަރުކާރުން މިހާތަނަށް ކޮށްފައިވާ ހޭދައިގެ 72 ޕަސެންޓް ހަރަދުކޮށްފައި ވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް އަމީރު ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް އަންނަނީ ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ހުރިހާ މެޑިކަލް ސާމާނެއް އެސްޓީއޯ މެދުވެރިކޮށް ގެންނަމުންދާ އިރު، ބިޑު ކުރުމެއް ވަކި ބަޔަކަށް ވެންޓިލޭޓަރުތައް ގެންނަން ޙަވާލުކުރި މައްސަލަވަނީ ބޮޑުވެފައެވެ.

