ކޮވިޑް-19 އާއި ގުޅިގެން ބޯޑަރުތައް ބަންދު ކުރުމަކީ އެންމެ މުހިއްމު ފިޔަވަޅުކަމަށް ގައުމުތަކަށް ހީވި ނަމަވެސް، އެކަން އެގޮތަށް ކޮންގެން އެއްވެސް ގައުމަކަށް ސަލާމަތެއް ނެތް ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮމަންވެލްތުން ”އިމީޑިއެޓް ރެސްޕޮންސް އެންޑް ފިއުޗާ އޮޕޮޗުނިޓީސް“ ގެ ނަމުގައި ޓޫރިޒަމް ދާއިރާއާ ގުޅޭ ގޮތުން ބޭއްވި ވީޑިއޯ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމަކީ، ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް އޮތް ހައްލެއް ނޫން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ގައުމުތައް ލޮކްޑައުންކޮށް، ބޯޑަރުތައް ބަންދު ކޮންގެން އެއްވެސް ގައުމަކަށް ސަލާމަތެއް ނެތް ކަމަށާއި ވީ އެންމެ އަވަހަކަށް ބޯޑަރުތައް ހުޅުވާލުން މުހިއްމު ކަމަށެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު ވަރަށް ރަނގަޅު ކަމަށާއި ކޮވިޑުގެ ޙާލަތުން އަރައިގަތުމަށްޓަކައި ހިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ވަރަށް ފަސޭހަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މީހުން ކަރަންޓީނު ކުރުން އެއީ އެންމެ ރަނގަޅު ހައްލެއް ނޫނެވެ.
ބޯޑަރުތައް ބަންދުކޮށްގެން، ޓޫރިޒަމް ހުއްޓުމަކަށް ގެނެސްފި ނަމަ، މުޅި ދުނިޔޭގެ އިގްތިސާދު އަޑިއަށްގޮސް އިންޓަނޭޝަލް ސްޓެބިލިޓީ ގެއްލޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސާދީ އަޑިގަނޑުގެ ހާލަތަށް ބަލާ އިރު އިގްތިސާދީ ހާލަތުން އަރައިގަތުމުގައި ރާއްޖެ އިން ފެންނާނީ ޔޫ ކާވް ރީބައުންޑް އެއް ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ވިދާޅުވީ ވައިރަސް ބޮޑަށް ފެތުރެމުންދަނީ މާލޭގައި ކަމަށާއި ރަށްރަށާއި ރިސޯޓްތައް މިކަމުން ސަލާމަތް ވެފައިވާކަމަށެވެ. ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާއެކު ބޯޑަރު އަލުން ހުޅުވާލަން ޖެހޭ ކަމަށާއި ލޮކްޑައުންއަށް ފަހު އަމަލުކުރާނެ ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލަން ޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

