ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނު އަސާސީ އިސްލާހުކުރުން ޢީދު ބަންދު ތެރޭގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ޖޫންމަހުގެ ތިން ވަނަ ދުވަހަށް ދައުރުހަމަވާ ކައުންސިލަރުންގެ ދައުރު ދިގުދެންމުމަށް ޤާނޫނު އަސާސީއަށް ސަރުކާރުން ހުށައެޅި އިސްލާހާމެދު ފިތުރު ޢީދު ބަންދުތެރޭގައި ގޮތެއް ނިންމަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދުނިޔެއަށް ކޮވިޑް-19 އާއި ރާއްޖޭންވެސް ކުތިމަތިލާން ޖެހުމުން، މިދިޔަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އެމަހުގެ އަށާރަ އަށް ފަސް ކުރެވުނެވެ. އަދި އެ މުއްދަތުގައިވެސް ބޭއްވޭނެ ގޮތެއް ނުވުމުން މިހާރު ވަނީ މުއްދަތެއް ނެތް ގޮތަށް އިންތިޚާބު ބޭއްވުން ފަސްކޮށްފައެވެ.

އިންތިޚާބު ނުބޭއްވި ކައުންސިލް މެމްބަރުންގެ ދައުރު ޖޫން ތިނެކަށް ހަމަވާތީ އެކަމަށް ޙައްލެއް ހޯދުމަށް ސަރުކާރުގެ ފަރާތުން ޤާނޫނު އަސާސީއަށް އިސްލާހެއް މަޖިލީހަށް ހުށައެޅިއެވެ. އަދި ހަމައެއާއެކު އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ވަނީ ޚާއްޞާ ބިލެއްވެސް މަޖިލީހަށް ހުށައަޅުއްވާފައެވެ.

މިހާރު އިޢުލާންކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޤާނޫނު އަސާސީއަށް އިޞްލާޙު ކުރުމާއި މެދު ބައެއް މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދިފައިވަނިކޮށް، ޤާނޫނު އަސާސީ އިންލާހު ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ބަންޑާރަ ނާއިބާއި ރައްޔިތުންގެ މަޖިލީހުގެ ކައުންސިލް ޖެނެރަލްވެސް ވަނީ ލަފާދެއްވާފައެވެ.

މިހާރުތިބި ކައުންސިލަރުންގެ ދައުރުގެ މުއްދަތު އިތުރުކުރުމާއި ގުޅޭގޮތުން ޤާނޫނު އަސާސީއަށް ބަދަލު ގެނައުމާއި ގުޅޭގޮތުން ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ، މިމަހުގެ 26، 27 އަދި 28، މި ތިންދުވަހު މި މައްސަލައަށް ގޮތެއް ނިންމަވާނެކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޤާނޫނު އަސާސީއަށް އިޞްލާޙު ގެނަޔަސް ނުވަތަ ނުގެނަޔަސް އެކަން ނިންމަވާނީ މަޖިލީހުގެ މެންބަރުންކަމަށެވެ. ނަމަވެސް މިމަހުގެ 28 ގެ ކުރިން މަޖިލީހުން ކޮންމެވެސް ގޮތެއް ނިންމަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”މި ތިން ދުވަހުގެ ތެރޭގައި މި މަސައްކަތްކޮށް އަޅުގަނޑުމެންނަށް އެ މަސައްކަތް ނިންމޭނެކަމަށް. އެހެންނަމަވެސް އިއްޒަތްތެރި މެންބަރުން މިކަމުގަ ދެކެވަޑައިގަންނަވާގޮތް އެއީކީ އަޅުގަނޑާ ގުޅޭ ވާހަކައެއްނޫން. ޢިއްޒަތްތެރި މެންބަރުން އަޅުގަނޑު ދަންނަވާ ވާހަކައަކީ އިރާދަކުރެއްވިއްޔާ 28 ވަނަ ދުވަހާއި ހަމައަށް ކޮންމެސް ގޮތެއް އަޅުގަނޑު ނެރެދޭނަމޭ. އެއީ ކޮންގޮތެއްކަމެއް، ޤާނޫނު އަސާސީ އިޞްލާޙުވުންތޯ ނުވަތަ ނުވުންތޯ، އިޞްލާޙު ކޮންގޮތަކަށްވުންތޯ އެޔެއް ނިންމަވާނީ އިއްޒަތްތެރި މެންބަރުން“ ރައީސް ނަޝީދު

ޤާނޫނު އަސާސީއަށް ސަރުކާރުން ހުށައަޅާފައިވާ އިޞްލާޙުގައިވަނީ ލޯކަލް ކައުންސިލް އިންތިޚާބު ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެމީހުންގެ މަޤާމާއި ހަވާލުވަންދެން މިހާރު މަޤާމުތަކުގައި ތިބި އަތޮޅުކައުންސިލްތަކާއި، ރަށުކައުންސިލްތަކާއި، ސިޓީކައުންސިލްތަކުގެ މެންބަރުން އެމީހުންގެ މަޤާމުގައި ދެމިތިބޭނެކަމަށެވެ.

ޝައްވާލް މަހުގެ އެއްވަނަ ދުވަސް ނުވަތަ ފިތުރު އީދު ދުވަހަކީ މިމަހުގެ 24 ވާ އާދިއްތަ ދުވަސް ކަމަށް ކަލަންޑަރުގައިވަނީ ކަނޑައަޅާފައެވެ. ނަމަވެސް އެކަން ޔަގީން ވާނީ ހުކުރު ދުވަހުގެ ރޭ އޮންނަ ހަނދު ސާބިތުކުރުމުގެ ރަސްމިއްޔާތަށްފަހުގައެވެ. އެރޭ ހަނދު ސާބިތުވެއްޖެނަމަ އީދަށް ވާނީ ހޮނިހިރު ދުވަހެވެ. ކޮވިޑް -19 އާ ގުޅިގެން ސަރުކާރު އޮފީސްތައް މިހާރު ބަންދުކޮށްފައިވިޔަސް، އާންމު ހާލަތުގައި ފިތުރު އީދާއި ގުޅިގެން މަދުވެގެން ތިން ދުވަސް ސަރުުކާރު ބަންދުވެއެވެ. އެހެންކަމުން ޖަލްސާތައް ބޭއްވުމަށް ނިންމާފައިވާ އެ ދުވަސްތައް ވަންނާނީ އީދު ބަންދުގެ ތެރެއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: