ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ރައީސް ސޯލިހު ގައުމާއި މުހާތަބު ކުރައްވާނީ މިރޭ 9:00 ގައި ކަމަށެވެ. އެމަނިކުފާނުގެ ވާހަކައިގައި ހިމަނުއްވާނީ ކޮވިޑާއި ގުޅިގެން ރާއްޖެ ގޮސްފައިވާ ހާލަތާއި، މި ބަލިން އަރައިގަތުމަށް ކުރަމުންދާ މަސަައްކަތްތަކާއި ގުޅޭގޮތުންނެވެ.
މާލޭން ކޮވިޑުގެ ކޭހެއް ފެނުނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އެއަށްފަހު ރައީސް ސޯލިހް ދެ ފަހަރެއްގެ މަތީން ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. އެންމެ ފަހުން ގައުމާއި މުހާތަބު ކުރެއްވީ މި މަހުގެ 4 ވަނަ ދުވަހުއެވެ.
ރައީސް ސޯލިހް މިރޭ ގައުމާއި މުހާތަބު ކުރައްވާއިރު، ކޮވިޑުގެ ކޭސްތައް އިތުރުވެ ހޯމް ކަރަންޓީނަށް ދަން ޖެހިދާނެ ކަމުގެ އިޝާރާތެއް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ ދެއްވާފައެވެ. އެހެން ކަމުން ރައީސް ސޯލިހްގެ ވާހަކަފުުޅުގައި ކުރިޔަށް އޮތްތަނުގައި ރާއްޖޭގެ ފިޔަވަޅުތައް ވަރުގަދަ ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުންނާއި، ގައުމުގެ މިވަގުތުގެ ހާލަތަކީ ކޮބައިކަން އެމަނިކުފާނު ހާމަކުރައްވާނެއެވެ.
ރާއްޖޭން ކޮވިޑު ބަލި ޖެހިފައިވާ 1،186 މީހަކު ފެނިފައިވާއިރު، ބަލީން ރަނގަޅުވީ މީހުންގެ އަދަދު މިހާރު ވަނީ 96 އަށް އަރާފައެވެ. އަދި ބަލީގައި 4 މީހަކު ވަނީ ނިޔާވެފައެވެ.
ކުރީގެ ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކް ޑރ. ޝިނާ މޫސާގެ ޕްރޮޖެކްޝަންތައް ދައްކާގޮތުން މި މަސް ނިމޭއިރު ޕީކެއް އަންނާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ބަލި ޖެހިފައިވާ މީހުންގެ އަދަދު 6،000 އަށް އަރާނެ ކަމުގައި ވަނީ ލަފާކޮށްފައެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ޑރ. ޝީނާ ވިދާޅުވީ ރާއްޖޭގައި ޓެސްޓިން ކެޕޭސިޓީ އިތުރު ކުރަންޖެހޭ ކަމަށެވެ. އަދި އެ އަދަދު އިތުރު ކުރެވިއްޖެނަމަ މިހާލަތުގައި ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު 300 އަށް އަރާނެ ކަމަށެވެ.
ރާއްޖޭގައި، އެއްވެސް އަލާމާތެއް ނެތި ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުކަން ފާހަގަކުރައްވާ ޑރ. ޝީނާ ވިދާޅުވީ އޭގެ ސަބަބުން އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަލާމާތެއް ނެތް މީހެއްގެ ފަރާތުން އެހެން މީހަކަށް އެ ބަލި ޖެހި، އަދި އެ މީހާގެއް ފަރާތުން އަނެކާއަށް ބަލި ޖެހި ޓްރާންސްމިޓް ވަމުން ދާނެ ކަމަށެވެ. މި ސަބަބާއި ހުރެ، ޓެސްޓުކުރުން އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމުގައި ޑރ. ޝީނާ ވިދާޅުވިއެވެ.
ބަލީގެ ޕީކެއް އަންނާނެކަމަށް ލަފާ ކުރެވުނު ނަމަވެސް، ބަލި ޖެހޭ މީހުންގެ އަދަދުތައް ވަނީ ވަރަށް ބޮޑުތަނުން ދަށް ކުރެވިފައެވެ.
ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މުއްދަތެއް ނެތް ގޮތަށް އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމާއި، މާލެ ސަރަހައްދު ލޮކްޑައުންކޮށް، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ޒަރޫޒީ ބޭނުމެއް ނެތި ދަތުރުކުރުން ހުއްޓާލުމަކީ، މިހާތަނަށް ވައިރަސް ކޮންޓްރްކުރުމަށް އެޅި އެންމެ ބޮޑު ފިޔަވަޅުތަކެވެ.

