ރާއްޖޭގައި ކޮވިޑު-19 ޖެހިގެން ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއިން ބަލީން ރަނގަޅު ވީ މީހުންގެ އަދަދު 91 އަށް އަރައިފިއެވެ.
ކޮވިޑާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތައް ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ކޮވިޑަށް ހާއްސަ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ކޮވިޑު ކޭސްތަކުގެ ތަފްސީލީ މައުލޫމާތައް އެ ވެބްސައިޓު މެދުވެރިކޮށް ލިބޭއިރު ކޮވިޑުގެ ތަފާސް ހިސާބުތައް ފޯރުކޮށް ދޭ ޑޭޝްބޯޑުގައި ވާ ގޮތުން މިހާތަނަށް ބަލީން ރަނގަޅު ވީ މީހުންގެ އަދަދަކީ 91 އެވެ.
ރޭ އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދިން މައުލޫމާތުތަކުގައި ވާ ގޮތުން އިއްޔެ 12 މީހަކު ބަލީން ރަނގަޅުވިއެވެ. އެހެން ކަމުން މިއަދު ރަނގަޅުވެފައި ވަނީ 05 މީހެކެވެ.
ބައެއް ކޭސްތަކުގެ ރިކަވަރީ ރޭޓު ދަށްވުމާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑު ޖެހިފާ މީހަކު ބަލިން ރަނގަޅުވީ ތޯ ސާމްޕަލް ނަގާނީ އެ މީހެއްގެ ހުރިހާ އަލާމާތެއް ނެތި ދިއުމުން ކަމަށެވެ. އަދި ކިރިޔާ ވެސް ރޯގާގެ އަލާމާތެއް ނުވަތަ ހިކި ކެއްސުމެއް ހުންނަ ކަމުގައި ވާނަމަ ވެސް އެކަން އެކީ ރަނގަޅުވަން ދެން މަޑު ކުރާ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑުގެ ޕޭޝަންޓެއް ބަލީން ރަނގަޅުވީ ކަމަށް ކަނޑައަޅަނީ އެ މީހެއްގެ ދެ ސާމްޕަލްއެއް ނަގާ އެ ދެ ސާމްޕަލް ވެސް ނެގެޓީވް ވުމުން ކަމަށެވެ.
ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދަކީ 1,186 އެވެ. އަދި އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ އަދަދަކީ 1,089 އެވެ. އޭގެ ތެރެއިން 13 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި ކަމަށް ޑޭޝްބޯޑުން ދައްކައެވެ.
ކޮވިޑު ޖެހިގެން ރާއްޖޭގައި 4 މީހަކު ވަނީ ނިޔާވެފައެވެ.

