ވެރިރަށް މާލެ ސިޓީއިން ކޮވިޑު ޖެހިފައި ހުރި މީހަކު ފެނި، މާލެ ލޮކްޑައުންއަކަށް ގެނައިތާ މަހަކަށް ވުރެ ގިނަ ދުވަސް ވީއެވެ. މާލޭގައި ބަލީގެ ކޮމިއުނިޓީ ސްޕްރެޑެއް އުފެދި، ބަލި ޖެހުނު މީހުންގެ އަދަދުތައް ވަނީ 1،000 އިން މައްޗަށް އަރާފައެވެ. ލޮކްޑައުންގެ މުއްދަތުތައް އިތުރު ކުރެވެމުން ދާއިރު ބަލި ކޮންޓްރޯލް ކުރެވުނު ކަމުގެ ނިޝާނެއް އަދި ފެންނާކަށް ނެތެވެ. އެހެން ކަމުން ލޮކްޑައުންގެ މުއްދަތު އިތުރު ދުވަސްތަކަށް ދެމިގެން ދިއުމުގެ ފުރުސަތު އެބައޮތެވެ.
ގޭގައި ތާށީވެފައި މިހެން ތިބެން ޖެހުމަކީ ފަސޭހަކަމަކަށް ނުވާއިރު، މާލޭގެ ގިނަ ގެތަކަކީ އެއްތަނެއްގައި ގިނަ ބަޔަކު ކައިބޮއެ ދިރިއުޅެން ޖެހިފައިވާ ތަނެކެވެ. މިއީ ސިކުނޑިއަށް ނުހަނު ބާރުތަކެއް އަދި އަސަރުތަކެއް ކުރުވާ މައްސަލައަކަށް ވަނީ ވެފައެވެ.
މީގެ މަހެއްހާ ދުވަސް ކުރިއަށް ބަލާއިރު، މާލެއަކީ އެއް އިރެއްގައި ވެސް ހަމަހިމޭން ތަނެއް ނޫނެވެ. ފަތިސް ގަޑިއަށް ކޮންމެވެސް ވަރަކަށް ހިންދެމިލި ނަމަވެސް، ރޭގަނޑު ދަންވަރުވެސް އެއް އަޑަކަށް އޮންނަނީ ވެހިކަލްގެ އަޑެވެ. ކޮންމެވެސް އިމާރާތެއް ހެދުމަށް މަސައްކަތް ކުރާ އަޑެވެ.
މާލޭގެ ހަލަބޮލި ދިރިއުޅުން މަދު ވަގުތުކޮޅެއްގެ ތެރޭގައި ބަދަލުވެ ގެތަކުގައި ތިބެން ޖެހިފައިމިވަނީ ހިތްދަތިކަމާއި މާޔޫސްކަމާއި އެކުއެވެ. މިއީ އަދި އެހާމެ އުނދަގޫ ދިރިއުޅުމަކަށް ވެއްޖެއެވެ. މާލޭގެ ހާލަތު ވަކިން ސިފަ ނުކުރިނަމަވެސް އެ ދިރިއުޅުން ކޮންމެ މީހަކަށް ވެސް އެނގެއެވެ. ދެ ކޮޓަރީގެ އެޕާޓްމެންޓެއްގައި 8 މީހުން ނުވަތަ އެއަށް ވުރެ ގިނަ މީހުން އުޅޭނެއެވެ. އޭގެ ތެރޭގައި ގިނަ ވާނީ ވަޒީފާއަށް ދާ ޒުވާނުންނާއި، ސްކޫލު ކުދީންނެވެ. ހުކުރު ދުވަސް ފިޔަވާ އެހެން ދުވަހެއްގައި ގޭގެ ހަލަބޮލިކަން އިހުސާސެއް ނުކުރެވޭނެއެވެ. ހުކުރު ދުވަސް ވެސް ހުސްކުރަން ޖެހެނީ، އާއިލީ ކޮންމެވެސް އެހެން އެއްވެލުމެއް ނުވަތަ ހެދުންތައް ދޮވެ، ސާފު ކުރުމުގައެވެ.
ގޭގައި ކިތަންމެ ގިނަ ބަޔަކު އުޅުނު ނަމަވެސް އެއްވަގުތަކު އެންމެން އެއްވާ ފަހަރެއް މަދުވާނެއެވެ. ރޭގަނޑު ވަގުތު ސްކޫލަށްދާ ކުދިންތައް ނިދާފައެވެ. ސްކޫލް ނިންމާ ގެއަށް އައިސް ކައިގެން ޓިއުޝަންއަށެވެ. އެއަށްފަހު ގުރުއާން ކުލާހަށެވެ.
މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު މާލެ ލޮކްޑައުންކޮށް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މިވަނީ ހުއްޓާލާފައެވެ. ކިތަންމެ ހާސްކަން ބޮޑުވެ، ރަށަށް ދާން ބޭނުންވިޔަސް އެ ފުރުސަތު ލިބޭނެ ގޮތެއް ނެތެވެ. ގޭގައި މިހެން ބިއްޖެހި ތިބެންޖެހޭ ދިރިއުޅުމަށް އިތުރު މާޔޫސްކަމެއް އިތުރު ކުރަނީ މާލީ ދަތިކަމާއި ވަޒީފާގެ ކަންބޮޑުވުމެވެ.

ވައިރަހުގެ އަސަރުގެ ރާޅު ކުންފުނިތަކާއި، މުވައްޒަފުންގެ މުސާރަތަކަށް ކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. ބައެއް ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން އިސްތިއުފާ ދޭން މަޖުބޫރު ކުރުވިއެވެ. ބައެއް މުވައްޒަފުން ނޯޕޭއަށް ފޮނުވިއިރު، މަސައްކަތުގެ މާހައުލުގައި އެކަށީގެންވާ މަސައްކަތެއް ނުކުރާކަމުގެ ބަހަނާއާއި އެކު އެތައް މުވައްޒަފުންނެއް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެ އަދަދުތައް ހުންނާނީ ލަފާ ކުރެވޭ އަންދާޒީ އަދަދުތަކަށް ވުރެންވެސް މަތީގައެވެ. 40 އަހަރު ވަންދެން ދޮންކޮށް ފައްކާ ކުރަމުން އައި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުން ބިކަކޮށްލީ އެންމެގެ ލޯ ކުރިމަތީއެވެ. މި ހުރިހާ އަހަރުތަކެއް ވަންދެން އެއްކުރި ފައިސާ އާއި ޑޮލަރުކޮޅު މުވައްޒަފުންގެ ގައިގައި ކޮޅުފައިން ޖަހާ، އަވަހަށް ބަނޑުދަށު ލީއެވެ.
ދެން އޮތީ ތައުލީމުގެ ވާހަކައެވެ. ސްކޫލު ކުދިންގެ ކިޔެވުން ވަނީ ހުއްޓިފައެވެ. މިގޮތަށް ވާހަކަ ދެއްކުމުން ބައެއް މީހުން ދޭނެ ޖަވާބަކީ ތައުލީމެއް ފުރިހަމަ ކުރެވޭނީ މަދަރުސާއަކުން އެކަންޏެއް ނޫންކަމެވެ. އެއީ ހަމަ ހަގީގަތުގައި ވެސް ރަނގަޅު ވާހަކައެކެވެ. ޕްރައިމެރީގެ ބައެއް ގްރޭޑުތަކުގެ ދަރިވަރުންނަށް ހޯމް ސްކޫލިންގެ ބޭނުން ހިފިދާނެއެވެ. މިއީ ދުނިޔޭގެ އެތައް ގައުމެއްގައި ޕްރެކްޓިސް ކުރަމުން އަންނަ ކަމެކެވެ. އެހެން ނަމަވެސް، ރާއްޖޭގައި މިއަދު މިއޮތީ އެ ހާލަތުކަމެއް ގަބޫލެއް ނުކުރަމެވެ. ބަންދުވެފައިވާ ކޮޓަރިއެއްގެ ތެރޭގައި، ހާއްސަކޮށް ޅަ އުމުރުގެ ކުދިންތަކެއްގެ ސިކުނޑި ކިޔެވުމަށް ހުސްވާނެ ގޮތެއް ނޭނގެއެވެ. ކިޔެވުން މެދުކެނޑިފައި ހުރުމުގެ ސަބަބުން ސެކަންޑްރީ ދަރިވަރުންނަށް ދިމާވާނެ ދަތިތައް ހަގީގަތުގައި ވެސް ބައިވަރެވެ.
އަހަރެމެން ޒުވާނުންނަށް 4 ގަޑިއިރުގެ އޮންލައިން ލެކްޗާއަކަށް އެޓެންޑުކޮށް ކިޔަވައިދޭ އެއްޗެއް ސިކުނޑިއަށް ނަގައިގަތުން މިވަނީ ދަތިވެފައެވެ. އެއް އަހަރު އެކީ ބޭކާރުވެގެން ދާ ދިއުމަކީ، މޮޑިއުލްއެއް ފުރިހަމަކުރަމުން ދާއިރު، ލިބޭނެ އެންމެ ބޮޑު ހިތާމައެވެ. ބައެއް ކޮލެޖުތަކުން މިހާރުވެސް ކިޔެވުންތައް ކުރިޔަށް ގެންދެއެވެ. ކުރިންވެސް ފާހަގަކުރިގޮތަށް ތޮއްޖެހިގެން ތިބެ އޮންލައިން ކްލާހަށް އެޓެންޑު ކުރުން އެއީ ފަސޭހަކަމެއް ނޫނެވެ.

ގޭގެ ކުއްލި ދެއްކޭނެ ގޮތެއް ނެތެވެ. މާލީގޮތުން އެތައް ދަތިތަކެކެވެ. ނަފްސާނީ ގޮތުން މީހާއަށް އެތައް ގެއްލުންތަކެއް ލިބި ސިކުނޑި ވަނީ ފަޅައިގެންދާ ހިސާބުގައެވެ. ކަންކަމާ ވިސްނި، ހިތް ބިރުގަނެ ހާސްވަނީއެވެ. ބުނެދޭން ވެސް ދަތި ވެފައިވާ އެަތައް ސެތާކަ މައްސަލަތެކެވެ. ދިހަ ފޫޓު ދިހަފޫޓުގެ ގޮޅިއެއްގެ ޖަލެކެވެ.
މިހާލަތުގައި ދިރިއުޅެން ޖެހިފައިވާއިރު، ދުވާލުގެ އަލިކަން ގޭތެރޭގައި ހުއްޓަސް، އިރުގެ އަލިކަން ނުފެންނަ މީހުން ގިނައެވެ. މިއީ ބުނެދޭންވެސް ދަތި އުނދަގޫ އިހުސާސްތަކެކެވެ. އެންމެންގެ އަޅާލުމަށް ބޭނުންވެފައިވާ މި ދަނޑިވަޅުގައި އެތައް ނަފްސާނީ މައްސަލަތަކެއް އުފެދިފައި ވެއެވެ. މިއީ ދުނިޔޭގެ އެތައް ގައުމަކަށް ދިމާވެފައިވާ ހާލެވެ.
ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަފްސާނީ ބަލިތަކާ ބެހޭ ޑޮކްޓަރު، ޑރ. އާރިފް މުހައްމަދު ވިދާޅުވީ، މިދިޔަ މަހު އެކަނި ވެސް ނަފްސާނީ މައްސަލަތަކާ ގުޅިގެން 715 މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ ކަމަށެވެ. އަދި އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ދެ ގުނަ އިތުރު އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. އާރިފް ވަނީ ކުރިއަށް އޮތް ތަނުގައި މި އަދަދުތައް ވަރަށް ބޮޑުތަނުން އިތުރުވެގެން ގޮސްދާނެކަމަށް ލަފާކޮށްފައެވެ.
އޭގެ އިތުރުން އެންއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް ރެޑްކްރެސެންޓުގެ ޕްރޮގްރާމް އޮފިސަރު މައީދު މުހައްމަދު ޒާހިރު ވިދާޅުވީ، އެ ސެންޓަރުން ދެމުން އަންނަ އެހީ އަކީ ސީދާ ޕްރޮފެޝަނަލް ސޯޝަލް ސައިކޯ ސަޕޯޓެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، މިއީ އެކަމުގެ ތަޖުރިބާކާރުންނާއި ހަމައަށް ގެނެސްދިނުމުގެ ކުރިން ދެވޭ ޓްރައިއޭޖް ހިދުމަތް ފޯރުކޮށްދީ އައިޖީއެމްއެޗްއަށް ރިފާ ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ، އެކި ގޮތްގޮތުން އެހީދިން މީހުންގެ އަދަދު 1،400 އިން މައްޗަށް އަރާނެ ކަމަށެވެ. އަދި ރިމޯޓް އޮޕަރޭޝަންއަށް ފަހު 100 އެއްހާ މީހުންނަށް އެހީދިން ކަމަށެވެ.
ކޮވިޑް ބައްޔާއި ގުޅިގެން މޯލްޑިވްސް ރެޑް ކްރެސެންޓުގެ ފަރާތުން އަންނަނީ ސައިކޯސޯޝަލް ސަޕޯޓަށް ހިލޭ ފޯރުކޮށްދެމުންނެވެ. އެގޮތުން އެމްއާރުސީން އެކަމަށް ހާއްސަކޮށްފައިވާ ހޮޓްލައިން، 1425 އަށް ގުޅައިގެން އެހީ ހޯދޭނެއެވެ.
ކޮންމެއަކަސް މި ބަންދުން ސަލާމާތް ވުން ނޫން އިތުރު ކަމެއް މިވަގުތަކު ބޭނުމެއް ނުވެއެވެ. ބައްޔަށް މީހުން ޕޮޒިޓިވްވާ އަދަދު އިތުރުވާ ވާހަކަ އަޑުއިވޭ ކޮންމެ ފަހަރަކު ގައިން ހީބިހި ނަގައިގެން ދެއެވެ. މިހާލަތުގައި ކުރެވޭ އިހުސާސްތަކާއި ގުޅޭގޮތުން އެހީ ހޯދުން ވަރަށް މުހިންމެވެ. އަދި ހާއްސަކޮށް ކުޑަކުދިންނާއި ވާހަކަ ދައްކާ އެ ކުދިންނަށް ކުރާ އަސަރުތަކަށް ސަމާލުކަން ދޭންވާނެއެވެ.

