އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން، ލޮކްޑައުންގެ އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު 4631 މީހަކު ޖޫރިމަނާކޮށް 4,631,000 ރުފިޔާ ދަޢުލަތަށް ލިބިއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް 4631 މީހަކު ޖޫރިމަނާކުރެވިފައިވެއެވެ. މީގެ އިތުރުން، 249 މީހަކު މިހާތަނަށް ހައްޔަރުކުރެވިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ލޮކްޑައުންގެ އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުންނަ މީހުން ޖޫރިމަނާކުރަން ސަރުކާރުން ނިންމާފައިވަނީ 1000 ރުފިޔާގެ މަގުންނެވެ. އެހެންކަމުން، 4631 މީހުން ޖޫރިމަނާކުރުމުން، 4,631,000 ރުފިޔާ ދަޢުލަތަށް ލިބިގެންދާނެއެވެ.
ފުލުހުން ޢާންމުކުރާ މަޢުލޫމާތުތަކަށް ބަލާއިރު އެވްރެޖްކޮށް ރެޔާދުވާލެއްގެ މައްޗަށް 130-100 ދެމެދުގެ އަދަދަކަށް މީހުން ޖޫރިމަނާކުރެއެވެ. މި ގޮތުން ބުދަ ދުވަހު އެކަނިވެސް 146 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން މިއަދު ހާމަކޮށްފައިވެއެވެ. އަންގާރަ ދުވަހުގައި، 153 މީހަކު ޖޫރިމަނާކޮށްފައިވާއިރު، ހޯމަ ދުވަހުގައި 111 މީހަކު ޖޫރިމަނާކޮށްފައިވެއެވެ. އާދިއްތަ ދުވަހުގައި 108 މީހަކު ޖޫރިމަނާކޮށްފައިވެއެވެ.

