ވަރަށް ވެސް ބޮޑު ތެދެއްމެއެވެ. ޤައުމެއްގެ ރައްޔިތުން އެކަތިގަނޑަކަށްވެއްޖެނަމަ، ނުކުރެވޭނެ އެއްވެސްކަމެއް ނޯންނާނެއެވެ. ނުގެނެވޭނެ ބަދަލެއް ނޯންނާނެއެވެ. އަދި ކިއެއްތަ، ޤައުމެއްގެ ރައްޔިތުން ގުޅިލާމެހިއްޖެނަމަ، އެ ޤައުމެއް ދެކޭނީ، އަމާން އޮމާން، ސާދާ ސީދާ ދުވަސްތަކެކެވެ.
އާދޭހެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވިފަދައިން، ރައްޔިތުން އެކަތިގަނޑަކަށްވެއްޖެ ހިނދު، ޚުދުމުޚުތާރު ވެރިންގެ ނިމުން ފިސާރި އަވަސްވެއެވެ. އެ މަނިކުފާނުގެ މި ބަސްފުޅު، އަޅުގަނޑު މި ގުޅުވައިލަނީ މާ ދުރުނޫން މާޒީއަކާއެވެ. އެ މަނިކުފާނުގެ މި ބަސްފުޅުގެ ތެދުކަން ބަލައިލުމުގެ ގޮތުންނެވެ.
އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމިނު ޢަބްދުލްޤައްޔޫމަކީ، ޚުދުމުޚުތާރު ވެރިކަމެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަޅުގަނޑު ދެކޭގޮތުގައި މި ކަމަކީ، ރާއްޖޭގެ ރައްޔިތުންނަށް އޮޅިފައިވާނެކަމެއް ވެސް ނޫނެވެ. އެހެނެއްކަމަކު މާ ގިނަ ދުވަސްތަކެއްނުވެ، ރައީސް ޔާމިނުގެ ވެރިކަމަށް މި އޮތީ ނިމުން އައިސްފައެވެ.
މިހާ ހިސާބުން އަޅުގަނޑުގެ މަޢުޟޫޢުގެތެރެއަށް ފުންކޮށް ފީނައިލާނަމެވެ. ތިޔަ ބޭފުޅުންނަށް އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ކޮންމެހެން ރައީސް ޔާމީނުގެ ވާހަކައެއްނޫނެވެ. އެހެނީ ރައީސް ޔާމީނުގެ ޒާތްކޮޅު ނުދަންނަ ކާޅެއް ނުވަތަ ވާލެއް ނުވަތަ ހާލެއް ވެސް ނެތެވެ. ވީއިރު ރައީސް ޔާމިނުގެ ވާހަކަދެއްކުމުގެ ވަކި ބޭނުމެއް އެބައޮތްތޯއެވެ.
ނަމަވެސް އަޅުގަނޑު ދަންނަވަން ބޭނުންވީ، އަޅުގަނޑު ހާމަކޮށްދޭން ބޭނުންވީ، އަޅުގަނޑު ސިފަކޮށްދޭން ބޭނުންވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ބަސްފުޅުގެ ވަރުގަދަކަމެވެ. ބަސްފުޅުގެ ފުންކަމެވެ. ބަސްފުޅުގައި އޮއްޓަރެއް ހުރިކަމެވެ. ކޮންމެ ޒަމާނަކާއި މަކާނަކަށް ވެސް، އެ ބަސްފުޅު ފެތޭކަމެވެ.
އާދޭހެވެ. ރައީސް ޞާލިޙް ވިދާޅުވެފައިވާ ”ރައްޔިތުން އެކަތިގަނޑަކަށްވެއްޖެ ހިނދު ޚުދުމުޚުތާރު ވެރިންގެ ނިމުން ފިސާރި އަވަސްވެއެވެ.“ މި ބަސްފުޅަކީ، އެ މަނިކުފާނު، ރައީސް ޔާމިނަށް އަމާޒުކުރައްވާފައިވާ ބަސްފުޅެއްނޫނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމަށް އަމާޒުކުރައްވާފައިވާ ބަސްފުޅެއް ވެސް ނުމެނޫންމެއެވެ. އަދި ކީއްތަ، އެ މަނިކުފާނުގެ މި ބަސްފުޅަކީ، ނޫސްވެރިކަމުގެ ދާއިރާގައި އެ މަނިކުފާނު މަސައްކަތްޕުޅުކުރެއްވިއިރު، ލިޔުއްވާފައިވާ ބަސްފުޅެކެވެ. އާދެ! 1990 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 24 ވަނަ ދުވަހުގައި ނެރުނު ނޫސްކަމަށްވާ، ”ސަންގު“ މަޖައްލާގައި ލިޔުއްވާފައިވާ ބަސްފުޅެކެވެ. މުޅި ރާއްޖެ ސިއްސުވައިލި ސަންގު ނޫހުގެ 1 ވަނަ ޢަދަދުން ނަގާފައިވާ ބަސްފުޅެކެވެ.
މި ބަސްފުޅު އެހެން ބޭފުޅަކަށް އަމާޒުވާކަމަށްވާނަމަ އެއީ އިއްތިފާޤެކެވެ. އެއީ ވިދާޅުވި ބޭފުޅާގެ ކުޅަދާނަކަމެވެ. ކޮންމެ މައުނައެއްގައި ވިދާޅުުވެފައި އޮތްް ނަމަވެސް، ކޮންމެ ޒަމާނަކާއި މަކާނަކަށް އެ ބަސްފުޅު ފެތުމަކީ، ލިޔުންތެރިޔާގެ ކުޅަދާނަކަމެވެ.
މިހާ ހިސާބުން، ”ސަންގު“ މަޖައްލާގެ އެއްވަނަ އަދަދުގެ 12 ވަނަ ސޮފުހާއަށް ނަޒަރެއް ހިންގައިލާނަމެވެ. ”ކޮމިއުނިސްޓު ޒަޢީމެއްގެ ނިމުން“ މި މަޢުޟޫއުގެދަށުން އެ މަނިކުފާނު ލިޔުއްވަނީ ކީކޭތޯއެވެ.
”ހުރިޚާ ހުދުމުޚުތާރުވެރިން ވެރިކަންކުރަނީ ބިރުވެތިވެ ތިބި ހާލަތެއްގައެވެ. ނަމަވެސް ރައްޔިތުން އެކަތިގަނޑަކަށްވެއްޖެ ހިނދު، ޚުދުމުޚުތާރު ވެރިންގެ ނިމުން އަވަސްވެއެވެ. އެއްވެސް ވެރިއަކަށް މުޅި ޤައުމާއި ރައްޔިތުން އެކީގައި އެއްފަހަރާ ބަންދެއްނުކުރެވޭނެއެވެ. ނުވަތަ ނުމެރޭނެއެވެ. މިކަމަކީ ޙަޤީޤަތެއްކަން ރޫމޭނިއާ މުޅި ދުނިޔެއަށް ދައްކުވައިދީފިއެވެ.“

ވަރަށް ވެސް ފުރިހަމަ ދޮގެއްތޯއެވެ. މަޒުމޫނު ފައްޓަވާފައިވާ ގޮތް ވަރަށް ވެސް ހިތްގައިމު އެހެންނޫންތޯއެވެ.
އަޅުގަނޑަށް ހަމަ މަޑުން ނުހުރެވެނީއެވެ. ކުޑަކުޑަ އެއްޗެއް ދަންނަވާލިޔަދެއްވުމުގެ ފުރުސަތު ދެއްވާށެވެ. ރައީސް ޔާމިންގެ ވާހަކަ ދެއްކުމުގެ މާނައެއްނެތޭ އަޅުގަނޑު ދެންނެވިން ދޮގެއްތޯއެވެ. ނަމަވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވި، ”އެއްވެސް ވެރިއަކަށް މުޅި ޤައުމާއި ރައްޔިތުން އެކީގައި އެއްފަހަރާ ބަންދެއްނުކުރެވޭނެއެވެ. ނުވަތަ ނުމެރޭނެއެވެ.“ މި ބަސްފުޅު ކިޔާ ކޮންމެފަހަރަކު ހަމަ ހަނދާންވަނީ އެކައްޗެކެވެ. ޤައުމުގައި ތިއްބެވި ފުންނާބު އުސް ލީޑަރުން ”ފްރޭމް“ ކުރައްވައިގެން ހުރަގޭގެ ތޭރިތަކުގެތެރެއަށް ލެއްވި މަންޒަރެވެ. ނަމަވެސް ރައީސް ޔާމިނަކަށް ހުރިހައި ރައްޔިތުންނެއް އެއްފަހަރާ ބަންދެއް ނުކުރެއްވުނު އެހެންނޫންތޯއެވެ. ފުރުސަތު ލިބިވަޑައިގަތްނަމަ ބަންދުކުރެއްވީސް ތޯއްޗެކެވެ!
އަނެއްކާ ވެސް އަޅުގަނޑުގެ އަސްލު ވާހަކައަށް ރުޖޫޢަވާނަމެވެ. އެއްވެސް ޝައްކެއްނެތެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އެހާމެ ފުންނާބު އުސް ނޫސްވެރިއެއްވެސް މެއެވެ. އެ މަނިކުފާނުގެ ނޫސްވެރިކަމުގެ ހަޔާތުގައި މުހިންމު ރޯލެއްކުޅުވާފައިވަނީ، އޭރުގެ ޓީވީ މޯލްޑިވްސްގެ އިތުރުން، ”ސަންގު“ ނޫސް ނުވަތަ ”ސަންގު“ މަޖައްލާއިންނެވެ.
”ސަންގު“ މަޖައްލާ ނުވަތަ ”ސަންގު“ ނޫހަކީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރާއްޖެއިން ބޭރުގައި ކިޔަވައި ވިދާޅުވާން ހުންނެވުމަށްފަހު 1990 ވަނަ އަހަރުގައި ރާއްޖެ ވަޑައިގެން، އެ މަނިކުފާނު އިސްކޮށް ހުންނަވައިގެން ވުޖޫދުކުރެއްވި ނޫހެކެވެ. މި ނޫހަކީ، ދިވެހިރާއްޖޭގައި، ”ސަންދޯކަށްލައި ކަފުންކޮށްފައި އޮތް“ ނޫސްވެރިކަމުގެ މިނިވަންކަން ނުވަތަ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދުމަށްޓަކައި ހަށިފޮޅާލައިފައި ނިކުތް ނޫހެކެވެ. މި ނޫހަކީ އޭރުގެ ކަންކަން ހިނގަމުންދިޔަ ގޮތުގެ މައްޗަށް ބިނާކުރުވަނިވި ފާޑުކިޔުންތަކެއް ކިޔާފައިވާ ނޫހެކެވެ.
ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގައި ”ސަންގު“ ނޫސް ރަޖިސްޓްރީވެފައިވަނީ، 1989 ޑިސެމްބަރު 23 ގައެވެ. މަހަކު 2 ފަހަރު ނިކުންނަ މި ނޫހުގެ މަސްއޫލުވެރިއަކީ، ގ.ޑޭޒީފެހި މުޙައްމަދު ހިލްމީއެވެ. އެޑިޓަރ އިން ޗީފަކީ، މ.ފޮސީތިއާ މުޙައްމަދު ޝަފީޤެވެ. އެޑިޓަރުންގެ ގޮތުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މި ނޫހުގެ ކޮލަމްނިސްޓުންނާއި ކޮންޓްރިބިއުޓަރުންގެ ގޮތުގައި، ލިޔުންތެރިކަން ނުވަތަ ނޫސްވެރިކަމުގެ ފަންނުގައި އަރައިތިއްބެވި ބޭބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މިހާ ހިސާބުން މި ޖެހިލަނީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށް ބޭއްވުނު ހަފްލާގައި ވިދާޅުވެފައިވާ ބަސްފުޅަކަށެވެ.
“ މި މުހިންމު ޙަފްލާގައި ދިވެހި ނޫސްވެރިންނާ މުޚާޠަބުކޮށް އެއްޗެއް ދެންނެވުމުގެ ފުރުޞަތު ލިބުމުން، އަޅުގަނޑަށް ކުރެވެނީ ވަރަށް ފުން އިޙްސާސްތަކެއް. އެއީ، އެތައް ދުވަހެއް ވަންދެން ދުރުގައި އުޅުމަށްފަހު، އަލުން އެނބުރި އަމިއްލަ ޢާއިލާއާއި ބައްދަލުކުރެވޭ ކަމުގެ އުފާވެރި އިޙްސާސްތައް. މި ވަގުތު އަޅުގަނޑު ދުރުގައި ހުންނަން ޖެހުނަސް، އަޅުގަނޑަކީ ހަމަ ތިޔަ ޢާއިލާގެ މެމްބަރެއް.
ވަޒީފާގެ ދުނިޔެއަށް އަޅުގަނޑު ނޭވާލާން ފެށީ ނޫސްވެރިކަމުގެ ދާއިރާއިން. ޚަބަރާއި ރިޕޯޓް ލިޔުމާއި، ބޭރުގެ ޚަބަރުތައް ތަރުޖަމާ ކުރުމަކީ، ވަޒީފާއެއްގެ ގޮތުން އަޅުގަނޑު އެންމެ ފުރަތަމަ ކުރި މަސައްކަތް. އެއީ އޭރުގެ ޓީ.ވީ މޯލްޑިވްސްގައި.
މިނިވަން ނޫސްވެރިކަމަށްޓަކައި ހަށިފޮޅާލާފައި ނުކުތް، ”ސަންގު“ ނޫހުގެ އެޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރެވުނުކަމީ ވެސް، ނޫސްވެރިކަމުގެ މިނިވަންކަމުގެ މުހިންމުކަން އަޅުގަނޑަށް އިޙްސާސް ކުރެވުނުކަމެއް. އަދި ސަރުކާރު ޒިންމާދާރު ކުރުވުމުގައި، ނޫސްވެރިކަމުގެ ދައުރު ދެނެގަނެވުނު ވަރަށް އުފާވެރި ތަޖުރިބާއެއްވެސްމެ.
އޭގެ ފަހުން ނުކުތް ”މިނިވަން“ ނޫހުގެ ހިއްސާދާރެއްގެ ގޮތުގައިވެސް އަޅުގަނޑު ހިމެނުނުކަމީ، ދިވެހި ނޫސްވެރިކަމަށް އަޅުގަނޑާ ވަކިނުވެވުނު ކަމުގެ ހެއްކެއް. އެންމެފަހުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށްޓަކައި އަޅުގަނޑު ކެންޑިޑޭޓްގެ ފޯމު ފުރަންދެން އަޅުގަނޑު ހުރީ ހަމަ އެ މަސައްކަތުގައި. އެހެންކަމުން، ނޫސްވެރިންނަށާއި ނޫސްވެރިކަމަށް، އަޅުގަނޑުގެ ހިތުގައި އޮތީ، ވަރަށް މަތިވެރި ޤަދަރަކާއި، ވަރަށް މަތިވެރި ޝަރަފެއް. އެކަން އެގޮތުގައި އަބަދުވެސް ދެމިއޮންނާނެ.“ ރައީސް ޞާލިޙް
އާދޭހެވެ. އަޅުގަނޑު ކުރިން ވެސް ދެންނެވި ފަދައިން ރައީސް ޞާލިޙަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. މުޖުތަމަޢުގައިވާ ކަންތައްތައް، ރައްޔިތުންގެ ސަމާލުކަމަށް ގެނެސްދެއްވި ބޭފުޅެކެވެ. ބިނާކުރުވަނިވި ފާޑުތަކެއް ލިޔުމުގެ ޒަރީޢާއިން ގެނެސްދެއްވި ބޭފުޅެއްމެއެވެ. ބުރަދަންހުރި ޚިޔާލާތުތަކެއް ފާޅުކުރެއްވި މުފައްކިރެކެވެ. ދުނިޔޭގެ މަސްރަހުގައި ހިނގާ ކަންތައްތައް އަނެކުންނަށް އޮޅުފިލުއްވަވައިދެއްވުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި މަދަދުގާރެއްކެވެ. ތަފާތު ކަންކަމުގައި ލަފާދެއްވާފައިވާ ލަފާދާރެއް ވެސް މެއެވެ.
މި ގޮތުން އެ މަނިކުފާނުގެ އެހެން ލިޔުމަކަށް ނަޒަރު ހިންގައިލެއްވުން ކީއްތޯއެވެ. މި ހިއްސާކޮށްލަނީ ”ކަޅާ ދޮނުގެ ތަފާތު“ މި މަޢުޟޫޢުގެ ދަށުން 1990 ވަނަ އަހަރުގެ މާރިޗު 1 ގައި ނިކުތް ”ސަންގު“ ގެ ޢަދަދަށް އެ މަނިކުފާނު ލިޔުއްވާފައިވާ ލިޔުއްވުމުގެ ތަންކޮޅެކެވެ.
”އާދެ 10,000 އަށްވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކުރެއްވުމަށްފަހު މަންޑޭލާ މިނިވަންވެވަޑައިގަތީ މި ހުސްވި ފެބްރުއަރީގެެ 11 ވަނަ ދުވަހުއެވެ. މިނިވަންވުމަށްފަހު ފުރަތަމަ ދެއްވި ތަޤުރީރުގައިވެސް، ކަޅުމީހުންނަށް މިނިވަންކަން ހޯއްދެވުމުގައި، ފުރާނަދިނުމަށް ތައްޔާރަށް ހުންނެވިކަމުގައި ވިދާޅުވިއެވެ.“ (ރައީސް ޞާލިޙް، ސަންގު 1990 މާރިޗް 01، ސ30)
އާދެ! އެ މަނިކުފާނުގެ ލިޔުއްވުންތައްކަކީ އަޅުގަނޑަށް އެއާމެދު ވާހަކަދެއްކޭވަރަށް ވުރެ މާ ފުރިހަމަ ލިޔުއްވުންތަކެކެވެ. އަދި ކީއްތަ، އެ ލިޔުންތަކުގައި ހުރި ކަންތައްތަކަށް ފާޑު ކިޔުމަކީ، މި ނިކަމެތި އަޅުގަނޑަށް ލިބިފައިވާ ޢިލްމާއި އަޅާބަލާއިރު އެކަށީގެންވާކަމެއްނޫނެވެ. އެހެނީ އެ މަނިކުފާނުގެ ޢިލްމާއި އަޅުގަނޑުގެ ޢިލްމުގައި ހުރި ފަރަޤަކީ، ފެން އާރަކާއި، ފެން ތިއްކެއްގެ މިސާލެވެ.
ނަމަވެސް އެ މަނިކުފާނުގެ އަރިހުން އަޅުގަނޑު އެދޭ ދެތިންކަމެއް މި ފުރުސަތުގައި ފާހަގަކޮށްލާހިތްވެއެވެ. ނޫސްވެރިކަމުގެ މިނިވަންކަމާއި، އަނިޔާލިބުނު ނޫސްވެރިންގެ ޙަައްޤުތަކާއި، ޤަތުލުކޮށްލެވުނު ނޫސްވެރިޔާގެ ޙައްޤުތަކާއި، ގެއްލުވައިލެވުނު ނޫސްވެރިޔާގެ ޙައްޤުތައް ކަށަވަރުކޮށްދެއްވުމަށެވެ. ނޫސްވެރިކަމުގެ ދާއިރާއަށް އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވާ، ބިނާކުރުވަނިވި ނޫސްވެރިން އުފެއްދުމަށެވެ. މަނިކުފާނުގެ ވަޢުދުފުޅުތަކުގެ މަތީގައި ދެމިހުންނެވުމަށެވެ. އެހެންކަމުން މަނިކުފާނު އިސްވެދިޔަތަނުގައި ވިދާޅުވި ވާހަތައް ހަނދުމަފުޅުކޮށް އަރުވަމެވެ.
”މި ސަރުކާރަކީ، ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، ނޫސްވެރިން ފަހައި ދުވެ، ޤާނޫނުތަކުގެ މަޅީގައި ނޫސްވެރިން ޖައްސާނެ ސަރުކާރެއް ނޫން. ނޫސްވެރިންނަކީ މި ސަރުކާރަށް ހުރި ބިރެއް ކަމުގައި އަޅުގަނޑު ނުދެކެން. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މިނިވަން ނޫސްވެރިކަމަކީ، މި ސަރުކާރު ދެމިއޮތުމުގެ މައިބަދަ.
އަޅުގަނޑުމެން ވެރިކަމަށް އައީވެސް، ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ކަށަވަރުކޮށްދިނުމުގެ ވަޢުދާއެކު. އައު ވެރިކަމެއް އިންތިޚާބު ކުރުމުގެ މަރުޙަލާއަށް ދިޔައިރު، ދިވެހި ނޫސްވެރިކަން އޮތީ، ޢަބުރުގެ ޤާނޫނުން އަނދަގޮނޑި ޖަހާފައި. ސަރުކާރުން ދިޔައީ ނޫސްވެރިންނާއި ނޫސް އިދާރާތައް، މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަމުން.
އަޅުގަނޑު ވެރިކަމާ ހަވާލުވުމަށްފަހު، އެ ބިރުވެރިކަމުން ނޫސްވެރިން ސަލާމަތް ކުރުމުގެ މަސައްކަތް ވާނީ ފަށާފައި. އަޅުގަނޑު އެންމެ ފުރަތަމަ ތަޞްދީޤު ކުރި ބިލަކީ، އަބުރުގެ ޤާނޫނު އުވައިލުމުގެ ބިލް. އެކަން އެގޮތަށް މެދުވެރިވުމަކީ، މިނިވަން ދިވެހި ނޫސްވެރިކަމަށް، މާތް ﷲ މިންވަރު ކުރެއްވި ހެޔޮ ފާލެއް ކަމުގައި އަޅުގަނޑު ޤަބޫލުކުރަން.
ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރާއިރު، އަޅުގަނޑުމެންނާ އަލްވަދާއު ކިޔާފައިވާ ދެ ނޫސްވެރިއެއްގެ ހަނދާން އައުކުރަން މިއަދު އެބަޖެހޭ. އެއީ ވީނުވީއެއް ނޭނގި ގެއްލުވައިލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން. އަދި ވަރަށް އިހާނެތިގޮތަކަށް މަރާލާފައިވާ އިންޓަނެޓް ބްލޮގަރ ޔާމީން ރަޝީދު.
އެ ދެ ނޫސްވެރިން އަޅުގަނޑުމެންނާ ވަކިވުމަކީ، ދިވެހި ނޫސްވެރިންގެ ޢާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް، ހިތްދަތިކަމެއް. އެއީ މި ސަރުކާރުން އަޅާނުލައި ދޫކޮށްލާނޭ ދެ މައްސަލައެއް ނޫން. އެކަންކަމުގެ ޙަޤީޤަތް ދެނެގަތުމަށްޓަކައި، މި ވެރިކަމުގެ ފުރަތަމަ ދުވަހު އަޅުގަނޑު ވާނީ، ”މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން“ގެ ނަމުގައި ކޮމިޝަނެއް އުފައްދާފައި.
އިރާދަކުރެއްވިއްޔާ، އެ ކޮމިޝަންގެ އެހީތެރިކަމާއެކު، އެ ދެ މައްސަލައިގެ ޙަޤީޤަތާ ހަމައަށް އަޅުގަނޑުމެންނަށް ވާސިލުވެވޭނެ. އަޅުގަނޑު އުންމީދު ކުރަނީ، އިންސާނިއްޔަތުކަމެއްނެތި ހިންގާފައިވާ އެ ދެ ޖަރީމާގެ ޙަޤީޤީ ކުށްވެރިން ހޯދައި، އެކަމުގެ ޙަޤީޤަތް ހާމަކުރެވޭނެކަމަށް. އެ ކޮމިޝަނުން އެ މަސައްކަތް އަވަސްކޮށްދެއްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.
މި ސަރުކާރު ދެމިއޮންނާނީ ދިވެހި ނޫސްވެރިންނާ އެކުގައި. އަޅުގަނޑުމެން ކުރިއަށްދާނީ، ބިނާކުރަނިވި ފާޑުކިޔުންތަކާ އެކުގައި. ނޫސްވެރިކަމާ ނުލައި ސަރުކާރެއް އޮތުމަށްވުރެ، ސަރުކާރަކާ ނުލައި ނޫސްވެރިކަން އޮތުންވެސް، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި އަޅުގަނޑަށް މުހިންމު.“ ރައީސް ޞާލިޙް
އާދޭހެވެ. ވަރަށް ވެސް ރަނގަޅު ވާހަކަފުޅުތަކެކެވެ. ނޫސްވެރިކަމުގެ ދާއިރާއަށް އިންޤިލާބަކަށް އެދިގެން އިންތިޒާރުގައި ހުރީމެވެ.

