ޖަޕާނުން ރާއްޖެއަށް ދޭން ނިންމާފައިވާ 68,750,000 ރުފިޔާގެ ހިލޭއެހީ ރާއްޖެއަށް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި ކަމާއި ގުޅިގެން ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ.
ޖަޕާނުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ޤައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުނނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.
ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، ޖަޕާނު ސަރުކާރުން ދޭން ނިންމާފައިވާ މި އެހީ ބޭނުންކުރާނީ، ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ އިންތިޒާމުތައް ހަރުދަނާކުރުމަށާއި، ޓެރަރިޒަމާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި މޯލްޑިވްސް އިމިގްރޭޝަންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުންނެވެ.
މި ގޮތުން ކަސްޓަމްސްއާއި، އިމިގުރޭޝަންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، އެ ދެ ތަނަށް ބޭނުންވާނެ ފޭޝަލް ރިކޮގްނިޝަން ސިސްޓަމާއި، މޮބައިލް އެކްސް-ރޭ އާއި، ސައްހަ ނޫން ފައިސާގެ ނޫޓުތައް ދެނެގަންނަ މެޝިން ހިމެނޭކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން، ސްޕެޝަލް ލުމިނެސެންޓް މައިކްރޮސްކޯޕާއި، ސްޕީޑް ބޯޓުގެ އިތުރުން އެއްގަމު އުޅަނދުފަހަރު ވެސް ހޯދަން ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މި އެހީ ދޭން ނިންމުމުގެ ކުރިން ހުސްވި އަހަރު އޮކްޓޫބަރު މަހުގައި ރައީސް ޞާލިޙް ޖަޕާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެ މަނިކުފާނުވަނީ ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގޮތުންނާއި، ބޯޑަރު ބެލެހެއްޓުން ހަރުދަނާކުރުމަށްޓަކައި، ޖަޕާނާއި ރާއްޖެއާއި ދެ ޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން އެ ޤައުމުގެ ސަރުކާރާއި މަޝްވަރާކުރައްވާފައެވެ.
މި ކަމަށް އަލިއަޅުއްވައިލައްވައި މި ރަސްމިއްޔާތުގައި ވާވާކަދައްކަވަމުން ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވީ، ޖަޕާނުން ދޭން ނިންމާފައިވާ އެހީއަކީ ރައީސް ކުރެއްވި މަޝްވަރާތަކުގެ ނަތީޖާކަމަށެވެ.
އަދި މި އެހީއަކީ، ޖަޕާނުން ރާއްޖެއަށް ވަމުން އަންނަ އެހީތެރިކަމުގެ މިސާލެއްކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވަނީ، ރާއްޖޭގެ ރަށްތައް އެކިތަންތަނުގައި އޮތުމާއި، ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެމައްޗަށް އުފެދިފައި އޮތް ތަނެއްގެ ގޮތުން، އެއްގަމާއި، ކަނޑާއި އަދި ވައިގެ މަގުން ރާއްޖޭގެ ސަރަޙައްދީ ރޮނގު ބެލެއްޓުމަކީ، އެމްއެންޑީއެފަށް މުހިންމުކަމެއްކަން ފާހަގަކުރައްވާފައެވެ.
މި ގޮތުން ކެއިކޯ ޔަނާއީ ވަނީ، މި ކަންތައްތަކުގައި ކަމާބެހޭ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކުރަން ޖެހޭނެކަމަށް ވިދާޅުވެފައެވެ.
ޖަޕާނުން މި އެހީދޭން ނިންމާފައިވާއިރު، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި، ކަމާބެހޭ އިދާރާތަކުން ބޭނުންކުރުމަށް، ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަނުން(ސީމެކް) މިއަދު ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

