ކޮވިޑްއަށް ޕޮޒިޓިވްވެފައިވާ ބިދޭސީންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހިޔާ ފެސިލިޓީގައި ކަންކަން އިންތިޒާމުކޮށްފައި ހުރީ އެންމެ ރަނގަޅަކަށް ނޫންކަން ފާހަގަކޮށް ހިއުމަން ރައިޓްސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެޗްއާރުސީއެމްއިން އާއްމު ކުރި ރިޕޯޓުގައި ބުނެފައިވަނީ، ކޮވިޑާއި ގުޅިގެން ސިއްހީ ގޮތުން އެކަހެރި ކުރާ މަރުކަޒުތަކަކީ ދައުލަތުގެ މިންގަނޑުތަކާއި އެއްގޮތަށް ފަރުމާކޮށްފައިވާ ތަނެއްތޯ ބަލައި އެތަނުގެ ހާލަތު ދެނެގަނެފައިވާ ކަމަށެވެ. އަދި މިގޮތަށް ފެސިލިޓީތަކަށް ޒިޔާރަތް ކުރުމުގެ ބޭނުމަކީ އެތަންތަނުގައި އެއްވެސް ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތަކެއް ހިނގާތޯ ބެލުން ކަމަށެވެ. އޭގެ އިތުރުން ފެސިލިޓީތަކުގައި އެންމެނާއި މެދު ވެސް އަމަލު ކުރެވެމުން ދަނީ ހަމަހަމަކާއި، އެއްވެސް ތަފާތު ކުރުމެއް ނެތިކަން ކަށަވަރު ކުރުން ކަމަށެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ގެ އަސަރު ރާއްޖެއިން ފެނުނުއިރު ވެސް ރާއްޖެއިން އައީ މިހާލަތައް ތައްޔާރުވަމުން ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި އާއްމު ސިއްހަތާއި ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުން ވަނީ ފާހަގަކޮށްފައެވެ. ރާއްޖެއިން ކޮމިއުނިޓީ ސްޕްރެޑެއް ފެނިއްޖެނަމަ މީހުން ކަރަންޓީނު ކުރާނެ ތަންތަން ކަނޑައެޅުމާއި އެކު ބައްޔަށް ޝައްކު ކުރެވޭ މީހުން، އަދި ބަލި ޖެހިފައި ހުންނަ މީހުން އެކަހެރި ކުރާ ފެސިލިޓީތައް ގާއިމް ކުރެވުނުކަން އެޗްއާރުސީއެމްއިން ވަނީ ފާހަގަކޮށްފައެވެ.
ހުޅުމާލޭގެ ހިޔާ މަރުކަޒަކީ އެގޮތުގެ މަތީން، ބިދޭސީންނަށް ހާއްސަކޮށްފައިވާ ފެސިލިޓީއެކެވެ. މި ފެސިލިޓީ ނުވަތަ މަރުކަޒު ބަލަހައްޓަމުން އަންނަނީ ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީންނެވެ. މި ފެސިލިޓީއަށް ޒިޔާރަތް ކުރުމަށްފަހު އެޗްއާރުސީއެމުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ރިޕޯޓުގައި ހިއްސާކޮށްފައެވެ. ރިޕޯޓުގައި ބުނެފައިވަނީ އެންޑީއެމްއޭއަކީ ޑިފެންސް މިނިސްޓަރުގެ ބެލެނިވެރިކަމުގެ ދަށުން ހިންގަމުން އަންނަތަނެއް ކަމަށެވެ. ހުޅުމާލޭގެ ހިޔާ އެމްއެންޑީއެފްއިން ބަލަހައްޓަމުންދާއިރު، ތަނުގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓަނީ ފުލުހުންގެ ފަރާތުން ކަމަށް ރިޕޯޓުގައި ވެއެވެ.
ބައްޔަށް ހުށަހެޅިފައިވާ މީހުން މަރުކަޒުގައި ކަރަންޓީނު ކުރަން ފަށާފައިވާނީ މޭއި މަހުގެ 06 ވަނަ ދުވަހު ކަމަށާއި، އެތަނަކީ 626 މީހުންގެ ޖާގައިގެ ތަނެއްކަމަށް އެޗްއާރުސީއެމްއިން ވަނީ ބުނެފައެވެ. އަދި އެ ކޮމިޝަނަށް ލިބިފައިވާ މައުލޫމާތުތަކުން ފެސިލިޓީގައި ސިއްހީ ފަރުވާދެމުންދަނީ ބިދޭސީ ފިރިހެނުންނަށް ކަމަށް ތަނުގައި ހަރަކާތްތެރިވާ އިސް މީހުންނާއި ހަވާލާދީ އެޗްއާރުސީއެމްއިން ވަނީ ބުނެފައެވެ.
ހަތަރު ފަންގިފިލާގެ އެތަން ބޭނުން ކުރަމުން އަންނަނީ، ދެ ބަޔަކަށް ބަހާލައިގެންނެވެ. އަދި މަރުކަޒުގެ ގްރައުންޑް ފްލޯގައި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓު (ޕީޕީއީ) ލާ ކޮޓަރި، ނަރުހުންގެ ތަކެތި ބެހެއްޓުމަށް ކޮޓަރިއެއް، އަދި ފާހަނާއެއް ހިމެނެއެވެ. މީގެ އިތުރުން މަރުކަޒުގެ އެއްވަނަ ފްލޯގައި ބަލި މީހުން ބޭތިއްބުމުގެ އިތުރުން މެސް ހޯލްއެއް، އަދި ދެވަނަ ފަންގިފިލާއަކީ ބަލި މީހުންނަށް ހާއްސަތަނެކެވެ. ތިންވަނަ ފަންފގިފިލާ ބޭނުން ކުރަމުން އަންނަނީ ޑޮކްޓަރަށް ދެއްކުމަށާއި، ސިއްހީގޮތުން ހާއްސަ ހާލަތަށް ގެނެވޭ ފަރާތްތައް އެކަހެރިކުރުމަށެވެ. އެއަށްފަހު ހަތަރު ވަނަ ފަންގިފިލާ ހާއްސަކުރެވިފައިވަނީ އިދާރީ މަސައްކަތް ކުރުމާއި، ސްޓޮކްކުރުމަށް އަދި މުވައްޒަފުންގެ އެހެނިހެން ބޭނުންތަކަށެވެ.

ފެސިލިޓީއަށް ޒިޔާރަތް ކުރުމަށްފަހު ފާހަގަކުރެވުނު ކަންތަކާއި ގުޅޭގޮތުން އެޗްއާރުސީއެމްއިން ބުނެފައިވަނީ މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ތަނުގައި ތިބި ބިދޭސީންގެ ގޮތުގައި 302 މީހެއްގެ ނަން ނޯޓުކޮށްފައިވާ ކަމަށެވެ.
ވޯޑުގައި ބެހެއްޓިފައިވާ އެނދުތަކުގެ ދެމެދުގައި މާބޮޑު ދުރުމިނެއް ނެތް ކަމަށް އެޗްއާރުސީއެމްއިން ވަނީ ބުނެފައެވެ. ކޮވިޑާއި ގުޅިގެން ހެލްތް މިނިސްޓްރީއިން ތައްޔާރުކޮށްފައިވާ ކަރަންޓީން ފެސިލިޓީ މެނޭޖްމެންޓު ހޭންޑް ބުކްގައި ވާގޮތުން ފެސިލިޓީތަކުގައި ކޮންމެ މީހަކަށް އެނދެ ނެތްނަމަ އެނދުތައް ބޮޑެތި ހޯލުތަކުގައި ބަހައްޓާނަމަ ބަހައްޓަންވާނީ ކޮންމެ މީހަކަށް ވަކީން އެނދެއްކަމަށް ވަނީ ބުނެފައެވެ. އަދި އެނދުތައް ހުންނަން ވާނީ އެއް އެނދު އަނެއް އެނދާއި އެއް މީޓަރު ދުރުމިނެއްގައި ބަހައްޓާފައިކަމަށް ވަނީ ބުނެފައެވެ.
މަރުކަޒުގައި ގިނަ އަދަދެއްގެ ބަލި މީހުން ވޯޑުތަކުގައި ތިބިއިރު އެކަށީގެންވާ ގައިދުރުކަން ނުބެހެއްޓޭކަމަށް ވަނީ ބުނެފައެވެ. ތަނުގައި ތިބި މީހުން ބޭނުން ކުރަން ހުރީ 30 ފާހަނާކަމަށްވާއިރު، ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާގައި ހުރި ފާހަނާތަކުގެ ފާހަނާތަށިތައް ރަނގަޅަށް ހަރުނުކޮށް ހުރިކަމަށް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަން މަރުކަޒުގައި ތިބި މީހުން ވެސް ހިއްސާކޮށްފައިވާކަމަށް އެޗްއާރުސީއެމްއިން ވަނީ ބުނެފައެވެ.
ފެންވެރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ކައިރި ކައިރީގައި ބަހައްޓާފައިވާ ޝަވަރުތަކެއް ބޭނުންކޮށްގެންނެވެ. އަދި އެތަނުގައި ފެންވަރާއިރު އެއްވެސް ހުރަހެއްނެތި ގާތްގާތުގައި ތިބެން ޖެހުމާއި އެކު، އެއްވެސް ނިވާކުރުމެއް ނެތް ކަމަށް އެޗްއާރުސީއެމްއިން ވަނީ ބުނެފައެވެ. އަދި ފެން ދައުރުވުމަށް ތަނެއް ނެތުމުން، ފެންވަރާ ފެންގަނޑު ބޭރުވާކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ. ވޯޑުތައް ހަދާފައި ހުރީ، ޑޯމްގޮތަށް ބޮޑުކޮށް ކަމުން ވައި ދައުރުވީ ނަމަވެސް ވޯޑުތަކުގައި ފަންކާއެއް ނެތްކަމުން ދުވާލުގަޑީ ތަނުގެ ހޫނުމިން އިންތިހާއަށް ގަދަވާކަމަށް އެތަނުގައި ތިބި މީހުން މައުލޫމާތު ދޭ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. ތަނުގައި މަދިރި ގިނަކަމުން، ދެ ދުވަހުން އެއް ދުވަހު ފޮގްކުރުން ކުރިޔަށް ގެންދެއެވެ.
މި މަރުކަޒުތަކުގައި ތިބި މީހުންނަކީ، މާލޭގެ އެކި ގެތަކުންނާއި، އެހެނިހެން ކަރަންޓީން މަރުކަޒުތަކުން ބައްޔަށް ޕޮޒިޓިވްވުމުން ބަދަލުކުރި މީހުން ކަމަށްވާއިރު، އެ މީހުން މަރުކަޒަށް ގެނެވޭއިރު އެ މީހުންނާއި ބެހޭ އެއްވެސް ސިއްހީ ލިޔެކިޔުމެއް ނުވަތަ އެ މީހަކީ ކާކުކަމާއި ކޮންތަނަކުން ގެނައި މީހެއްކަން އެނގޭނެ ގޮތެއް ނެތް ކަމަށް އެ ރިޕޯޓުގައި ވެއެވެ. ފުރަތަމަ ސާމްޕަލް ޕޮޒިޓިވްވިއިރު، އެ މީހުންގެ އިތުރު ސާމްޕަލްއެއް ނަގާފައިނުވާކަމަށް އެޗްއާރުސީއެމްއިން ވަނީ ބުނެފައެވެ. އަދި އެ މީހެއްގެ ނަތީޖާ ޕޮޒިޓިވްކަން ނުވަތަ ނެގެޓިވްކަން ލިޔެކިޔުމަކުން އަންގާފައިނުވާކަމަށް އެޗްއާރުސީއެމްއިން ވަނީ ބުނެފައެވެ.
ބައެއް ބިދޭސީންގެ ނަތީޖާތައް ނެގެޓިވްކަމަށް އެންގި އެންގުން ފޯނުން ކޮމިޝަނަށް ބިދޭސީން ދައްކާފައިވާކަމަށް ރިޕޯޓުގައިވެއެވެ. އަދި އެކި މަރުކަޒުތަކުން ބަދަލުކޮށްފައިވާ ބައެއް މީހުން 28 ދުވަސް ކަރަންޓީނުގައި ހޭދަކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.
މަރުކަޒުގައި މާސްކު، ސެނެޓައިޒާ ފޯރުކޮށްނުދޭއިރު ބައެއް މީހުން ބޭނުން ކުރަނީ އާއިލާ ނުވަތަ އެ މީހުންގެ އެކުވެރިން ފޮނުވާފައި ހުރިތަކެތިކަމަށް އެޗްއާރުސީއެމްއިން ވަނީ ބުނެފައެވެ. އަދި މާސްކު ނެތް މީހުން އެ މީހުންގެ އަންނައުނުން އަނގަމަތި ނިވާކުރާކަމަށް ރިޕޯޓުގައިވެއެވެ. އެޗްއާރުސީއެމްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ތަނުގައި ބަލި ޖެހިފައި ހުރި މީހުން ތިބިއިރު ވެސް އެއްވެސް ވަރަކަށް ޑިސްއިންފެކްޓު ނުކުރެއެވެ.

މަރުކަޒުގައި އެކި ގައުމުތަކަށް ނިސްބަތް ވާ މީހުން ގިންތިކޮށްފައިނުވާއިރު އެ މީހުންގެ މެދުގައި ޒުވާބުކުރުން ގިނަކަމަށް ވެއެވެ. އަދި ހިޔާ ފެސިލިޓީގައި އެކި ގައުމުތަކުގެ މީހުން ތިބޭއިރު ތަރުޖަމާނަކު ވެސް ނެތް ކަމަށާއި އެހީ ހޯދާނެ ގޮތެއް ވެސް އެ މީހުންނަށް އަންގާފައި ނުވާކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.
މަރުކަޒުގައި ތިބި ފަރާތްތަކުން ކަމަކަށް ބޭނުންވެއްޖެ ނަމަ ކޮންމެ ވޯޑަކުން ވެސް މަރުކަޒަށް ގެނެވިފައިވާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ކަނޑައަޅާ ފައިވާ ޚާއްޞަ ފަރާތްއް މަރުކަޒު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް ފޯނުން ގުޅައި އަންގަމުންދާންޖެހޭކަމަށް މަރުކަޒުގައި ތިބި ފަރާތްތަކުން އަދި މަރުކަޒު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން މަޢުލޫމާތު ދީފައިވީ ނަމަވެސް މަރުކަޒުގައި ތިބި ފަރާތްތަކުގެ ސާމްޕަލް ނެގުމާއި އެހެނިގެން ކަންކަމުގައި ގުޅުމުން އެދެވެ ޖަވާބެއް ނުދީ ފޯނު ކަނޑާލާކަމަށް މަރުކަޒުގައި ތިބި ފަރްތްތަކުން ދީފައިވާ މަޢުލޫމާތުން ފާހަގަކުރެވޭކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ސިއްހީ ކުއްލި އެހީއެއް ބޭނުންވެއްޖެނަމަ ގުޅޭނެ ނަމްބަރެއް ވެސް ދީފައިނުވާކަމަށް އެޗްއާރުސީއެމްއިން ވަނީ ބުނެފައެވެ. އަދި މަރުކަޒުގައި ޑޮކްޓަރަށް ދައްކާ މީހުންނަށް ދޭން އެކަށީގެންވާ މިންވަރަށް ބޭސް ނެތް އިރު، މިވަގުތު ބިދޭސީންނަށް ފޯރުކޮށްދެމުން ދަނީ ޕެނަޑޯލްއާއި ކޯފް ސިރަޕްކަމަށް މައުލޫމާތު ދީފައިވާކަމަށް ރިޕޯޓުގައި ވެއެވެ. ބިދޭސީންނަށް އެ ސިއްހީ ގޮތުން ވެސް މައުލޫމާތު ނުދޭކަމަށް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.
އޭގެ އިތުރުން މަރުކަޒުގައި ތިބޭ މީހުންގެ އާއިލާއަށް ގުޅޭނެ އިންތިޒާމެއް ހަމަޖައްސާފައި ނުވާއިރު، ބިދޭސީން ކަންކަމާއި ފިކުރުބޮޑުވެ ހާސްވުމުން ސައިކޯ ސޯޝަލް ސަޕޯޓް ދެވޭނެ އިންތިޒާމެއް ނެތް ކަމަށް ރިޕޯޓުގައި ވެއެވެ.
މާލެއިން ޕޮޒިޓިވްވި ކޭސްތަކަކާ ގުޅިގެން، ކަރަންޓީނަށް ގެންދިޔަ ބިދޭސީ މަސައްކަތްތެރިންތަކެއް އިންސާނުން ބައިތިއްބަން އެކަށީގެން ނުވާ ތަނަކަށް ގެންދިޔައެވެ. އެ މައްސަލައިގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް މާފަށް ވެސް އެދުނެވެ.
ކޮމިޝަނުނުގެ ރިޕޯޓުގައި ފާހަގަކޮށްފައި ހުރީ ދިވެހިން ބޭތިއްބި ފެސިލިޓީއެއްގެ ވާހަކަނަމަ މިހާރު އެކަންކަން ރަނގަޅުކުރުމަށް އެތައް ބަޔަކު ނިކުތީހެވެ. އެންމެ ފުރަތަމަ ބިދޭސީން ގެންގޮސް ލީ، ޓިނު ގޭގެ ވާހަކަ ބަޔަކު ފަޅާއަރުވާނުލިނަމަ އެ މީހުން އަދިވެސް ތިބޭނީ ހަމައެތަންތަނުގައެވެ.
މާލޭގައި ކުޑަ ކޮޓަރިތަކުގައި އެތައް ބިދޭސީންނެއް ދިރިއުޅެއެވެ. އަދި އެތަންނުގައި އެކަށީގެންވާ ސާފުތާހިރުކަމެއް ނުހުންނައިރު، އެއީ އިންސާނުން ދިރިއުޅެންވެސް ހެޔޮވާވަރުގެ ތަންތަނެއް ނޫނެވެ. މީގެ ސަބަބުން ބަލި ނުރައްކާވާ މިންވަރަކަށް ބިދޭސީންގެ މެދުގައި ފެތުރިދާނެކަމަށް ބެލެވެއެވެ. އަދި އެކަމާއި ގުޅިގެން ބައެއް ބިދޭސީން ވަނީ ރަނގަޅު ތަންތަނަށް ވަގުތީގޮތުން ބަދަލު ކުރެވިފައެވެ. މިހާތަނަށް 1،500 އަށް ވުރެ ގިނަ ބިދޭސީން ގުޅިފަޅު އަދި ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ބައެއް ތަންތަނަށް މިހާރުވެސް ބަދަލުކުރެވިފައިވާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް، ސުވާލަކީ އެ މީހުންނާއި މެދު ކަންތައް ކުރަނީ ހަމަ އެންމެ އިންސާފުވެރިކޮށްތޯއެވެ.

