އޭލެވެލްއާއި އޯލެވެލް ސެޓްފިކެޓް ލިބުން ލަސްވާކުދިންނަށް، މިހާރު ދޫކޮށްފައިވާ ޓްރާންސްކްރިޕްޓާއެކު މަތީ ތަޢުލީމުގެ ފުރުސަތަށް ހުށަހެޅޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މި ކަން ހާމަކޮށް އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ހުސްވި އަހަރުގެ އޮކްޓޫބަރ/ނޮވެމްބަރ ގައި އޭލެވެލްއާއި އޯލެވެލް އިމްތިޙާނު ހަދާފައިވާ ދަރިވަރުންނަށް ސެޓުފިކެޓުތައް ލިބުން ލަސްވާތީ، އެ ކަމާބެހޭގޮތުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާކަމަށެވެ.
މި ގޮތުން އެ ކަންބޮޑުވުންތަކާ ބެހޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އޭލެވެލްއާއި އޯލެވެލް ސެޓްފިކެޓްތަކަކީ، ކެމްބްރިޖް ޔުނިވަރސިޓީން ޕްރިންޓްކޮށް ސިލްޖަހައިގެން ފޮނުވާތަކެތި ކަމަށާއި، ސެޓްފިކެޓްތައް ޕްރިންޓްކުރާނީ، ރީޗެކް މަރުހަލާނިމި ދަރިވަރުންގެ ނަތީޖާތައް ކަށަވަރުވުމުންކަމަށެވެ.
މީގެ އިތުރުން، އެޑިއުކޭޝަނުން ބުނީ ރީޗެކް މަރުހަލާ ނިމި ސެޓްފިކެޓްތައް ފޮނުވުމާއި ހަމައަށްއައިއިރު، ކޮވިޑް-19 އިގެ ސަބަބުން، އިނގިރޭސިވިލާތާއި އެހެން ޤައުމުތަކުގެ އެއަރޕޯޓްތައް ބަންދުކޮށް ލޮކްޑައުންކޮށްފައިވާ ކަމަށެވެ.
މި ގޮތުން، ހުރި ގޮންޖެހުންތަކުގެ ސަބަބުން ސެޓްފިކެޓްތައް ގެނެވިފައިނުވާކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
އެޑިއުކޭޝަނުން ބުނީ ސެޓްފިކެޓްތައް ލިބުން ލަސްވަނީ، އިމްތިޙާނުތައް ފޯރުކޮށްދޭ މައި މަރުކަޒުތަކަށް ސެޓްފިކެޓްތައް ފޮނުވުމުގައި ދިމާވެގެންއުޅޭ ދަތިތަކެއްގެ ސަބަބުންކަމަށާއި، ލިބުނުހައި އަވަހަށް އެ ތަކެތި ފޯރުކޮށްދޭނެކަމަށެވެ.
ނަމަވެސް ލިބުން ލަސްވާނަމަ، މިހާރު ދޫކޮށްފައިވާ ޓްރާންސްކްރިޕްޓާއެކު މަތީ ތަޢުލީމުގެ ފުރުސަތަށް ހުށަހެޅޭނެކަމަށާއި، އަދި ނަތީޖާގެ ކަށަވަރުކަން ޔަޤީންކުރުމަށް އިތުރު ލިޔުމެއް ބޭނުންވާނަމަ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނަށް ހުށަހެޅުމުން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާނެކަމަށެވެ.
މިގޮތުން އިތުރު ލިޔުން ބޭނުންވާ ފަރާތްތަކުން، examofficer@.dpe.edu.mv އަށް ފޮނުވުމަށް އެ މިނިސްޓްރީންވަނީ އެދިފައެވެ.

