ރާއްޖޭގައި ކޮވިޑު-19 ޖެހިގެން ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއިން ބަލީން ރަނގަޅު ވީ މީހުންގެ އަދަދު 104 އަށް އަރައިފިއެވެ.
ކޮވިޑާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތައް ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ކޮވިޑަށް ހާއްސަ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ކޮވިޑު ކޭސްތަކުގެ ތަފްސީލީ މައުލޫމާތައް އެ ވެބްސައިޓު މެދުވެރިކޮށް ލިބޭއިރު ކޮވިޑުގެ ތަފާސް ހިސާބުތައް ފޯރުކޮށް ދޭ ޑޭޝްބޯޑުގައި ވާ ގޮތުން މިހާތަނަށް ބަލީން ރަނގަޅު ވީ މީހުންގެ އަދަދަކީ 104 އެވެ. އަދި އޭގެ މައުލޫމާތުތައް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވެސް ވަނީ ހިއްސާކުރައްވާފައެވެ.
ރާއްޖޭގައި މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 1،216 އަށް އަރާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ރިޕޯޓުކޮށްފައިވަނީ 1،106 ކޭސްއެކެވެ. އަދި މިއަދު 21 މީހަކަށް ކޮވިޑު ޖެހިގެން ވަނީ ރިޕޯޓުކޮށްފައެވެ. ރާއްޖޭގައި ކޮވިޑު ޖެހިގެން 4 މީހަކު ވަނީ ނިޔާވެފައެވެ. މީގެ އިތުރުން ކޮވިޑް ޖެހުމަށްފަހު ރަނގަޅުވީ ދުވަސްވީ އަންހެން މިރޭގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ. އެއީ މަނަދޫއިން ފުރަތަމަ ކޮވިޑް ޖެހުނު މީހާއެވެ. އެމީހާ އެ ބަލިން ރަނގަޅު ވެފައިވާކަމަށް ހެލްތް މިނިސްޓްރީން ހާމަކުރީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ. އޭނާ ނިޔާވީ ކޮވިޑުން ރަނގަޅުވެފައިވަނިކޮށް ސިއްހީ އެހެން މައްސަލަތަކެއް ދިމާވެގެންނެވެ.
ބައެއް ކޭސްތަކުގެ ރިކަވަރީ ރޭޓު ދަށްވުމާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑު ޖެހިފާ މީހަކު ބަލިން ރަނގަޅުވީ ތޯ ސާމްޕަލް ނަގާނީ އެ މީހެއްގެ ހުރިހާ އަލާމާތެއް ނެތި ދިއުމުން ކަމަށެވެ. އަދި ކިރިޔާ ވެސް ރޯގާގެ އަލާމާތެއް ނުވަތަ ހިކި ކެއްސުމެއް ހުންނަ ކަމުގައި ވާނަމަ ވެސް އެކަން އެކީ ރަނގަޅުވަން ދެން މަޑު ކުރާ ކަމަށެވެ. ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑުގެ ޕޭޝަންޓެއް ބަލީން ރަނގަޅުވީ ކަމަށް ކަނޑައަޅަނީ އެ މީހެއްގެ ދެ ސާމްޕަލްއެއް ނަގާ އެ ދެ ސާމްޕަލް ވެސް ނެގެޓީވް ވުމުން ކަމަށެވެ.

