ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލުން ލޯނު ދޭން ނިންމި ކުންފުނިތަކުން މުވައްޒަފުން ދެވަނަ ފަހަރަށް ވަކިކޮށްފިނަމަ ފިޔަވަޅު އަޅާނަން: ފިނޭންސް

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކެޓިވް ސަރުވާޝް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އިއުލާނު ކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖުގެ ދަށުން ލޯނު ހޯދާ ފަރާތްތަކުން ލޯނު ލިބުމަށް ފަހު އަނެއްކާވެސް މުވައްޒަފުން ވަކިކޮށް، ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ އެ މީހުންނާއި މެދު ފިޔަވަޅު އެޅާނެކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ސަރުކާރުން ދޭ ސްޓިމިއުލަސް ޕެކޭޖުގެ މައިގަނޑު މަގްސަދަކީ ކުންފުނިތަކަށް ދިމާވެފައިވާ މާލީ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ. ކޮވިޑުގެ ހާލަތާއި އެކު ކުންފުނިތަކުން ވަނީ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ބައެއް މުވައްޒަފުން އެއްވެސް މުއްދަތެއް ނެތް ގޮތަށް ނޯޕޭއަކަށް ފޮނުވާފައެވެ. އަދި އެކަމާއި ގުޅިގެން އާއްމުންގެ ބޮޑެތި ޝަކުވާތަކާއި ކަންބޮޑުވުންތައް ވެސް ސޯޝަލް މީޑިއާގައި ފެންމަތިވެގެން ދިޔައެވެ.

ކުންފުނިތަކަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން އިގްތިސޯދު ވަރަށް ބޮޑުތަނުން ދަށްވެފައިވާއިރު ސަރުކާރުން އެންމެ ފުރަތަމަ ނިންމީ، މުވައްޒަފުންގެ މުސާރަ ކުޑަކުރުމާއި، ވަޒިފައިން ވަކި ކުރުން އަދި ނޯޕޭއަކަށް މުވައްޒަފުން ފޮނުވާފައިވާ ކުންފުންޏެއްނަމަ ސްޓިމިއުލަސް ޕެކޭޖުގެ ލޯނު ދޫ ނުކުރުމަށެވެ. އެހެން ނަމަވެސް، އޭރުވެސް ނޫސްވެރިން ވަނީ އެކަން މޮނީޓަރ ކުރެވޭނެ ގޮތަކީ ކޮބައިތޯ ބުނެ ސުވާލު އުފައްދާފައެވެ.

ވަޒީފާއިން ވަކި ކުރި މުވައްޒަފުންނާއި، ނޯޕޭއަކަށް ފޮނުވި މުވައްޒަފުން ރެޖިސްޓްރީކުރުމަށް ވަކި ހާއްސަ ޕޯޓަލްއެއް ވެސް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައި ގާއިމް ކުރެވުނެވެ. އަދި ގިނަ އަދަދެއްގެ މުވައްޒަފުން އެ ޕޯޓަލްގައި ރެޖިސްޓްރީ ވެސް ކުރިއެވެ. އެ ޕެކޭޖްގެ ދަށުން ވިޔަފާރިތަކުގެ ވޯކިން ކެޕިޓަލް ރަނގަޅު ކުރުމަށް ޓަކައި، ތިން އަހަރުން ދައްކާ ގޮތަށް ހަ މަހުގެ ގްރޭސް ޕީރިޑިއަކާއެކު ހަ ޕަސެންޓްގެ އިންޓްރެސްޓްގައި ފައިސާ ދޫކުރާނެ އެވެ. އެ ޕެކޭޖްގެ ބޭނުން ހިފާނަމަ މުވައްޒަފުން މަދު ނުކުރަން ކުންފުނިތަކަށް ޝަރުތު ކުރެ އެވެ.

މިދިޔަ ހަފްތާގައި ނޫސްވެރިންނާއި ބައްދަލުކޮށް އަމީރު ވަނީ، ލޯނުތައް ދޫނުކުރަން ނިންމި ކުންފުނިތަކަށް ޝަރުތުތަކެއްކޮށް ލޯނުތައް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. ސްޑީފީއެފްސީގެ އިތުރުން ބީއެމްއެލް މެދުވެރިކޮށް ހުށަހެޅި އެޕްލިކޭޝަންތަކުގެ ތެރެއިން ރިޖެކްޓް ކުރި ފަރާތްތަކުގެ ތެރޭގައި، މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ މުސާރަ ކުޑަކޮށްފައިވާ ކުންފުނިތައް ހިމެނޭއިރު އެ ކުންފުނިތަކަށް ދަތިވާކަން ފާހަގަކުރެވިފައިވާކަމަށް އަމީރު ވިދާޅުވިއެވެ. އެހެން ކަމުން، ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ވަޒީފާ އަލުން އިޔާދަކުރުމާއި މުސާރަ 5،000 އަށް ވުރެ ކުޑަނުކުރުމަށް ފިނޭންސްއިން ޝަރުތުކުރިއެވެ.

”މިސާލަކަށް، ލޯނު މިއަދު ލިބުނީމާ މާދަމަ މުވައްޒަފުން ވަޒީފާއިން ވަކި ކުރާނަމަ، ލޯނުގެ އިންޓަރެސްޓް ރޭޓު މާކެޓް ރޭޓަށް ބަދަލު ކުރުމުގެ ބާރު އެއްބަސްވުމުގެ ތެރެއިން ލިބޭނެ،“ ސަރުވާޝް

ރިލީފް ޕެކޭޖާއި ގުޅިގެން، އެ ކުންފުނިތަކުން މުވައްޒަފުންނާއި މެދު ފަހުން އަމަލު ކުރާގޮތް ބަލާނެތޯ އަދި އެކަން ކިހާވަރަކަށް މޮނީޓާރ ކުރެވޭނެތޯ ”ސަންގު“ އިން ސުވާލު ކުރުމުން މިނިސްޓްރީގެ ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވާޝް އާދަމް ވިދާޅުވީ ލޯނު ދޫކުރުމަށް ފަހު މުވައްޒަފުން ވަކި ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ޖާގަ ދެ ފަރާތާއި ދެމެދުވާ ލޯނު އެއްބަސްވުމުގެ ދަށުން ލިބިގެންވާ ކަމަށެވެ. އަދި ލޯނުތައް ދޫކުރަނީ ވަކިވަކި ބައިތަކަށް ބަހާލައިގެންކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބުން ލޯނު އެއްބަސްވުމާއި ކުންފުންޏަކުން ހިލާފުވެއްޖެނަމަ ލޯނުގެ އަނެއްބައި ހިފެހެއްޓުމާއި، އިންޓްރެސްޓު ރޭޓު އިތުރުކުރުން ހިމަނާފައިވާނެކަމަށެވެ. ކުންފުނިތަކުން ސޮއިކުރާ އެއްބަސްވުމުގައި އެ ނުކުތާތައް ހިމަނާފައިވާނެކަމަށް ސަރުވާން ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ ވަޒީފާގެ ގެއްލުން ލިބުނު މުވައްޒަފުންނަށް ދޭ އިންކަމް ސަޕޯޓު އެލަވެންސް ދޫކުރަން ފަށާފައިވާ ކަމަށެވެ. މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން ދޫކުރާ އެ ފައިސާ 69 ފަރާތަކަށް އެންސްޕާ މެދުވެރިކޮށް ލިބޭނެކަމަށް އަމީރު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދު ދަށްވެ މާލީ ދަތިތަކެއް ކުރިމަތިވެފައިވާތީ ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖެއް ތައާރަފުކޮށްފަ އެވެ. ނަމަވެސް މި ހާލަތާއި ގުޅިގެން މުވައްޒަފުން ވަޒީފާ އިން ވަކިކޮށް ނޯޕޭއަށް ފޮނުވުމާއި މުސާރައިން ބައެއް އުނިކޮށްފައިވާ ކުންފުނިތައް ކޮވިޑް-19 ރިކަވަރީ ޕްރޮގްރާމްގެ ދަށުން ލޯނު ނުދޭން ކުރިން ސަރުކާރުން ނިންމިއެވެ.

އަމީރު ވިދާޅުވީ، އެސްޑީފީއެފްސީގެ އިތުރުން ބީއެމްއެލް މެދުވެރިކޮށް ހުށަހެޅި އެޕްލިކޭޝަންތަކުގެ ތެރެއިން ލޯނު ނުދޭން ނިންމި ފަރާތްތަކުގެ ތެރޭގައި، މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ މުސާރަ ކުޑަކޮށްފައިވާ ކުންފުނިތައް ހިމެނޭ ކަމަށެވެ.

އެފަދަ ކުންފުނިތަކަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމީ ގިނަ ކުންފުނިތަކަކަށް ދަތިތަކާއި ކުރިމަތިވަމުން އަންނާތީ، ލޯނު ދޫކުރުމުގެ މައިގަނޑު ޝަރުތު ފުރިހަމަކުރަން އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ކަމަށް އަމީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: