އެއްވެސް ހުއްދައެއްނެތި އދ.އޮމަދުއަށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
މި ކަން ހާމަކޮށް ފުލުހުން ބުނީ، ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ހުއްދައެއްނެތި، މާލޭ ސިޓީން ފުރައިގެން އދ.އޮމަދުއަށް ދިޔަ މީހަކު ކޯޓު އަމުރެއްގެ ދަށުން މިހާރު ހައްޔަރުކޮށްފައިވާކަމަށެވެ.
މި ކަމާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާ ހައްޔަރުކޮށްފައިވަނީ، ހޮނިހިރު ދުވަހުކަމަށާއި، އެއީ ދިވެހި އަންހެނެއްކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ މިހާރު ތަޙުޤީޤުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
ކޮވިޑް-19 އާއި ގުޅިގެން އެއްރަށުން އަނެއް ރަށަށް ދިއުން މަނާކޮށްފައިވާ ހާލަތުގައި، ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފުވާ މީހުންނާމެދު ފިޔަވަޅު އަޅާނެކަމަށް ސަރުކާރުން ވަނީ އަންގާފައެވެ. ނަމަވެސް، އުސޫލުތަކާއި ޚިލާފުވެ އެއްރަށުން އަނެއްރަށަށް ގޮސްފައިވާ އެތައްބަޔަކު މީގެ ކުރިން ވެސް ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި އެއްވެސް ހުއްދައެއްނެތި އޮމަދޫން ފުރައިގެންދާން މަސައްކަތްކުރި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

