ކޮވިޑް-19 އަށް ހުށަހެޅޭ މީހުން ހޯމް ކަރަންޓީނު ކުރުމުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އެކުލަވާލައިފިއެވެ.
އެޗްޕީއޭ އިން އެކުލަވާލި އުސޫލުގައި އަލާމާތެއް ނުފެނި ކޮވިޑަށް ހުށަހެޅޭ މީހުންގެ ތެރެއިން ގޭގައި ކަރަންޓީނު ވާން ބޭނުންވާ މީހުން އެކަން އެންގުމަށްވެސް އެދިފައިވެއެވެ.
ގޭގައި ކަރަންޓީން ކުރުމުގެ އުސޫލުގައި ވާ ގޮތުން ގޭގައި އެކަހެރި ކުރެވޭނީ ކަނޑައަޅާފައިވާ ވަކި ޝަރުތުތަކެއް ފުރިހަމަވާ ގެއެއް ނުވަތަ ތަންތަނުގައެވެ.
އެގޮތުން ދިރިއުޅޭ ތަނާއި މީހުންގެ އަދަދާއި އެ ގެއެއްގައި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ދާއިމީ ބައްޔަކަށް ބޭސްކުރާ މީހުން ތިބި ނަމަ އެހުރިހާ މައުލޫމާތެއް ހިއްސާ ކުރަންޖެހެއެވެ.
ގޭގައި ކަރަންޓީން ކުރާ ގޮތަށް ހަމަޖައްސާފައި ވަނީ 14 ދުވަހަށެވެ. އެ މުއްދަތު ހަމަވުމުން ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ވުމުން ކަރަންޓީނުން ދޫކޮށްލާނެ އެވެ.
އެޗްޕީއޭއިން އާންމު ކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ ކަރަންޓީން ކުރާ މީހާ ބެހެއްޓުން އެންމެ އެކަށީގެންވަނީ ފާޚާނާ އެކު ހުންނަ ކޮޓަރިއެއްގައި ކަމަށެވެ. އަދި އެތަނަކީ ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހުންނަ ތަނަކަށް ވާން ޖެހެއެވެ.
އެއް ކޮޓަރިއެއްގައި އެކަކަށް ވުރެން ގިނަ މީހުން ކަރަންޓީން ކުރާ ނަމަ ދެ އެނދު ދޭތެރޭގައި މަދުވެގެން ތިން ފޫޓު ހުރުމާއި ފާޚާނާގައި ސާފު ފެން ލިބުމާ އެކު ރައްކާތެރި ގޮތެއްގައި އަތް ދޮވެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަންވާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ،
މީގެ އިތުރުން އެކަކަށް ވުރެން ގިނަ މީހުން ފާޚާނާ ބޭނުންކުރާ ނަމަ ފާޚާނާގެ އިސްކުރާއި ދޮރުގެ ތަޅާއި ފާޚާނާ ތަށިގަނޑާއި މޫނު ދޮންނަ ތަށި ފަދަ ތަންތަން ޑިޓާޖަންޓް ބޭނުންކޮށްގެން މަދުވެގެން ދުވާލަކު ދެ ފަހަރު ސާފުކުރަންޖެހެއެވެ.
އެޗްޕީއޭ އިން އެކުލަވާލި އުސޫލުގައިވާ ގޮތުން ގޭގައި އުޅޭ އުމުރުން 60 އަހަރުން މަތީގެ ނުވަތަ ދާއިމީ ބައްޔަކަށް ބޭސްކުރާ މީހުންނާ އެއް ފާޚާނާއެއް، ކަރަންޓީންގައި ހުންނަ މީހާ ބޭނުންކޮށްގެން ނުވާނެއެވެ.
ކަރަންޓީންގައި ހުންނަ މީހާ ގެންގުޅޭ ތަކެއްޗާއި އަންނައުނު ވަކިން ގެންގުޅުމާއި ވަކިން ދޮވެ ހެދުމާއި މީހަކު ކަރަންޓީންކޮށްފައިވާ ގެއަކަށް އެހެން މީހުންނަށް ޒިޔާރަތް ނުކުރެވުމުގެ އިތުރުން ކަރަންޓީންގައި ހުންނަ މީހާ ވެސް ގެއިން ބޭރަށް ދިއުން ވަނީ މަނާކޮށްކޮށްފައެވެ.
އުމުރުން 60 އަހަރުން މަތީގެ މީހެއް ނުވަތަ ދާއިމީ ބައްޔަކަށް ބޭސްކުރާ މީހަކު ގޭގައި ކަރަންޓީން ކުރާނީ އޭނާގެ އެހީތެރިއެއް ހުރި ނަމައެވެ. އެހީތެރިއަކު ނެތް މީހުން ކަރަންޓީން ކުރާނީ ސަރުކާރުން ކަނޑައަޅާފައިވާ ފެސިލިޓީއެއްގައެވެ.

