އެމްއެމްޕީއާރުސީގެ ޚިޔާނާތާއި، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގަށް ވީ ގޮތް ސާފުކުރުމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުޢިއްޒު ހުށަހަޅި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމެޓީއަކަށް ފޮނުވައިފި އެވެ.
މަޖިލީހުން ކުރި ޓްވީޓެއްގައިވަނީ އެ މައްސަލަތައް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ އަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވާފައިވާ ކަމަށެވެ.
ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޢިއްޒު ހުށަހެޅުއްވި މި މައްސަލައިގައި ވިދާޅުވެފައިވަނީ، އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާއި، ގެއްލުވާލާފައިވާ މީހުންނާއި، ގޮތްނޭނގޭ ގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކޮށް އިންސާފު ހޯދައިދިނުމަކީ، އެމްޑީޕީއާއި މި ސަރުކާރުގެ ވަޢުދެއްކަމަށެވެ.
އެހެންކަމުން، އެ މައްލަސަލަތައް މިހާރު ގޮސްފައިވާ ހިސާބު ސާފުނުވާތީ، އެ މައްސަލަތައް ބެލުމުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބާއި، އެ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ނުގެންދެވި ލަސްވާ ސަބަވު އޮޅުންފިލުއްވަން ބޭނުންވެލައްވާ ކަމަށެވެ.
އަދި އެއްވެސް ނުފޫޒެއްނެތި އިތުބާރުހިފޭ ނިޒާމެއްގެ ތެރެއިން ނަތީޖާ ނެރެވޭނެފަދައިން، އެ މައްސަލަތަކާއިމެދު އަމަލުކުރަމުންދޭތޯ ޔަޤީންކުރައްވަން ބޭނުންވެލައްވާކަމަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ދެ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ. ނަމަވެސް އެ ދެ ކޮމިޝަނުން މިހާތަނަށް އެއްވެސް މައްސަލައެއްގެ ތަހުގީގު ނިންމާފައެއް ނުވެ އެވެ.
ރައީސް ސޯލިހު އުފެއްދެވި ދެ ކޮމިޝަނުން ބަލަމުންދިޔަ ބައެއް މައްސަލަތަކުގެ ތެރެއިން ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާ ބެހޭ ބައެއް މައުލޫމާތު ކުރިން އާންމުކުރި އެވެ.
އޭގެ ފަހުން ދެ ކޮމިޝަނުގައި ހިނމެނިވަޑައިގަންނަވާ ބައެއް ފޭޅުން އިސްތިއުވާ ދެއްވާފައިވެއެވެ. އަދި މަރުކޮމިޝަނުގެ ރައީސަކަށް ހުންނެވި ހުސްނުއް ސުއޫދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައެވެ.

