ބައިނަލްއަގްވާމީ ބާޒާރުގައި މުދަލާއި ހިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނަށާއި ކުދި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާނުކުރެއްވީ ”މޯލްޑިވްސް އެކްސްޕޯ 2026“ ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި އުފެއްދުންތެރިންނަށާއި ކުދި ވިޔަފާރިތަކަށް ބޭރު ގައުމުތަކުން ފައިސާ ލިބިގަތުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަތުމުގެ ފުރުސަތު ފަހިކޮށްދެއްވާފައިވާ ކަމަށެވެ.
މީގެއިތުރުން، އެގޮތަށް ލިބޭ ޑޮލަރުން ކާޑު މެދުވެރިކޮށް އަދި ރެމިޓެންސްގެ ހިދުމަތް ބޭނުންކޮށްގެން، ރާއްޖެއިން ބޭރުން މުދަލާއި ހިދުމަތް ހޯދުމަށާއި، ވިޔަފާރިތަކަށް ބޭނުންވާ ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމުގެ މަގުވެސް ނޮވެމްބަރު 1 އިން ފެށިގެން ތަނަވަސްވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބަދަލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ”މި ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުވެ، އާމްދަނީ އިތުރުކުރުމަށް ހުރި ހުރަސްތައް ކުޑަކުރެވިގެންދާނެ. އަދި ސީދާ ލިބޭ އާމްދަނީ އިތުރުވެގެންދާނެ. އެހެންކަމުން އަޅުގަނޑުމެން ބޭނުންވަނީ މިފަދަ ފުރުސަތުތައް ފަހިކޮށްދީގެން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރައިދިއުމަށާއި، ވީހާވެސް ގިނަ ރައްޔިތުން ކުދި ވިޔަފާރިތައް ފަށައި، މާލީ ގޮތުން އަމިއްލަ ބާރުވެރިކަން ހޯދުމަށް މަގުފަހިކޮށްދިނުން،“ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ލުއިފަސޭހަތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، އަލަށް މި ދާއިރާއަށް ގުޅެން އެދޭ ފަރާތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. އަދި ސަރުކާރުގެ މައިގަނޑު އަމާޒަކީ ވީހާވެސް ގިނަ ރައްޔިތުން އަމިއްލަ ވިޔަފާރިތައް ފަށައިގަނެ، އިގްތިސާދީ ގޮތުން ފުދުންތެރި، ބާރުވެރި ބަޔަކަށް ވެގެންދިއުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

