ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޓުތައް ފަރަށް އެރި މައްސަލައާއި ފުރާނަ ގެއްލުނު ހާދިސާތަކުގައި އިދާރާތަކުގެ ވެރިން 241 ކޮމިޓީއަށް ހާޒިރުކުރަން ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެގެން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފައި އޮތް ދެ ބޯޓެއް ނަގިލި ކަނޑައިގެން ގޮސް މާލޭ ފަރަށާއި ސިނަމާލެ ބްރިޖުގައި ޖެހުނު މައްސަލައާއި، ފުލުހުންނާއި ސިފައިންގެ ބައެއް މީހުންގެ ފުރާނަ ގެއްލުނު ހާދިސާތަކާ ގުޅިގެން ކަމާބެހޭ ތަންފީޒީ އިދާރާތަކުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.

ރާއްޖެއަށް ވަގަށް އެތެރެވުމުން ހިފަހައްޓައި ދޫނިދު އާއި މާލެއާ ދެމެދު އަޅާފައި އޮތް މި ދެ ބޯޓު އޮޔާ ގޮސްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ ކުރި ވިއްސާރައިގައި ބާރުގަދަ ކޮޅިގަނޑެއްގެ ތެރޭގައި ނަގިލި ކަނޑައިގެންނެވެ. މި ބޯޓުތައް އޮޔާ ގޮސް މާލޭގެ ފަރަށް އެރުމުގެ އިތުރުން ސިނަމާލެ ބްރިޖުގައި ޖެހި، ސަލާމަތީ ގޮތުންނާއި އުމްރާނީ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.

މި ހާދިސާތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އިސް ވެރިން 241 ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ. ޣަފޫރުގެ މި ހުށަހެޅުއްވުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވަނީ ތާއީދުކުރައްވާފައެވެ.

މީގެ އިތުރުން، ހިފަހައްޓާފައި އޮތް ދެ ބޯޓު ބެލެހެއްޓުމުގައި އިހުމާލެއް ވެފައިވޭތޯ ބެލުމަށާއި ކަން ހިނގި ގޮތް އޮޅުންފިލުވުމަށްޓަކައި، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ވެސް ކޮމިޓީއަށް ހާޒިރުކުރަން މެންބަރު މުހައްމަދު ނާޒިމް ވަކިން ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ވެސް މެންބަރު އަހުމަދު ތޯރިގު ވަނީ ތާއީދު ދެއްވާފައެވެ. ނަމަވެސް، ކޮމިޓީގެ މިއަދުގެ ބައްދަލުވުން ވަކި ހިސާބަކުން ސިއްރުކޮށްގެން ކުރިއަށް ގެންދިއުމާ ގުޅިގެން، މި ހުށަހެޅުންތަކާމެދު ކޮމިޓީން ވަކި ގޮތެއް ނިންމިކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ދެކެވެނީ އިންސާނުންގެ ފުރާނައާ ގުޅިފައިވާ ވަރަށް މުހިންމު ވާހަކައެއް ކަމަށާއި، ބައެއް ސިފައިންނާއި ފުލުހުންގެ ފުރާނަ ގެއްލުނު ހިތާމަވެރި ހާދިސާތަކުގައި އިދާރާތަކުން އަޅާފައި ހުރި ފިޔަވަޅުތަކަކީ ކޮބައިކަން އެނގެންޖެހޭ ކަމަށެވެ. އަދި އެފަދަ ހާދިސާތަކުގައި ނިޔާވި ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް އިންސާފު ލިބެންޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ މިއީ ކޮމިޓީން ވަރަށް ހައްސާސް މައްސަލަތަކެއްގެ ގޮތުގައި ބަލަންޖެހޭ ކަންކަން ކަމަށެވެ. އަދި ހިނގައިދިޔަ ހާދިސާތަކާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން އަޅާފައިވާ ފިޔަވަޅުތައް ދެނެގަތުމަކީ 241 ކޮމިޓީގެ ގާނޫނީ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ށ. ފުނަދޫގައި ދާދިފަހުން ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ މައުލޫމާތުތައް ވެސް ކޮމިޓީން ސާފުކުރަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މެންބަރު އަހުމަދު ތޯރިގު ފާހަގަކުރެއްވި ގޮތުގައި، ކަނޑުމަތީގެ ތަފާތު ހާދިސާތަކުގައި ފުލުހުންނާއި ސިފައިންގެ ބައެއް މީހުންގެ ފުރާނަ ގެއްލިގެން ދިޔައިރު، އެ ހާދިސާތައް ހިނގަން މެދުވެރިވީ ސަލާމަތީ ބާރުތަކުގެ އަތުގައި ކޮން ވަސީލަތްތަކެއް ނެތިގެންތޯ ބަލަންޖެހެއެވެ. ސަލާމަތީ ހިދުމަތްތައް ދިނުމުގައި ހުރި ގޮންޖެހުންތަކާއި ވަސީލަތްތަކުގެ ދަތިކަން ދެނެގަނެ، އެކަންކަން ހައްލުކުރުމަށްޓަކައި އެ ދެ އިދާރާގެ އިސް ވެރިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަކީ ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި އޭނާ ދެކެވަޑައިގަންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: