ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އަޅާ ފިޔަވަޅުތައް ހަރުކަށިކުރަން މަޖިލީހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން : ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކޮށް، ޓެކްސް އިދާރާއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ބަޔާންތައް ގަވާއިދުން ހުށަނާޅާ ފަރާތްތަކާ މެދު އަޅާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމުގެ މަޤްޞަދުގައި، (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހުއެވެ.

މި އިޞްލާޙުތަކުގެ މައިގަނޑު އަމާޒަކީ ޓެކްސް ދައްކާ ފަރާތްތަކުން ޤާނޫނާ އެއްގޮތަށް ޢަމަލުކުރުން އިތުރުކުރުމާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބެންޖެހޭ މަޢުލޫމާތުތައް ފުރިހަމައަށް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަދި ޓެކްސް ދެއްކުމުން ރެކިގަތުމާއި ބަޔާންތައް ހުށަނޭޅުމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީއަށް އަންނަ ހީނަރުކަން ކުޑަކުރުމެވެ.

ބިލުގައި މައިގަނޑު ގޮތެއްގައި ބަދަލު ގެނައުމަށް ހުށަހަޅާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ ޖޫރިމަނާތަކާއި އިދާރީ ފިޔަވަޅުތަކަށެވެ. މީގެ ތެރޭގައި ޤަވާޢިދާ ޚިލާފުވާ ފަރާތްތަކާމެދު އިހަށްވުރެ ބޮޑެތި މާލީ އަދަބުތައް ކަނޑައެޅުން ހިމެނެއެވެ.

ހުށަހެޅިފައިވާ މުހިންމު އިޞްލާޙުތަކުގެ ތެރޭގައި:

  • ބަޔާން ނާޅާ ފަރާތްތަކުގެ ޖޫރިމަނާ ބޮޑުކުރުން: ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ މައްޗަށް މިހާރު ކަނޑައަޅާފައިވާ 500 ރުފިޔާގެ ޖޫރިމަނާ، 5،000 (ފަސްހާސް) ރުފިޔާއަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ.
  • ޓެކްސް އަދަދާ ގުޅުވައިގެން ކުރާ ޖޫރިމަނާ މަތިކުރުން: ބަޔާން ހުށަނޭޅުމުން ދައްކަންޖެހޭ ޓެކުހުގެ އަދަދުން މިހާރު ނަގާ އިންސައްތައިގެ ބަދަލުގައި، އެ މުއްދަތަށް ދައްކަންޖެހޭ ޓެކުހުގެ %100 އާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ހަރުދަނާ އުޞޫލެއް ތަޢާރުފުކުރުން ހިމެނެއެވެ.
  • އޮޑިޓާއި ތަޙްޤީޤަށް މަޢުލޫމާތު ނުދިނުމުގެ އަދަބު: މީރާއިން ހިންގާ އޮޑިޓްތަކަށާއި ތަޙްޤީޤުތަކަށް ބޭނުންވާ މަޢުލޫމާތާއި ލިޔެކިޔުންތައް ފޯރުކޮށްނުދޭ ފަރާތްތަކާއި، ޓެކްސް އިދާރާގެ ޤާނޫނީ އަމުރުތަކަށް އިޖާބަނުދޭ ފަރާތްތަކުގެ މައްޗަށް ކަނޑައަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުން ހިމެނެއެވެ.

މި ބިލުގެ ދަށުން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 25/2019) އާއި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 10/2011) ގެ ދަށުން ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގައި ޢަމަލުކުރާ މިންގަނޑުތައް، ޓެކްސް އިދާރީ ޤާނޫނުގެ ޖޫރިމަނާގެ އޮނިގަނޑާ ފުރިހަމައަށް ގުޅުވައިލެވިގެންދާނެއެވެ.

މީގެ އިތުރުން، ޓެކްސް ނިޒާމުގެ ތެރެއިން ވިޔަފާރިތަކުން ހުށަހަޅަންޖެހޭ މާލީ ރެކޯޑުތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމާއި، މީރާގެ އޮފިސަރުންނަށް މަޢުލޫމާތު ހޯދުމުގައި ދިމާވާ ދަތިތަކާއި ހުރަސްތައް ނައްތާލުމަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން އިތުރުކުރުމުގެ މާއްދާތައް ވެސް މި އިޞްލާޙުގެ ތެރޭގައި ހިމެނިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: