އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް (އޭއައިއޭ) ގެ 2025 ވަނަ އަހަރުގެ މާލީ ބަޔާންތަކަކީ އެ ކުންފުނީގެ މާލީ ހާލަތު އޮތްގޮތް ސައްހަކޮށް އަދި އިންސާފުވެރިކޮށް ދައްކުވައިދޭ ހިސާބުތަކެއް ނޫން ކަމަށް އެ ކުންފުނީގެ އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.
21 އޮކްޓޫބަރު 2026 ގައި އާންމުކުރި އެ ކުންފުނީގެ މާލީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބައިނަލްއަގުވާމީ މާލީ މިންގަނޑުތައް ކަމަށްވާ އައިއެފްއާރްއެސް އާ އެއްގޮތަށް ކުންފުނީގެ މާލީ ހާލަތާއި، ވިޔަފާރީގެ ނަތީޖާ އަދި ނަގުދު ފައިސާ ދައުރުވި ގޮތް މާލީ ބަޔާންތަކުގައި ފުރިހަމައަށް ހާމަކޮށްފައެއް ނުވެއެވެ.
އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވެދިޔަ އަހަރުތަކުގައި އައްޑޫ އެއާޕޯޓު ހިންގަމުން ގޮސްފައިވަނީ ބޮޑެތި ގެއްލުންތަކަކާ އެކުގައެވެ. އެގޮތުން 31 ޑިސެމްބަރު 2025 ގެ ނިޔަލަށް އެ ކުންފުންޏަށް ޖަމާވެފައިވާ ގެއްލުން ވަނީ 817.48 މިލިއަން ރުފިޔާއަށް އަރާފައެވެ.
އަހަރުން އަހަރަށް ގެއްލުން ބޮޑުވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ކުންފުނީގެ ނެޓް އެސެޓްސް ނުވަތަ މިލްކިއްޔާތުގެ އަގު ވަނީ 58.23 މިލިއަން ރުފިޔާއަށް ވެއްޓިފައެވެ. މިއީ ކުންފުނީގެ މުޅި މިލްކިއްޔާތަށްވުރެ ކުންފުނިން އަދާކުރަންޖެހޭ ދަރަންޏާއި ޒިންމާތައް އިންތިހާއަށް އިތުރުވެ، އަމިއްލަ ފައިމައްޗަށް ތެދުވެ ހިންގުމުގައި ބޮޑެތި ހިރާސްތަކަކާ ކުރިމަތިލާން ޖެހިފައިވާކަން ދައްކުވައިދޭ ކަމެއް ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އޮޑިޓަރ ޖެނެރަލް އެޑްވާސް އޮޕީނިއަނެއް ނެރުއްވި މައިގަނޑު އެއް ސަބަބަކީ އެއާޕޯޓް ހިންގުމަށް ބޭނުންކުރާ ދާއިމީ މުދަލާއި ވަސީލަތްތަކުގެ އަގު ދަށްވުމާ ގުޅޭގޮތުން ބަލަންޖެހޭ ބެލުންތައް ބަލާފައި ނުވުމެވެ.
މާލީ ހިސާބުތަކުގައި ބަޔާންކޮށްފައިވާ ގޮތުން، 2025 ވަނަ އަހަރުގެ ނިޔަލަށް މިފަދަ ވަސީލަތްތަކުގެ އަގަކީ 449.66 މިލިއަން ރުފިޔާއެވެ. ބައިނަލްއަގުވާމީ އެކައުންޓިންގ މިންގަނޑު ’އައިއޭއެސް ބަޔާންކުރާ ގޮތުގައި، ކޮންމެ ރިޕޯޓިންގ މުއްދަތެއް ނިމޭއިރުވެސް ކުންފުނީގެ މުދަލުގެ އަގަށް އުނިކަމެއް އައިސްފައިވޭތޯ ބަލައި އިމްޕެއަރމަންޓް އިންޑިކޭޓަރސް ދެނެގަންނަން ޖެހޭނެކަން ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
ކުންފުންޏަށް ލިބެމުންދާ މާލީ ގެއްލުމާއި މިލްކިއްޔާތަކީ އެއާޕޯޓުގެ ވަސީލަތްތަކުގެ އަގު ދަށްވެފައިވާ ކަމަށް ބެލެވޭ އެކަށީގެންވާ ސަބަބުތަކެއް ނަމަވެސް، އެ ވަސީލަތްތަކުން އަނބުރާ ހޯދޭނެ އަގު ވަޒަންކުރުމަށް ކުންފުނިން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ވަނީ ފާހަގަ ކޮށްފައެވެ.
އޮޑިޓު ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި އައްޑޫ އެއާޕޯޓު ކުންފުނީގެ ވަސީލަތްތަކުގެ އަގު އަލުން ވަޒަންކޮށްފައި ނުވުމުގެ ސަބަބުން، މާލީ ބަޔާނުގައި ބަޔާންކޮސްފައިވާ 449.66 މިލިއަން ރުފިޔާގެ މުދަލުގެ ހަގީގީ އަގަށް ގެންނަންޖެހޭ އުނިއިތުރާއި، އޭގެ ސަބަބުން ކުންފުނީގެ ފައިދާ އަދި ގެއްލުމުގެ ހިސާބުތަކަށް އަންނާނެ މާލީ އަސަރުތައް އޮޑިޓަށް ކަށަވަރުކުރެވެން ނެތް ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މިފަދަ ބޮޑެތި އަދަދުތަކެއް ހިމެނޭ މުހިންމު ބައިތަކެއް ސައްހަކޮށް ބަޔާންކުރެވިފައި ނުވުމަކީ، މުޅި މާލީ ބަޔާނުގެ އިތުބާރު ގެއްލި، ކުންފުނީގެ މާލީ ހާލަތު އޮޅޭ ފަދަ ގޮތަކަށް ހިސާބުތައް ބެލެހެއްޓިފައިވާ ސަބަބެއް ކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
އައްޑޫ އެއާޕޯޓު ކުންފުންޏަކީ ދެކުނުގެ އިގްތިސާދީ މައި ދޮރާށި ކަމަށްވާއިރު، މިފަދަ ބޮޑު މާލީ އަނދަވަޅަކަށް ކުންފުނި ވެއްޓުމަކީ ދަތުރުފަތުރާއި ޓޫރިޒަމް ދާއިރާއަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. މާލީ ހިންގުން ހަރުދަނާކޮށް، ދަރަނިތައް ރީސްޓްރަކްޗަރ ކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ އެކައުންޓިންގ މިންގަނޑުތަކާ އެއްގޮތަށް މުދަލުގެ އަގު ކަނޑައެޅުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ އަންގާފައެވެ. އެހެންނޫންނަމަ، ސަރުކާރުގެ މާލީ އެހީތެރިކަމާ ނުލައި ކުންފުނި ހިންގުމަކީ އިތުރަށް ގޮންޖެހުން ބޮޑުވާނެ ކަމެއް ކަމެއް ކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

