ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންނާއި ސިފައިންނަށް ލިބޭ ފަދަ ރިޓަޔަމެންޓް އަދި އިންޝުއަރެންސް ޕެކޭޖުތައް މުދައްރިސުންނަށް ވެސް ދޭންޖެހޭ: އަމީން

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދައިރާގެ މެމްބަރު އަމީން ފައިސަލް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންނާއި ސިފައިންނަށް ލިބޭ ފަދަ ރިޓަޔަމެންޓް އަދި އިންޝުއަރެންސް ޕެކޭޖުތައް މުދައްރިސުންނަށް ވެސް ދޭންޖެހޭ ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން އަމީން ވިދާޅުވީ، ތައުލީމީ ދާއިރާއަކީ ސަރުކާރުތަކުން އެންމެ ބޮޑަށް އިހުމާލުވާ ދާއިރާ ކަމަށެވެ. އަދި އެ އިހުމާލުގެ ސަބަބުން ދިވެހި މުދައްރިސުން މަދުވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.

މިހާރު ސާނަަވީއަށް ކިޔަވާ ދަރިވަރުންގެ ސާވޭއެއް ހެދިޔަސް ޓީޗިން ކިޔަވާނެ ކަމަށް ބުނާނީ ވަރަށް މަދު ބަޔަކު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މުސްތަގުބަލުގައި ދިވެހި ދަރިވަރުންނަށް ކިޔައިވައިދޭން ދިވެހީންނެއް ނުތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީން އިތުރަށް ވިދާޅުވީ، ފުލުހުންނާއި ސިފައިންނަށް ދޭ އިންޝުއަރެންސް އަދި ރިޓަޔަމަންޓް ޕެކޭޖުތައް ފަދަ ޕެކޭޖުތައް މުދައްރިސުންނަށް ދޭނަމަ މާ ފާގަތި ދުވަސްތަކެއް ފެންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ދިފާއީ ވުޒާރާއަށް ކުރާ ހޭދައިގެ ބައިކުޅަ ބައި ތައުލީމީ ދާއިރާއަށް ހޭދަކުރިޔަސް އެކަމުގެ ހެޔޮ ނަތީޖާ ފެނިގެންދާނެ ކަމަށެވެ.

”ފުލުހުންނާއި ސިފައިންނަށް އެ ދޭ ރިޓަޔަމަންޓް ޕެކޭޖު ފަދަ ހެލްތު އިންޝުއަރެންސް ޕެކޭޖު ފަދަ ޕެކޭޖުތައް މުދައްރިސުންނަށް ދީފިނަމަ މި ގައުމު މިއަށްވުރެ މާ ފާގަތި ދުވަސްތަކެއް ދެކޭނެ،“ އަމީން ފައިސަލް

އޭގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް ރިސްކު އެލަވަންސް ނުލިބޭކަމުގެ ޝަކުވާ އަދި އެ ކުދިންނަށް ކިޔަވައިދޭން ބޭނުންވާ ވަސީލަތްތައް ނެތިގެން އެކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، ގައުމަށް ކޮށްދެވޭނެ އެންމެ ހެޔޮ ކަމަކީ އެޑިއުކޭޝަން މިނިސްޓްރީ ސިޔާސީ ފިކުރުން އެއްކިބާވެ، ހިނގާނެ ދުވަހެއް ރައްޔިތުންނަށް ދެއްކުން ކަމަށެވެ. އެގޮތުން، މިނިވަން މުއައްސަސާއަކަށް ހަދާނަމަ ހަދަންވީ އެޑިއުކޭޝަން މިނިސްޓްރީ ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ވަކި ބަޖެޓެއް ހަދާފައި ޖުޑިޝަރީއެކޭ އެއްގޮތަށް ތައުލީމީ ދާއިރާ ވަކިކޮށްފިނަމަ ހުރިހާ ގޮތަކުން ވެސް މާ ފާގަތި ދުވަސްތަކެއް ފެންނާނެ ކަމަށެވެ.

ރަށެއްގައި ސިޔާސީ ފިކުރުން އެއްކިބާވެ ހިދުމަތްދޭ އެއް ބަޔަކީ މުދައްރިސުން ކަމަށާއި އެއީ ދަރިވަރުންގެ ދެވަނަ ބެލެވެނިވެރިންކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ސިޔާސީ ފިކުރު ތައުލީމީ ދާއިރާއަށް ވަދެފައިވާކަމަށާއި ސިޔާސީ ފިކުރު އިސްކުރާ މީހުން އެންމެ ފުރަތަމަ ހަމަލާދެނީ ތައުލީމީ ނިޒާމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން ގައުމިއްޔަތު ކިޔަވައިދޭން ފެށީ އެކަން ތައުލީމީ މަންހަޖުގައި ނެތިގެން ނޫން ކަމަށާއި، ކުރިން ނުކިޔަވައިދޭ އިތުރު އެއްވެސް އެއްޗެއް އެ މާއްދާ ހަދައިގެން ކިޔަވައިނުދޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކެޑެމިކް ކަލަންޑަރަށް ބަދަލު ގެނައުމުން ވެސް ދަރިވަރުންނަށް ގެއްލުންތަކެއް ވި ކަމަށާއި އެއީ ސިޔާސީ ފިކުރަށް ޓަކައި ގައުމެއްގައި ކުރަން ހެޔޮވާވަރުގެ ކަންކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީން އިތުރަށް ވިދާޅުވީ، އޭނާގެ ދާއިރާގެ ރަށްތަކަށް ތައުލީމީ ދާއިރާއިން މިހާތަނަށް އެންމެ ބޮޑު ”ދޯކާއެއް“ ދީފައިވަނީ މި ސަރުކާރުގައި ކަމަށެވެ. އެގޮތުން، ށ. ގޮއިދޫގެ އަށް ކްލާސްރޫމާއި. ށ. ފޭދޫގެ އަށް ކްލާސްރޫމާއި ހޯލުގެ އިތުރުން، ބިލެތްފަހީގެ ކްލާސްރޫމްތަކާއި ކަނޑިތީމުގެ ހޯލްގެ މަސައްކަތް ވެސް ނުނިމި ލަސްވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: