ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯމް ސްކޫލިން ތައާރަފުކުރުމަށް ތައުލީމުގެ ގާނޫނަށް އިސްލާޙު ހުށަހަޅައި ބަހުސް ފަށައިފި

ހުރާ ދާއިރާގެ މެމްބަރ ޑރ. އަނާރާ ނަޢީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބިނާކޮށް، ގޭގައި މަދަރަސީ ތައުލީމު ފޯރުކޮށްދިނުމަށް ހޯމް ސްކޫލިން ޕްރޮގްރާމް ތައާރަފުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅައި ބިލުގެ އިބްތިދާއީ ބަހުސް މިއަދު ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމެވެ.

މި އިސްލާހީ ބިލު ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ، ތައުލީމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ރަސްމީކޮށް ހޯމް-ސްކޫލިންގ ޕްރޮގްރާމެއް ތައާރުފުކުރުމެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރުން މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ، ކުއްޖާގެ ނުކުޅެދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތަށް ބަލައި ހެދޭ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ގޭގައި ތިބެގެން މަދަރުސީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިނުމެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުސަތު ދިނުމަށް ބޭނުންވާ ޝަރުތުތަކާއި އުސޫލުތައް ގާނޫނުގައި ސާފުކޮށް ބަޔާންކުރުމެވެ.

މީގެ އިތުރުން، މަދަރުސީ ނިޒާމު ހިންގުމުގައި ބެލެނިވެރިންނާއި، މުދައްރިސުން އަދި ޕްރިންސިޕަލުންގެ ދައުރު އިތުރަށް ތަފްސީލުކޮށް، މިހާރު ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަކީ ވެސް މި އިސްލާހުގެ މުހިންމު ބޭނުމެއްކަމަށް މެމްބަރު އަނާރާ ފާހަގަކުރެއްވިއެވެ.

ބިލު ހުށަހަޅުއްވަމުން މެމްބަރު އަނާރާ ފާހަގަކުރެއްވި ގޮތުގައި، މިއީ އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ ދިވެހި ކުއްޖެއްގެ ތައުލީމީ ހައްގު ކަށަވަރުކޮށްދީ، އިޖުތިމާއީ އަދުލުވެރިކަން ގާއިމުކުރުމަށްޓަކައި ސަރުކާރުން އަޅާ ދުރުވިސްނުންތެރި ފިޔަވަޅެކެވެ. އަދި ހާއްސަކޮށް، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ނަފްސާނީ ގޮތުން އެކަހެރި ހާލަތްތަކުގައި ތިބޭ ކުދިންނަށް ތައުލީމު އުނގެނުމަށް އެޅިފައިވާ ހުރަސްތައް ނައްތާލައި، އެންމެ ރައްކާތެރި މާހައުލެއްގައި އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު ވައުދެއްކަން މެމްބަރު ބިލު ހުށައަޅުއްވަމުން ވަނީ ފާހަގަކުރައްވާފައެވެ.

ހޯމް ސްކޫލިންގް ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް އުނގަންނައިދޭއިރު، ގައުމީ މަންހަޖުގެ މިންގަނޑުތަކާ އެއްގޮތަށް ތައުލީމުގެ ފެންވަރާއި އިންޓެގްރިޓީ ދެމެހެއްޓުމަށްޓަކައި ހަރުދަނާ އެސެސްމެންޓާއި މެނޭޖްމަންޓް ނިޒާމެއް ގާއިމުކުރެވޭނެކަމަށް ބިލުގައި ފާހަގަކޮށްފައިވެއެވެ.

މީގެ ސަބަބުން ކޮންމެ ދަރިވަރެއްގެ ކުރިއެރުން ގަވާއިދުން މޮނިޓަރކުރެވި، ގައުމީ ތަރައްގީގައި ބައިވެރިވެވޭނެ ގާބިލު ޖީލެއް ބިނާކުރުމަށް މަގުފަހިވާނެއެވެ. ގާނޫނުތަކަކީ ޒަމާނާ އެއްގޮތަށް އަބަދުވެސް އިސްލާހުވެ، ދިރޭ އެއްޗަކަށް ވާންޖެހޭއިރު، މާޒީގައި ބައެއް ކުދިން ތައުލީމީ ނިޒާމުން ބާކީވި ބާކީވުމަށް މި ބިލުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް މެމްބަރު އަނާރާ ފާހަގަކުރެއްވިއެވެ.

މި ބިލުގެ ދަށުން ތައުލީމުގެ ގާނޫނުގެ ގިނަ މާއްދާތަކަކަށް ބަދަލު ގެނައުމަށް ވަނީ ހުށަހަޅާފައެވެ. ރައްޔިތުންގެ މަޖިލީހުގައި މި ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، މިހާރު ވަނީ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަން ފަށާފައެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި މިއީ އިންސާނީ ވަސީލަތް ތަރައްގީކޮށް، ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު ފަހި އަދި އަދުލުވެރި ނިޒާމަކަށް ހެދުމަށް އެޅޭ ވަރަށް ތާރީހީ އަދި ހިތްވަރުގަދަ ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: