ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައުލީމު ހާސިލުކުރަން ދަރިވަރުންނަށް އެއްވެސް ދޮރެއް ބަންދުވެފައި އޮވެގެން ނުވާނެ: މަމްދޫހު

ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތައުލީމު ހާސިލުކުރުމަށް އެއްވެސް ދަރިވަރަކަށް ހުރަހެއް އެޅިފައި އޮވެގެން ނުވާނެ ކަމަށާއި، ކޮންމެ ކުއްޖަކަށް ވެސް ކިޔެވުމުގެ ފުރުސަތު ފަހިވެފައި އޮންނަންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

މެންބަރު މަމްދޫހު މިހެން ވިދާޅުވީ ތައުލީމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބިލަށް ބަހުސްކުރައްވަމުންނެވެ. މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމެވެ.

މަޖިލީހުގެ ބަހުސްގައި ވާހަކަދައްކަވަމުން މަމްދޫހު ވިދާޅުވީ، ގައުމު ރަނގަޅު މިސްރާބަކަށް ގެންދިއުމަށް އެންމެ މުހިންމު ދާއިރާއަކީ ތައުލީމީ ދާއިރާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ދާއިރާގެ އުމްރާނީ ތަރައްގީއަށާއި ނިޒާމު ހަރުދަނާކުރުމަށް މާލެއާއި ރަށްރަށުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން އޭނާ ފާހަގަކުރެއްވިއެވެ.

”އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގެ ގާނޫނުތައް ހުރި ގޮތުންވެސް ތައުލީމު ހާސިލުކުރަން އެއްވެސް ދަރިވަރަކަށް ހުރަހެއް އެޅިފައި އޮވެގެން ނުވާނެ. އެއްވެސް ދޮރެއް ބަންދުވެގެން ވެވިފައި އޮވެގެން ނުވާނެ. ހުޅުވިފައި އަދި އެކަމަށް ބޭނުންވާ ކޮންމެ ދަރިވަރަކަށް އަދި އެކަން ކޮށްދޭން ބޭނުންވާ ކޮންމެ ބެލެނިވެރިއަކަށް އެ ފުރުސަތު އޮންނަން ޖެހޭނެ. އެހެންވީމާ، މި ގާނޫނު ހަގީގަތުގައި ގެނެވޭ ހިސާބުން އަޅުގަނޑުމެންނަށް އެ ފުރުސަތު އަދި ކިރިޔާ ދިވެހިރާއްޖޭގައި މި ހުޅުވިގެން މިދަނީ. މިއަދާ ހިސާބަށް އައިއިރު ބަންދުވެފަ ހުރި ދޮރުތައް، ތައުލީމަށް ހުރި ބަންދުވެފަހުރި ދޮރުތައް އިރާދަކުރެއްވިއްޔާ ހުޅުވެން މިދަނީ،“ މެމްބަރު މަމްދޫހު

މި އިސްލާހަކީ ކޮންމެހެން ގެންނަންޖެހޭ ބަދަލެއްކަން ފާހަގަކުރައްވައި މަމްދޫހު ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ނަފްސާނީ ހާލަތްތަކުގެ ސަބަބުން ސްކޫލުތަކަށް ނުދެވި ގޭގައި ތިބެންޖެހޭ ދަރިވަރުންނަށް ’ހޯމް ސްކޫލިންގ‘ ނިޒާމުގެ ތެރެއިން ތައުލީމު ފޯރުކޮށްދިނުމުގެ ގާނޫނީ ބާރުވެރިކަން މިއަދާ ހަމައަށް ލިބިފައި ނެތް ކަމަށެވެ. މީގެ ސަބަބުން އެތައް އާއިލާއެއް ބޮޑު ސުވާލުމާކެއްގެ ތެރޭގައި ތިބި ނަމަވެސް، ތައުލީމުގެ ގާނޫނަށް ގެނެވޭ އިސްލާހުތައް ފާސްވުމުން އެ އާއިލާތަކަށް އުއްމީދާއި ހައްލު ލިބި، ދަރިވަރުންނަށް ތައުލީމުގެ ދޮރުތައް ހުޅުވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، 2023 ނޮވެމްބަރު 17 ގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ތައުލީމީ ދާއިރާ އޮތީ ވަރަށް ބޮޑަށް ދޫކޮށްލެވިފައި ކަމަށް މަމްދޫހު ފާހަގަކުރެއްވިއެވެ. އެގޮތުން އެއް ކުއްޖަކު ދެ ސްކޫލެއްގައި ރަޖިސްޓްރީވެފައި ތިބި 700 އެއްހާ ކުދިން ފާހަގަކުރެވުނު ކަމަށާއި، މިފަދަ އިދާރީ ގިނަ މައްސަލަތަކެއް ސަރުކާރުން މިހާރު ހަމަމަގަށް އަޅުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، މަރުކަޒުވެފައި އޮތް މަތީ ތައުލީމުގެ ނިޒާމު މުޅި ރާއްޖެއަށް ފަތުރާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ގެ ކެމްޕަސްތަކާއި އިންފްރާސްޓްރަކްޗަރ ގާތްގަނޑަކަށް 11 ސަރަހައްދެއްގައި ތަރައްގީކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަން މަމްދޫހު ފާހަގަކުރެއްވިއެވެ. އަދި ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) މެދުވެރިކޮށް ފަންނުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ތައުލީމީ ދާއިރާއިން ބާކީވެފައި ތިބި ކުދިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ހުށަހެޅި މި ބިލަށް އިދިކޮޅާއި އެއްކޮޅު މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބި، ކޮމިޓީ މަރުޙަލާ ނިންމައި އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މެމްބަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: