ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތީ މުއްސަނދިންގެ ދަރިންނަށް އެކަނި ހޯމް ސްކޫލިން ލިބޭ ގޮތަށް ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ހުށަހަޅުއްވާފައިވާ ތައުލީމުގެ ގާނޫނުގެ އިސްލާހަށް ބަހުސްކުރައްވަމުން ޒިޔާދު ފާހަގަކުރެއްވީ، އެ އިސްލާހުގެ 16 ވަނަ މާއްދާގެ (ށ)ގެ ދެވަނަ ނަމްބަރުގައި، ހޯމް ސްކޫލިން ޕްރޮގްރާމުގެ ދަށުން ކުއްޖާއަށް ހޯމް ސްކޫލިން ފޯރުކޮށްދިނުމުގެ މާލީ ގާބިލުކަން ހުރި ފަރާތަކަށް ކުއްޖާގެ ބެލެނިވެރިން ވުމަކީ ހޯމް ސްކޫލިން ފޯރުކޮށްދިނުމުގެ ޝަރުތެއް ކަމެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ހާއްސަ ގޮތްތަކެއް ހުންނަކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އެއީ ފަސޭހަތަކެެއް ކަމަށާއި ބިލުގައި އޮތީ ބުރައެއް ކަމަށް ވިދާޅުވިއެވެ. އަދި މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ހޯމް ސްކޫލިން ނުދެވޭނެކަމަށް ބިލުގައި އޮތުމަކީ ކަންބޮޑުވުމެއް ކަމަށް ވިދާޅުވިއެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނަކީ މާލީ ގޮތުން އަދި ނަފްސާނީ ގޮތުން ވެސް އެތައް ބުރަތަކެއް އުފުލާ ބަޔަކަށް ވާއިރު، ބިލު އޮތީ އެ މީހުންނަށް އިތުރު ބުރައަކަށް ވާގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެ މާއްދާ އެހެން އޮތުމަކީ ގާނޫނުގެ ބޭނުން ކެނޑިގެންދާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
”އަޅުގަނޑުމެން ފަސޭހަކޮށްދޭން މޮޅުކޮށްލަން ގެނައި ގާނޫނުގައި މިއޮތީ، ހޯމް ސްކޫލިން ދެވޭނީ ގާބިލު މީހާ އަށޭ. އާންމު ބަހުން ބުނަންޏާ، ދެން ހޯމް ސްކޫލިން ދެވޭނީ މުއްސަނދިންގެ ދަރިންނަށޭ، އެހެން މި އޮތީ،“ ޒިޔާދު
އޭނާ ސުވާލު އުފެއްދެވީ ތަނަވަސްކަން ހުރި މުއްސަނދިންގެ ދަރިންނަށް އެކަނި ހޯމް ސްކޫލިން ލިބޭ ގޮތަށް ގާނޫނެއް ފާސްކުރާނަމަ އެކަން ކުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ. އަދި ނިކަމެތިން ނިކަމަތިވާ ގޮތަށް ކިތަންމެ ވަރަކަށް ގާނޫނު ހެދިޔަސް ލިބޭނެ މޮޅެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ބިލުގައި ކައުންސިލްތަކަށް ބޮޑެތި ޒިންމާތަކެއް ހަވާލުކޮށްފައިވާއިރު، ކައުންސިލުތަކުގެ ގްރާންޓުތައް ބޮޑުނުކޮށް މުސާރަތައް ބޮޑުކުރަން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

