ހުރިހާ މީޑިއާތަކަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު މަސައްކަތްތައް ރާވައި ހިންގުމަށް ހައްލުނުކުރެވޭ ފަދަ ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވެ، މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ ރައީސް އަދި މެމްބަރު ކަމުގެ މަގާމުން މުހައްމަދު ފަރުޝަތު މިއަދު އިސްތިއުފާދެއްވައިފި އެވެ.
މަގާމުން ވަކިވެވަޑައިގަތުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފަރުޝަތު ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ފާހަގަކުރައްވާފައި ވަނީ، ކޮމިޝަނުގެ ގާނޫނީ ޒިންމާތައް ފުރިހަމަކަމާ އެކު އަދާކުރުމަށް ނުހަނު ބޮޑެތި ހުރަސްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ކޮމިޝަނުގެ ރައީސްކަމުގެ މަގާމުންނާއި މެމްބަރުކަމުން ވަކިވެވަޑައިގަތުމަށް ނިންމެވީ ކަމަށް އޭނާ ބަޔާންކުރައްވާފައިވެ އެވެ.
ސިޓީގައި ފަރުޝަތު ވިދާޅުވެފައި ވަނީ، ދިވެހިރާއްޖެ ފުރިހަމަ ޑިމޮކްރެސީގެ ނިޒާމަކަށް ފުރޮޅެމުންދާ މިފަދަ ނާޒުކު ދަނޑިވަޅެއްގައި، މީޑިއާތަކަކީ އިލްމީ ގޮތުންނާއި ފައިސާގެ ތަނަވަސްކަމުގެ ގޮތުން އަދި ފަންނީ ފައްކާވުން ނުވަތަ ”މެޗުއަރިޓީ“ ގެ ގޮތުން މިނިވަން މާހައުލެއްގައި ހަރަކާތްތެރިވާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި އާންމުންގެ އަސާސީ ހައްގުތައް ކަށަވަރުކުރުމުގައި މީޑިއާތަކަކީ ފުރިހަމަ ޒިންމާދާރުކަމާ އެކު މަސައްކަތްކުރާ ބަޔަކަށް ވުމަކީ އަބަދުވެސް ދެކެވަޑައިގަންނަވާ އުއްމީދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، ގާނޫނުން މީޑިއާ ކޮމިޝަނަށާއި އެ ކޮމިޝަނުގެ މެމްބަރުންގެ މައްޗަށް ލާޒިމުކޮށް މަގުދައްކާފައި ވަނީ ދިވެހި މީޑިއާގެ މިންގަނޑުތަކާއި އަހްލާގީ އުސޫލުތައް ދަމަހައްޓައި، ވަކިފަރާތަކަށް ނުޖެހި އިންސާފާއި ހަމަހަމަކަމާ އެކު މަސްއޫލިއްޔަތު އަދާކުރުމަށް ކަމަށް ފަރުޝަތު ފާހަގަކުރެއްވި އެވެ. މީޑިއާ ކޮމިޝަނުގެ މައްޗަށް އޮންނަ އާންމު އިތުބާރާއި، ގާނޫނުގެ މަގުސަދާއި ރޫހު ދެމެހެއްޓުމުގެ މައިގަނޑު އަސާސަކީ ވެސް އެއީ ކަމަށް އޭނާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ފަރުޝަތު ރައްޔިތުންގެ މަޖިލީހުން އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އޭނާއަކީ މީގެކުރިން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރުކަމުގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ސެކްރެޓަރީ ޖެނެރަލް ކަމާއި، ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
ޖުމްލަ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އެމްއެމްބީސީ އެކުލަވާލާފައި ވަނީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންނާއި މީޑިއާތަކުގެ ފަރާތުން އިންތިހާބުކުރާ ހަތަރު މެމްބަރުންގެ މައްޗަށެވެ. ނަމަވެސް އެ ކޮމިޝަން އުފެއްދި ދުވަސްވަރު މީޑިއާތައް ތަމްސީލުކުރާ މެމްބަރުންގެ މަގާމަށް ކުރިމަތިލެއްވީ އެންމެ ހަތަރު ބޭފުޅުން ކަމަށްވާތީ، އެ ބޭފުޅުން ކޮމިޝަނަށް އިންތިހާބުވެވަޑައިގަތީ ވޯޓަކާ ނުލަ އެވެ. އެއީ އަބްދުލްއަޒީޒް އިބްރާހީމާއި، ޒަމްއަތު އަހުމަދު ވަހީދާއި، ސިމާހާ ނަސީމް އަދި ހުސައިން ސަގީފެވެ. އޭގެތެރެއިން ކޮމިޝަނުގެ ނައިބު ރައީސަކަށް ހޮވިވަޑައިގެންފައި ވަނީ ޒަމްއަތެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުން މި ކޮމިޝަނަށް އައްޔަންކުރައްވާފައިވާ ތިން މެމްބަރުންނަކީ އިސްތިއުފާދެއްވި ރައީސް ފަރުޝަތުގެ އިތުރުން ސޮފާ ޝަފީގާއި އައިމިނަތު ސަރާހަތު އިއްޒަތެވެ. ފަރުޝަތުގެ އިސްތިއުފާއާ ގުޅިގެން ކޮމިޝަނުގެ ހިންގުމަށް ހުސްކަމެއް އައިސްފައިވާއިރު، ރައީސްގެ މަގާމަށް ދެން ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ގާނޫނުގައިވާ ގޮތުގެ މަތިން ކުރިއަށްދާނެ ކަމަށް ބެލެވެ އެވެ.

