ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު ޑްރާމާއެއް: ކެތްތެރިކަން ކޮޅުންލައިގެން ދިޔައީ، ބޮޑު ވަޒީރެއްގެ ބާ؟

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއް މީހުންނަކީ އެ މީހުންގެ އަމަލުތައް ހުންނަ ގޮތުން ވަރަށް ހަލަނި ބައެކެވެ. ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ އެފަދަ ބޭފުޅެކެވެ. އެމަނިކުފާނުގެ ވިސްނުމާއި އެނބުރޭ ވަހުތާނަކާއި މާބޮޑު ތަފާތެއް މިހާރު ނެތޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. މަންޒަރުތަކާއި ވިދާޅުވާ ބަސްފުޅުތައް މިހާރު ހުންނަނީ އެ ޒާތަކަށެވެ. އެއްދުވަހު ކުރައްވާ ކަމަކާއި ވިދާޅުވާ އެއްޗެއް ޖެހިގެން އަންނަ ދުވަހު ތަފާތުވެއެވެ.

ސަރުކާރާއި، ދައުލަތުގެ އިދާރާތަކުގެ ކުށްހޯދާ އެކަމުގެ ޝަކުވާ ކުރެއްވުމުގައި ރައީސް ނަޝީދަކީ އަރާ ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނު ހުންވި މަޤާމުގެ ގޮތުން އެކަމުގައި މާބޮޑު މައްސަލައެއް އޮތް ކަމަކަށް ނުދެކެމެވެ. އެމަނިކުފާނުގެ އެކުވެރިންގެ ބަހުންނަމަ އެއީ އަމިއްލަ ސަރުކާރު ޒިންމާދާރު ކުރުމެވެ. ރައީސް ނަޝީދު އަބަދުވެސް ބޭނުންފުޅުވަނީ ސާފު ހުދު ގަނޑެއްގައި ހުރި ކަޅު ތިއްކެއް ރައްޔިތުންނަށް ދެއްކުމަށެވެ. އެއާ ޚިލާފަށް މިހާރަކަށް އައިަސް ބޮޑަށް މަސައްކަތް ކުރައްވަނީ ސަމާލުކަން ހޯދުމާއި، ސްޓަންޓު ޖެއްސެވުން، އަދި މީޑިއާތަކުގެ ފްރަންޓް ޕޭޖުން ކޮންމެގޮތެއް ހައްދަވާފައި ވިޔަސް ޖާގަ ހޯއްދަވާން ކަމަށް ރައްޔިތުން ބުނަން ފަށައިފިއެވެ. ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ބަސްމަގަކީ މިހާތަނަށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅާއި އެއްގޮތަށް އެއްވެސް ކަމެއް އަމަލީގޮތުން ކުރެއްވި ބޭފުޅެއްނޫން ކަމަށް ވާދަވެރިން ބުނަމުން އައި ވާހަކަތައް އެއީ ތެދުމަކަށްވެސް އެ ހައްދަވަނީ ހުދު އެމަނިކުފާނު އަމިއްލަ ފުޅަށެވެ. ވެރިކަމަކީ ބޭނުންވާ އެއްޗެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ އެދިލެއްވުމުގެ މަތިން ވެރިކަމަށްވެސް ވަޑައިގަތެވެ. މާފުށި ޖަލުގެ ސީ ބްލޮކުގައި މާ ހަރަކާތްތެރިކޮށް ފެނިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ބޭފުޅާ އުޅުއްވީ އިނގިރޭސިވިލާތުގައި ގޮނޑި ދުއްވަންށެވެ. އެކަމަކު ނަމުން މަންޑޭލާ ދެއްތޯ އެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުކަމަށް ވަޑައިގަތުމާއި މެދު ނުވިސްނަވާ ކަމަށާއި އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ބޭނުން ނުވާ ކަމަށް، ވިދާޅުވީ މީޑިއާތައް ކުރިމަތީއެވެ. އޭރު އެ މަންޒަރުތައް ލައިވްކޮށް ކުރިޔަށް ގެންދިޔައެވެ. އެ ޕްރެސް ކޮންފަރެންސްގައި އަޅުގަނޑުވެސް ހުރީމެވެ. އެމްޑީޕީގައި އުފެދިފަވާއިކަމަށް އެޕާޓީގެ ބައެއް އެކްޓިވިސްޓުން ބުނާ ދެ ފެކްޝަން ދޭތެރެޔަށް ފިތި ބާރުވެ ހުންނަވާ ހާލުކޮޅުގައި ވަދެވަޑައިގެން ރައްޔިތުންނަށްޓަކައި މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންނެވިއެވެ. މިއީ އެއްކަލަ ގަރުނުގެ ބޮޑު އެއް ޑްރާމާ ދަރުބާރުގޭގައި ކުޅުނު ރެއެކެވެ. އަބަދުވެސް އިވެމުން ދަނީ އެއް ވާހަކައެކެވެ. ބުނާ ކޮންމެ އެއްޗަކަށް  ބަސް ބުނާ މަޖިލީހުގެ މެމްބަރުންނަށް ރައީސް ނަޝީދު ނޫނީ ގައުމާއި މެދު ވިސްނަވާ ލީޑަރެއް ނެތެވެ. ރައީސް ނަޝީދަށް މަޖިލީހުގެ ރައީސްކަން ލިބިވަޑައިގަތުމުން މަޖިލީހުގައި ނުކުރައްވާ މަސައްކަތެއް ނެތެވެ.

ރާއްޖޭގެ އުތުރާ ދެކުނަށް ވަޑައިގެން ދައްކަވާ ވާހަކަފުޅުތައް ބައްޓަން ކުރައްވަމުން މިގެންދަވަނީ ބަރުލަމާނީ ނިޒާމަކަށް ތާޢީދުކުރައްވާ ރާއްޖެއަށް އެންމެ ރައްކާތެރި ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ވިދާޅުވެއެވެ. އައްޑޫ ސިޓީއަށް އޮންނަނީ އާދަޔާ ހިލާފު ލޮތްބެކެވެ. ވަކި ދައުލަތަކަށް ހެދުމަށްވެސް ވާހަކަ ދެއްކި އޯޑިއޯއެއް އާންމުވިއެވެ. މަޖިލިސް އިންތިޙާބުގައި އިދިކޮޅު އެމްޑީޕީއަށް ވީހާވެސް ގިނަ ގޮނޑި ހޯއްދަވައިދެއްވައިގެން ނޫނީ ރާއްޖެ އެންމެ އެދެވޭ މަންޒިލަށް ވާސިލްނުވާނެކަމަށް ވިދާޅުވަމުގެ މާނައަކީ ކޮބައިތޯ އެވެ. ބަރުލަމާނީ އަކީ، އަނެއްކާވެސް ބާރުތައް އަތައް އަންނެ ނިޒާމަކަށް ވީމަބާއެވެ.

ތިން އަހަރެއްހާ ދުވަހު އަރުވާލެވިގެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ދެއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައިގައި ވެސް ވިދާޅުވީ ބަރުލަމާނީއަށް ތާއީދު ކުރާކަމެވެ. އައު ޤާނޫނު އަސާސީއަށް ފަހު ބޭއްވި 7 އިންތިހާބުގެ ނަތީޖާއިން ވެސް ދެއްކި ނަތީޖާއިން ރާއްޖެއަށް ރިޔާސީ ނިޒާމް ފުރިހަމަ ނޫން ކަމަށް އެ އިންތިޚާބުތަކުން ހާމަވެގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ރިޔާސީ ނިޒާމްގެ ތެރެއިން ކޯލިޝަން ހެދުމެއް ނެތި އެއްވެސް ޕާޓީއަކަށް އިންތިހާބު ކާމިޔާބުކުރެވިފައި ނެތުމާއި ތިން ބާރުއެކުވެ، މުޅި ދައުލަތުގެ ނިޒާމް ގަނޑުބަނޑުވެފައިވުމަކީ އޭގެ ހެއްކެއް ކަމަށް ވިދާޅުވެފައި ވެއެވެ.

ގާނޫނުއަސާސީ އެކުލަވާލިއިރު ރައްޖޭގައި ބާއްވާނެ ނިޒާމެއް ކަނޑައަޅަން ނެގި ވޯޓުގައި ރައްޔިތުން އިޚްތިޔާރުކުރީ ރިޔާސީ ނިޒާމެވެ. އޭރުވެސް ނަޝީދާއި އެމްޑީޕީން ވަކާލާތު ކުރީ އިނގިރޭސިވިލާތާއި އިންޑިއާ ފަދަ ގައުމުތަކުގައި ވެރިކަން ކުރާ، ބަރުލަމާނީ ނިޒާމް ގެންނާށެވެ. ރާއްޖޭގެ ތަޖުރިބާ އަށް ބަލާއިރު މި އުޅެނީ ނިޒާމްގެ މައްސަލައެއް ނޫނެވެ. މި އުޅެނީ ވެރިކަން ކުރާ ބައެއްގެ އިޚުލާސްތެރިކަން ނެތުމާއި ގިނަ ދިވެހިންނަށް ގަބޫލުނުކުރެވޭ ގޮތަށް ވެރިކަން ކުރުމުގެ އާދައެކެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުން ފެށިގެން، ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް ނަޝީދު އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން ވެސް ފެނުނީ އެ މަންޒަރުތަކެވެ.

ވެރިކަމުގައި ތިއްބަވާ އިރު، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރެއްވުމާއި އިދިކޮޅު މީހުންނަށް ޖެއްސުންކުރުމެވެ. ޚިޔާނާތުގެ މައްސަލަތަކެވެ. މަކަރާއި ހީލަތްތެރިކަމެވެ. ރައްޔިތުންނަށް އޮޅުވާލުމާއި، ގޮށްމުށުގެ ބާރެވެ.

މި ދައުރުގެ މެމްބަރުން މަޖިލީހަށް ހުވާ ކުރުމުގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން – ފޮޓޯ: މަޖިލިސް

ދެން އޮތީ މުޅި ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުން ދިޔަ ކޮވިޑުގެ ވާހަކައެކެވެ. މި ބައްޔަކީ މާ ނުރައްކާތެރި ބައްޔެއް ނޫން ކަމާއި، މިއީ ހަމަ އާދައިގެ ރޯގާއެކޭ ވިދާޅުވީ އިރަށް މަޖިލީހުގެ އެހެން މެމްބަރުން ވެސް ހަމަ އެ ބަނދިވަރު ރިޕީޓު ކުރިއެވެ. ފެންނަ ފެނުމަށް މި ބަލި ރާއްޖޭގެ ހުރިހާ ރަށަކަށް ފެތުރޭނެ ކަމަށް ވެސް ވިދާޅުވިއެވެ. މި ހުރިހާ ކަމެއް ނިމިގެންދާއިރު ރާއްޖޭގައި މި ބަލި ނުޖެހޭނެ މީހެއް ނުހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. ދެން ބައެއް ބޭފުޅުން އަޅާ ކިޔުއްވަނީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއާއި ރައީސް ނަޝީދު ދައްކަވާ ވާހަކައެވެ. ގޯސްވަނީ ހަމައެކަނި ރައީސް ނަޝީދު ތޯ ސުވާލު ކުރެއެވެ. ސިއްހީ އިދާރާއަކުން ވާހަކައެއް ދެއްކުމާއި، ރައީސް ނަޝީދު ދައްކާ ވާހަކައެއް ތަފާތެވެ. ބުރަދަނެއް ހުންނާނީ، އަދި ގަބޫލު ވެސް ކުރާނީ ސިއްހީ ވުޒާރާއިން ދައްކާ ވާހަކައެކެވެ.

މިހުރިހާ ވާހަކައެއްގެ ގެނެވުނީމަ، ދުނިޔޭގެ މާ މޮޅު ރައީސެއްގެ ވާހަކަ ނުދައްކާ ހުރެވޭކަށް ނެތެވެ. އެވެސް ވަރަށް ޑްރާމާ ބޭފުޅެކެވެ. ތިމާގެ މޮޅުކަން ދެއްކުން ނޫން ކަމެއް ނޯވެއެވެ. އޭނާއަށް ވެސް މިއީ އާދައިގެ ރޯގާއެކެވެ. މުޅި ގައުމު މި ބަލީގައި އެ ސުންނާފަތި ވަނީއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.

އާއްމު ސިއްހަތާއި ބެހޭ ގާނޫނުގެ ދަށުން ރާއްޖައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. ގާނޫނީ ބޮޑު ބަހުސްއެއް އުފެދިގެން ދިޔައީ ލޮކްޑައުންގެ ހާލަތުގައި ތަޅުމުގައި ޖަލްސާ ބާއްވާނެ ކަމަށް ވިދާޅުވީ ހިސާބުންނެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު އަދި ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީގެ މަޝްވަރާއެއް އަދި ހުއްދައެއް ވެސް ނެތި އެންމެ ފުރަތަމަ ވެސް ގަދަ ފައި ވިއްދާލީއެވެ. މުޅި ސޯޝަލް މީޑީއާގައި ޑްރާމާއެއް ދިޔައިރު އެންމެންގެ ސަމަލާކަން އަދި މީޑިއާތައް ވެސް ހުއްޓިފައި އޮތީ ރައީސް ނަޝީދަށެވެ. ކެތްތެރިކަން ކޮޅުން ލައިގެން އުޅޭތާ ދުވަސްތަކެއް ވެ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަތަކާއި، ލޮކްޑައުން ކަމުނުދާ ވާހަކަ، އަދި ހެލްތް މިނިސްޓަރު އަމީން ގޯސް ކަމުގެ ވާހަކައާއި އެކު ނުސީދާ ގޮތެއްގައި އެހެން އިދާރާތަކަށް ވެސް އިންޒާރުތައް ދެއްވިއެވެ. ވަޒީރުންގެ ނޯ ކޮންފިޑެންސްއެއް ނަގަން ޖެހިދާނެކަމަށް ވެސް ވިދާޅުވިއެވެ. ރައީސް ޔާމީން ޖަލުގައި އޮންނެވީތީ އެކަމަށް ސުވާލު އުފައްދަވާ އިދިކޮޅު ވެސް ކައްކުވާލިއެވެ. ރައީސް ނަޝީދުގެ މި އަމަލުތަކަށް ހިތްހަމަނުޖެހޭ މެމްބަރުން ތިބި ނަމަވެސް ފާޅުގައި މާބޮޑު އެއްޗެއް ވިދާޅުވާން ނުކެރެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ލޮކްޑައުނާ މެދު އެޗްޕީއޭއިން އަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިންމަންދެން މަޑުކުރެއްވެން ނެތް ވާހަކަ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަންގަވާފައި ވާނެ ކަމަށެވެ.

ލޮކްޑައުންއެއްގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ ވެސް އެތައް ދުވަހަކު، ވާހަކަ ދައްކަވައިފިއެވެ. ރާއްޖެއިން ފެންނަ ޕޮޒިޓިވް ކޭސްތަކަށް މާބޮޑު ބަދަލުތަކެއް ނާންނައިރު ހަގީގަތަކީ ޓެސްޓިން ކެޕޭސިޓީ ވެސް ދަށް ކަމެވެ. ސިއްހީ މާހިރުން ޕްރޮޖެކްޝަންތައް ތައްޔާރު ކުރައްވާއިރު، ރައީސް ނަޝީދު އުޅުއްވަނީ އަމިއްލަ ޕްރޮޖެކްޝަން އުފެއްދެވުމުގައެވެ. މި ހުރިހާ ވާހަކައެއް ދައްކަވަމުން ގެންދެވީ މިދިޔަ މާޗު މަހުގެ ތެރޭގައި ފެށި، ވެބް ކޮންފަރެންސް ޖަލްސާތަކުގެ ތެރެއިންނެވެ. މި ޖަލްސާތަކުގައި ވެސް ވަރަށް ކަންކަން ހިނގައިފިއެވެ. ލައްކަ ވާހަކަތަކެއް ދެއްކެވިއެވެ. ގާނޫނެއްގެ ދަށުން ސަރުކާރުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅަކަށް ގާނޫނު ހަދާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގަދަ ބާރުން އެންމެފަހުން ތަޅުމުގައި ޖަލްސާއެއް ބޭއްވީ ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު އަދި ކައުންސިލަރުންގެ ދައުރު ދިގު ކުރުމާ ގުޅޭގޮތުންނެވެ. ޖަލްސާ ނިމިގެން ދިޔައީ އެއްވެސް ހައްލަކާއި ހަމަޔަށް ނާދެވިއެވެ.

ހަމަނުޖެހުމެއްގެ ފެށުން މިއޮތީ ފެންނާށެވެ. ކުރިޔަށް އޮތްތަނުގައި ފެންނާން އޮތް މަންޒަރު ތަފާތު ވާނެހެން ހީވެއެވެ. އެއް އިރެއްގައި ޑީއާރުޕީ ނަމަކަށް ކިޔުނު ޕާޓީއަކާއި، ޕީޕީއެމްއެއް ދެކަފި ވީ ގޮތް އެއީ އިތުރަށް ކިޔައިދޭން ޖެހޭ ވާހަކައެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: