ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރީ ރައްޔިތުންނާއި އުއްތަމަ ފަނޑިޔާރާ ޖައްސަންވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ޣަފޫރު ވިދާޅުވީ، އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ނިންމީ އެމަނިކުފާނު އެދިވަޑައިގެން ނޫން ކަމަށެވެ. އަދި މަޖިލީހުގެ ރައީސްގެ މުސާރަ ވެސް ބޮޑުކުރަނީ މަޖިލިސް ރައީސް އެދިވަޑައިގެން ނޫންކަމަށް ވިދާޅުވެ، އެ ބަދަލުތަކަކީ ނުބައި މަގުސަދެއްގައި ކުރާ ކަމެއް ކަމަށް ޣަފޫރު ތުހުމަތުކުރެއްވިއެވެ.
”އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރާކަށްވެސް އަޅުގަނޑެއް ތާއީދެއް ނުކުރަން. މީ އުއްތަމަ ފަނޑިޔާރު ބުނެގެން ކުރާކަމެއް ނޫން. މީ އަޅުގަނޑުމެން ރައްޔިތުންނާ އުއްތަމަ ފަނޑިޔާރާ ޖައްސަންވެގެން މިތަނުން ކުރާ ކަމެއް،“ ޣަފޫރު
މުސާރަ ބޮޑުވާ އަދަދަކީ އަހަރަކަށް ބަލާއިރު 90،000 ރުފިޔާ ކަމަށް ދައްކާއިރު، އެއީ ކުޑަ އަދަދެއް ކަމަށް ބުނާނަމަ އެ ފައިސާ ނުނަގާ ދޫކޮށްލަންވީ ނޫންތޯ ވެސް އޭނާ ސުވާލު އުފެއްދެވިއެވެ. ނަމަވެސް މިހާރު ފެންނަނީ އެ ފައިސާ ނަގަންވެގެން، އަދި ދޭންވެގެން އުޅޭ މަންޒަރު ކަމަށް ޣަފޫރު ފާހަގަކުރެއްވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން، ވޭތުވެދިޔަ ފަސް އަހަރުގެ އެމްޑީޕީ ސަރުކާރުގައި ރާއްޖެއަށް ގެނެސްދިން ފަދަ ބޮޑެތި ތަރައްގީގެ މަޝްރޫއުތަކެއް މިހާތަނަށް އެއްވެސް ވެރިކަމެއްގައި ހިންގާފައިނުވާ ކަމަށާއި އެ ހަގީގަތް އެންމެންވެސް ގަބޫލުކުރަން ޖެހޭނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ. އަދި މި ސަރުކާރަށް އެމްޑީޕީން ގެނައި ތަރައްގީއާ ކައިރިވާ ވަރަށް ވެސް މަސައްކަތް ނުކުރެވޭނެ ކަމަށާއި، ރައްޔިތުން ބަލާނީ ރަށްރަށުގައި ހިންގާފައިވާ މަޝްރޫއުތަކަށާއި، ހަކަތައިގެ އަގު ބޮޑުވަމުންދާ ވަރާއި ދައުލަތް ދަރަނިވެރިވަމުންދާ މިންވަރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މެންބަރު ޣަފޫރު މި ވާހަކަތައް ދައްކަވަމުން ގެންދެވި ވަގުތު މަޖިލީހުގެ ތަޅުމުގައި ބައެއް މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވުމުން، ރިޔާސަތުން ވަނީ އެއްވެސް މެންބަރަކު ވާހަކަދައްކަވަމުން ގެންދަވާ ވަގުތު ދަތިވާ ގޮތަށް އަޑުގަދަ ނުކުރެއްވުމަށް އިލްތިމާސްކުރައްވައި، ބާރަށު ދާއިރާގެ މެންބަރާއި ފޮނަދޫ ދާއިރާގެ މެންބަރަށް އިށީނދެވަޑައިގަތުމަށް ތަކުރާރުކޮށް އަންގަވާފައެވެ.
މަޖިލީހުގެ ރައީސްގެ މުސާރައާއި އިނާޔަތް އަދި ވަޒީރުންގެ ކާރު އެލަވަންސް ބޮޑުކުރަން ނިންމި ނިންމުން ފާސްކޮށްފައިވަނީ، 42 މެމްބަރުންގެ ވޯޓާއެކުއެވެ. އުއްތަމަ ފަނޑިޔާރުގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރަން ފެންނަކަމަށް 40 މެމްބަރަކު ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެމްބަރުންނެވެ.
މަޖިލީހުން ފާސްކުރި މައިގަނޑު ކަންތައްތައް:
- ރައްޔިތުންގެ މަޖިލީހުގެ ރައީސް: މަޖިލީހުގެ ރައީސަށް މަހަކު 22،000 ރުފިޔާގެ އެލަވަންސެއް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. މި ބަދަލާއެކު އެ މަގާމުގެ މުސާރައާއި އެލަވަންސްތައް އެއްކޮށް މަހަކު 95،125 ރުފިޔާއަށް އަރާނެއެވެ.
- އުއްތަމަ ފަނޑިޔާރު: އުއްތަމަ ފަނޑިޔާރަށް މިހާރު މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު ލިބިވަޑައިގަންނަވަނީ 91،000 ރުފިޔާއެވެ. ނަމަވެސް، އުއްތަމަ ފަނޑިޔާރަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި މަހަކު 4،125 ރުފިޔާ އިތުރުކޮށްފައިވާއިރު، ޖުމްލަ މުސާރަ އާއި އިނާޔަތް 95،125 ރުފިޔާއަށް އަރާނެއެވެ.
- ވަޒީރުން: ވަޒީރުންގެ ކާރު އެލަވަންސް 17،000 ރުފިޔާއަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. މިހާރު ވަޒީރަކަށް މުސާރައާއި އެލަވަންސްގެ ގޮތުގައި މަހަކު 58،500 ރުފިޔާ ލިބިވަޑައިގަންނަވާއިރު، މި ބަދަލާއެކު އެ އަދަދު 75،500 ރުފިޔާއަށް އިތުރުވާނެއެވެ.
- ކައުންސިލަރުން: ކައުންސިލަރުންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މަހަކު 5،000 ރުފިޔާގެ ސާވިސް އެލަވަންސެއް ހަމަޖެއްސުމަށް ވަނީ ފާސްކޮށްފައެވެ.
އެ ބަދަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅީ މަޖިލީހުގެ ރައީސާއި ވަޒީރުންނާއި ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށެވެ. ނަމަވެސް، ފަހުން އުއްތަމަ ފަނޑިޔާރުގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް ވެސް ހުށަހަޅައި ކޮމިޓީން އެގޮތަށް ފާސްކުރިއެވެ.
މާލިއްޔަތު ކޮމިޓީއަށް މި އިސްލާހުތައް ހުށަހެޅުއްވީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ފުނަދޫ ދާއިރާ ތަމްސީލުކުރައްވާ މެންބަރު މުހައްމަދު މަމްދޫހެވެ.

