ލޮކްޑައުންއަށް ލުއިތަކެއް ދޭން މަޝްވަރާތައް ފެށުން އަވަހެއް ނޫން ކަމަށާއި، ކޮވިޑުފަދަ ބައްޔަކާއި ބަލާ ދުވާލަކަށް ރާއްޖެއިން 50 ކޭސް ފެނުން އެއީ ގިނަ އަދަދެއް ނޫން ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
އާއްމު ސިއްހަތާއި ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އަދި އޭގެ ދަށުން ޑިރެކްޓާރ ޖެނެރަލްއަށް ލިބިގެންވާ ބާރުން މުޅި މާލެ ސަރަހައްދާއި އެކު ރާއްޖެ ވަނީ ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައެވެ. އޭގެ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަޑުޖައްސާލުން ހިމެނެއެވެ. މުޅި މާލެ ސަރަހައްދު ލޮކްޑައުންކޮށް އަރާ ފޭބުން މަނާކުރީ މިދިޔަ އޭޕްރިލް މަހު މާލެއިން ކޮވިޑުގެ ކޭސްއެއް ފެނުމާއި ގުޅިގެންނެއެވެ. އެއަށްފަހު ފެންނަމުން އައި ކޭސްތައް އިތުރުވެ މިއަދާއި ހަމައަށް ފެނުނު ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 1,438 އަށް އަރާފައެވެ. އަދި ބަލިޖެހިގެން ފަރުވާދެމުން ދިޔަ 232 މީހަކު ވަނީ އެކީ ރަނގަޅުވެފައެވެ.
ދާދިފަހުން ރާއްޖޭގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވަކި ފިޔަވަހިތަކަކަށް ބަހާލައިގެން ލޮކްޑައުންއަށް ލުއިތަކެއް ގެނެވޭނެކަމަށް ހާމަކުރައްވާފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި އެކަންތައް ކަމާއި ބެހޭ އިދާރާތްތަކުން އާއްމު ކުރަމުން ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ، ވަކި އުސޫލުތަކެއްގެ ދަށުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުޅުވާލުމާއި، ވިޔަފާރި ކުރުމުގައި ލުއިތަކެއް ދީ، އޮފީސްތައް މަޑުމަޑުން އޮޕަރޭޓު ކުރަން ފެށޭނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ވަކި ތާރީހެއް ހާމައެއް ނުކުރައްވައެވެ.
އެއަށްފަހު މަހަކަށް ވުރެ ގިނަ ދުވަސްފަހުން، ކޮވިޑާއި ގުޅިގެން ލޮކްޑައުންގައި ނުވަތަ މޮނީޓަރިންގައި ނެތް ރަށްތަކުގައި ވަނީ މިއަދުގެ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރަން ފަށާފައެވެ.
ލޮކްޑައުންއަށް ލުއިތަކެއް ގެންނައުމުގެ ވާހަކަތައް ދެކެވޭއިރު، މިހާރު ތަންފީޒު ކުރަމުންދާ 14 ދުވަހުގެ ލޮކްޑައުންގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާނެއެވެ. ބައެއް ފަރާތަކުން ވަނީ މާލޭގެ ލޮކްޑައުން އުވާލުން އަދި މާ އަވަސްކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ކޮވިޑުގެ ނުރައްކާ ނެތް ރަށްތައް ހުޅުވާލުމުގެ ގޯހެއް ނެތްކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް ރާއްޖެއިން އެޅީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށެވެ. ކޮވިޑުގެ ނުރައްކާ އޮތް މިންވަރު ކުޑަވެފައި ނުވާއިރު އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުންއަށް ދެނީ ލުއިތަކެއް ކަމަށެވެ. އަދި އަބަދު ލޮކްޑައުންއެއްގައި ނުބޭއްވޭނެ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ މާލެއިން މިހާރު ބައްޔަށް ޕޮޒިޓިވްވަމުން ދަނީ ދުވާލަކަށް 50 އެއްހާ މީހުން ކަމަށެވެ. އަދި މިއަދަދަކީ ބޮޑު އަދަދެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
”މިފަދަ ސްޕްރެޑްވާ ބައްޔަކަށް ބަލާއިރު، އަދި މިއީ މާލޭގެ އާބާދީގެ ނިސްބަތުން ދުވާލަކު 50 މީހުން ފެނުމަކީ އެހާ ހައި އަދަދެއް ނޫން އަޅުގަނޑުމެން އެންމެން ވެސް ބޭނުންވާނީ ޒީރޯ އަކަށް ގޮސްގެން މިކަން ފަސޭހަ ކުރަން. އެކަމަކު ބެކް ޓު ނޯމަލް އަކަށް ދާން ފަށާނީ ވަކި ލެވެލްއެއްގައި ހިފެހެއްޓިގެން“ ޑރ. އަފްޒަލް
ލުއިތަކެއް ދެވެނީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ގައިޑްލައިނާއި އެއްގޮތަށް ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ، ލޮކްޑައުންއެއްގައި އަބަދު ނުތިބެވޭނެ ކަމަށެވެ. އެއާއި އެކު ލުއިތައް ދޭނެ ގޮތާއި ބެހޭގޮތުން މަޝްވަރާތައް ކުރިޔަށްދާއިރު ދުނިޔޭގެ އެހެން ގައުމުތަކަށް ދިމާވި ކަންތައް ފިލާވަޅެއްގެ ގޮތުގައި ނަގާކަމަށް މަބްރޫކް ވިދާޅުވިއެވެ. ލޮކްޑައުން އުވާލި ބައެއް ގައުމުތަކުގެ ހާލަތު ވަރަށް ބޮޑުތަނުން ގޯސްވެގެން ދިޔަކަމަށް ނޫސްވެރިޔާ ފާހަގަކުރުމުން މަބްރޫކް ވިދާޅުވީ އެހެން ގައުމުތަކުން ހެދި އެންމެ ބޮޑު ގޯހަކީ އެއްވެސް ޕްލޭނެއް ނެތި ކުއްލިއަކަށް ލޮކްޑައުން އުވާލުން ކަމަށެވެ. އަދި އެއާއި އެކު ފޭސްތައް މަދުވުން ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ ފޭސްތައް ގިނަ ވާނެ ކަމަށާއި، އެއް ފޭސްއިން އަނެއް ފޭސްއަށް ދިއުމަށް ވެސް ދުވަސްތަކެއް ހޭދަ ކުރުމަށްފަހުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވީ މަޝްވަރާތައް ދަނީ ފުރަތަމަ ފިޔަވަހީގައި ލުއިތައް ދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ކަމަށެވެ. ލުއިތައް ދިނުމުން އޭގެ ބޭނުން ނާޖާއިޒްގޮތެއްގައި ދާނަމަ ނުވަތަ މީހުން ނިކުމެ އުޅޭ މިންވަރު އިތުރުވާނަމަ އަލުން އާ ލޮކްޑައުންއަކަށް ދާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ލޮކްޑައުން އުވާލުމަށްފަހު އެހެން ގައުމުތަކުގެ ހާލަތު ގޯސްވި ކަމާއި، އަދި ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވެސް ގައުމުތަކުން މާ އަވަހަށް ފިޔަވަޅުތައް އުވާލުމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރިކަން ނޫސްވެރިން ފާހަގަކުރިއެވެ. އަދި ރާއްޖޭގެ ހާލަތު ގޯސްވެއްޖެ ނަމަ އެކަން ކޮންޓްރޯލް ކުރެވޭ ވަރުގެ ކެޕޭސިޓީއެއް ހުންނާނެތޯ ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ ޕޮޒިޓިވް ކޭސްތައް ކުއްލިއަކަށް އަތުން ކައްސާލައިގެން ދާން ބޭނުން ނުވާ ކަމަށެވެ. އެހެން ކަމުން ލުއިތައް ދޭން ފަށާއިރު އެހެން ގައުމުތަކަށް ދިމާވި ގޮތްތައް ފިލާވަޅެއްގެ ގޮތުގައި ނަގާ އިސްކަމެއް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްކަންދެވޭނެ ބައެއް ކަންތައް ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ އާ ކޭސްތައް ފެންނަ އަދަދާއި، ސާރީ ކޭސްތައް އަދަދު އަދި އެއްވެސް ކްލަސްޓާއަކާއި ގުޅުމެއް ނެތް އިންޑިޕެންޑެންޓު ކޭސްތައް ފެންނަ އަދަދަށް ބަލާނެ ކަމަށެވެ. އަދި ރާއްޖޭގައި ސިއްހީ ނިޒާމުގެ ކެޕޭސިޓީ ހުރި މިންވަރު ބަލަނެ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

