ވ. އާރަށުގެ މައްސަލައިގެ ޝަރީއަތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އޯޑިއޯ ރެކޯޑިންތަކެއް ކަމަށް ބުނާ އޯޑިއޯތަކެއް ހެކީގެ ގޮތުގައި ބަލައިގަތް މައްސަލަ އިސްތިއުނާފުކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅައިފިއެވެ.
އާރަށުގެ މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ގޮތް ނިންމަވާފައިވާއިރު، އެ ނިންމުންތަކުން ބައެއް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅައިފައެވެ.
ރައީސް ޔާމީންގެ ވަކީލު ހަމްޒާ ލަތީފް ”ސަންގަށް“ ވިދާޅުވި ގޮތުގައި އާރަށު މައްސަލައިގެ ތެރެއިން ދައުލަތުން ވަނީ ރައީސް ޔާމީނާ ދެކޮޅަށް އެމަނިކުފާނުގެ ކޯލް ރެކޯޑިންތަކެއް ކަމަށް ބުނާ ރެކޯޑިންތަކެއް ހުށަހަޅާފައެވެ. އެ ރެކޯޑިންތައް ބަލައިނުގަތުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ޝަރީއަތުގެ ކުރިން ދަށު ކޯޓުގައި ވެސް އެދުނެވެ.
2013 ވަނަ އަހަރުގެ އެ އޯޑިއޯތަކުގެ އެނަލިސިސް ރިޕޯޓެއް ހުށަހަޅާނެ ކަމަށް ދައުލަތުން ބުނި ނަމަވެސް އެފަދަ ރިޕޯޓެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށާއި އެފަދަ ރިޕޯޓެއް ހެދެން ނެތް ކަމަށް ދައުލަތުން ބުނެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ހަމްޒާ ވިދާޅުވި ގޮތުގައި، 2015 ވަނަ އަހަރު ކުރި ކަމަށް ބުނާ ކުށެއް ސާބިތުކުރަން ކާކުކަން ކަށަވަރުނުކުރެވޭ 2013 ވަނަ އަހަރުގެ އޯޑިއޯތަކެއް، އެލަނިސިސް ރިޕޯޓެއް ހުށަހެޅުމަކާ ނުލައި ދަށު ކޯޓަށް ބަލައިގަނެފައިވަނީ ގޯސްކޮށެވެ. އަދި އެ ރެކޯޑިންތައް ބަލައިގަތުމުން އިންސާފުވެރިކަން ގެއްލޭ ކަމަށާއި އެމަނިކުފާނާ މެދު ނުބައި ތަސައްވުރެއް އުފެދިދާނެކަމަށް ވިދާޅުވިއެވެ.
އެހެންކަމުން، ހައިކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅާފައިވަނީ، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ނިންމުމުގެ ތެރެއިން އެ ބައި ކަމަށް އޭނާ ވިދާޅުވިއެވެ. ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އިއްޔެއެވެ. މައްސަލަ ބަލައިގަތުމާ މެދު އަދި ކޯޓުން ގޮތެއް ނިންމާފައިނުވެއެވެ.
އާރަށުގެ މައްސަލައިގައި އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާތަކުގެ ދިފާއުގައި ރައީސް ޔާމީން ސާބިތުކުރަން މަސައްކަތްކުރައްވަނީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ސައްހަ ޑޮލަރު މާރުކުރުމުގެ މުއާމަލާތަކުން ލިބުނު ފައިސާ ކަމެވެ. އެ ފައިސާގެ މުގާބިލުގައި އެއަށް ވާ ވަރަށް ދިވެހި ރުފިޔާ، އެ މައްސަލައިގައި ދެން ދައުވާ އުފުލާފައިވާ ޔޫސުފް ނައީމަށް ހަވާލުކުރީ ނަގުދު ފައިސާއިން ކަމަށާއި އެ ފައިސާ ގުނުމަށްފަހު ގެންދިޔައީ ނަރީޝް ކަމަށް މީގެ ކުރިން ވެސް ޔާމީންގެ ފަރާތްޕުޅުން ބުނެފައިވެއެވެ.
ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުގައި ޝަރީއަތް ހިންގަމުން މިދަނީ ދެވަނަ ފަހަރަށެވެ. އެ މައްސަލައިގައި މީގެ ކުރިން ކުށް ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން އެންގީ ހައިކޯޓުންނެވެ. ދައުލަތުން އެ މައްސަލައިގައި ދަށު ކޯޓުގައި ހުށަހެޅި އާ ހެކިތައް ބަލައިގަތީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމިއިރު، އެ ހެކިތައް ބަލައިގަތުމާ ގުޅޭ ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް ނިންމާފައިވަނީ ހައިކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.

