ކޮވިޑް-19 އާއި ގުޅިގެން، ރާއްޖޭގައި އިޢުލާނުކޮށްފައިވާ ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދަންމައިފިއެވެ.
މިއީ، ޢާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން އަށް ލިބިދޭ ބާރުގެ ދަށުން ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރި 03 ވަނަ ފަހަރެވެ.
ރާއްޖޭގައި ފުރަތަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ މިދިޔަ މާރިޗުމަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 މެއިގެ ނިޔަލަށެވެ.
ނަމަވެސް ކޮވިޑް-19 ފެތުރުމުގެ ނުރައްކާތެރިކަން އަދިވެސް އޮތްކަމަށާއި، އެހެންކަމުން އެ ނުރައްކާތެރިކަން ކުޑަކޮށް ޢަންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުންވެސް ލަފާދެއްވާފައިވާ ކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވިއެވެ.
މި ގޮތުން ރާއްޖޭގައި، އިޢުލާނުކޮށްފައިވާ ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ ޖޫން މަހުގެ 29 ވަނަ ދުވަހާއި ހަމައަށް އިތުރުކުރަން ނިންމާފައިވާކަމަށް މިނިސްޓަ އަމީން ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1481 އަށް އިތުރުވެފައިވީ ނަމަވެސް، ގިނަ ބަޔަކު ބަލިން ރަނގަޅުވަމުން އަންނާތީއާއެކު، ސަރުކާރުންް މިހާރު ވަނީ ލުއިތަކެއްދޭން ފަށާފައެވެ.

