ލޮކްޑައުންއަށް ލުއިތައް ދިނުމުގެ ޕްލޭން އެކުލަވާލުމުގައި ސިސްޓަމްގެ ކެޕޭސިޓީ މިހާރު އައިސްފައިވާ ހިސާބަށް އިސްކަންދީފައިވާނެ ކަމަށް ހެލްތް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ވާހަކަ ދައްކަވަމުން އައިޝަތު ސާމިއާ ވިދާޅުވީ ކޮވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ މަސައްކަތްތައް މިއަހަރުގެ ޖެނުއަރީ، މަހުގެ ތެރޭގައި ފެށުނު ކަމަށެވެ. އެގޮތުން އޭރުގެ މަސައްކަތްތައް ރިސްކު އެސެސްމެންޓުން ފެށިއިރާއި، އަދި މިހާތަނަށް މަސައްކަތްތައް ދެމިގެން އައި ގޮތަށް ބަލާއިރު ޓެސްޓިން ކެޕޭސިޓީގެ ގޮތުންނާއި، އަދި ހިދުމަތުގެ ގޮތުން ވެސް ވަރަށް ބޮޑުތަނުން ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
ސާމިއާ ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ގާއިމް ކުރެވުނު ކަރަންޓީނު ފެސިލިޓީތަކުގެ އަދަދު 1500 އަށް ވުރެ އިތުރު ކަމަށެވެ. އެންމެ ފުރަތަމަ އައިސޮލޭޓު ކުރަން ފެށީ ޑީއެޗް11 އާއި ފަރުކޮޅުފުށީން ކަމަށާއި ޖޫން މަހުގެ 01 ގެ ނިޔަކަށް 290 އެނދުގެ އިތުރު އައިސޮލޭޝަން ފެސިލިޓީއެއް ހޮސްޕިޓަލް ބެޑްސްއާއި އެކު ގާއިމްކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އޭގެ އިތުރުން ޓްރީޓޮޕްގެ 100 އެނދު ހަމައެކަނި ހޮސްޕިޓަލް ބެޑްގެ ގޮތުގައި ހެދޭނެ ކަމަށާއި މިވަގުތު ވެސް ޓްރީޓޮޕުން 45 އެނދުގެ ހިދުމަތް ލިބެމުން ދާ ކަމަށެވެ.
މީގެ އިތުރުން ސާމިއާ ވިދާޅުވީ މަސައްކަތްތައް މިހާހިސާބަށް އައި ވަރަށް ބޮޑަށް ތަރުތީބު ކުރެވިގެން ކަމަށެވެ. އަދި މިހާތަނަށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ވެސް ގިނަ ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށެވެ. ހަރުދަނާ ފިޔަވަޅުތައް އެޅުމުގައި ދުނިޔޭގެ އެހެން ގައުމުތަކާއި އަދި ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއީގެ އިރުޝާދުތަކަށް ބަލާކަމުގައި އޭނާ ވިދާޅުވިއެވެ.
ލުއިތައް ދިނުމުގެ ޕްލޭން ތައްޔާރުކުރުމުގައި ތަފާތު ތިން ދައިރާއަކަށް ބަލާފައިވާނެ ކަމަށް ސާމިއާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ބަލި ކޮންޓްރޯލް ކުރެވިފައިވާ މިންގަނޑާއި، މި ބައްޔަށް ސިއްހީ ނިޒާމު ތައްޔާރުވެފައިވާ މިންވަރު އަދި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ ކެޕޭސިޓީ ހުރި މިންވަރަށް ބަލާފައިވާނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އަމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ ލުއިތައް ދިނުމުގެ ޕްލޭން އެކުލަވާލުމުގައި ސިސްޓަމްގެ ކެޕޭސިޓީ މިހާރު އައިސްފައިވާ ހިސާބަށް އިސްކަންދީފައިވާ ކަމަށެވެ. އަދި އެއާއި އެކު ލުއިތަކާއި އެކު ދޭން ފަށާ ހިދުމަތުގެ ސަބަބުން ދެން އަންނާނެ ބަދަލުތަކާއި އަދި އިންތިޒާމުތަކަށް އެ ހުރިހާ ކަމެއް ކަތާނެތޯ ބެލިކަމަށެވެ. އަދި މި ޕްލޭން އެކުލަވާލިއިރު ކަމާއި ގުޅޭ ހުރިހާ އިދާރާއަކާއި އެކު ވެސް މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވާނެ ކަމަށް ޝައިނާ ވިދާޅުވިއެވެ.
ވީހާ ވެސް ކޮންޓްރޯލްޑް ނިޒާމެއްގެ ތެރެއިން ހުރިހާ މަސައްކަތްތަކެއް ވެސް ކުރިޔަށް ގެންދެވޭނެ ގޮތް ބަލާފައިވާނެކަން ފާހަގަކުރައްވާ ޝައިނާ ވިދާޅުވީ މީގެ ތެރޭގައި ބަލީގެ ނުރައްކާ ބޮޑުވެދާނެ ކެޓަގަރީތަކަށް އޮތް ރިސްކުތައް ބަލާފައިވާނެ ކަމަށެވެ. އަދި މައިގަނޑު އެއް ކަމެއްގެ ގޮތުގައި އިގްތިސޯދީ ހަރަކާތްތައް މިހާރަށް ވުރެ ހަރުދަނާ ވެ ފުޅާ ކުރުމަކީ ވެސް މި ލުއިތަކުގެ ތެރޭގައި ހިމެނޭ ބޭނުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

