ރާއްޖޭގައި މިއަދު ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ވިހެއިތާ 11 ދުވަސް ވީ ކުޑަކުއްޖެއް ހިމެނޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
މިއަދު ބައްޔަށް ޕޮޒިޓިވް ވީ މީހުންގެ މައުލޫމާތައް އެޗްޕީއޭގެ، ޑޭޝްބޯޑުގައި އާއްމުކޮށްފައިވާއިރު އޭގެ ތެރޭގައި އުމުރުން 89 އަހަރުގެ މީހެއް ވެސް ހިމެނެއެވެ. މިއަދު ކޮވިޑު ޖެހިގެން ރިޕޯޓު ކުރި 11 ދުވަހުގެ ކުއްޖާއަކީ ރާއްޖޭގައި މި ބަލި ޖެހުނު އެންމެ ހަގު ކުއްޖާއެވެ. ރައްޖޭގެ ކޮވިޑު ކޭސްތަކުގެތެރޭގައި 49 ކުޑަކުދިން ހިމެނެއެވެ.
މިއަދު ޕޮޒިޓިވް ވި ތުއްތު ކުއްޖާއަށް ބަލި ޖެހުނު ގޮތެއް ނޭނގެއެވެ. މިރޭ އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައި ނުވާތީ، ބެލެވޭ ގޮތުން ކޭސްގެ އިތުރު މައުލޫމާތުތައް ލިބޭނީ މާދަމާ ރޭއެވެ.
މީގެ ކުރިން ވެސް 21 ދުވަހުގެ ތުއްތު ކުއްޖެއްގެ ހެދި ފުރަތަމަ ޓެސްޓުން ކޮވިޑަށް ޕޮޒިޓިވް ވިއެވެ. ނަމަވެސް ފަހުން ނެގި ދެ ސާމްޕަލްއިން ވެސް ވަނީ ކުއްޖާގެ ގައިގައި ބަލީގެ އަސަރު ނެތްކަން ޔަގީން ކުރެވިފައެވެ.
މިއަދު ބައްޔަށް 56 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މިއަދު ބަލި ޖެހުނު މީހުންނާއި އެކު ރާއްޖޭގެ ޖުމްލަ އަދަދުތައް ވަނީ 1،513 އަށް އަރާފައެވެ.

