ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވާތީ ކައުންސިލް އިންތިހާބު ބޭއްވޭނެ ފަދަ މާހައުލެއް ނެތުމުން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީޙުން ބަލައިގަތުމަށް ނެގި ވޯޓުގައި ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ތްރީލައިން ވިޕާއި ހިލާފަށް ވޯޓު ދެއްވި މެމްބަރުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހު ބަލައިގަތުމަށް ނެގި ވޯޓުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ތްރީލައިން ވިޕާއި ހިލާފަށް ވޯޓު ދެއްވި މެމްބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި މަޑަވެލީ ދާއިރާގެ މެމްބަަރު ހުސައިން ފިރުޝާންގެ އިތުުރުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުއެވެ.
”ސަން“ގު އަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ މަޖިލީޙުގައި ނަގާ ވޯޓުތަކަށް ޕާލަމެންޓްރީ ގުރޫޮޕުން ތިން ގޮތަކަށް ވިޕް ނެރޭ ކަމަށެވެ. އެގޮތުން ތްރީލައިން ވިޕާއި ޓޫލައިން ވިޕްގެ އިތުރުން ފްރީ ވިޕް ނެރޭ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.
އަލީ އާޒިމް ވިދާޅުވީ މަޖިލީހުން ކަމެއް ފާސްކުރުމަށް ތްރީލައިން ވިޕެއް ނެރެފިނަމަ ޕީޖީ ގުރޫޕުގައި ހިމެނޭ ހުރިހައި މެމްބަރުން ވެސް މަގުބޫކު އުޒުރެއް ނެތްނަމަ ވޯޓުގައި ބައިވެރިވެ ވަޑައިގެން ވޯޓު ދެއްވަން ޖެހޭނެ ކަމަށެވެ. އެގޮތުން ގާނޫނުއަސާސީއަށް އިސްލާހު ގެނެއުމަށް ސަރުކާރުން ހުށަހަޅި ބިލް ބަލައި ގަތުމަށް ނެރެފައި ވަނީ ތްރީ ލައިން ވިޕެއް ކަމަށާއި އެހެންކަމުން ތްރީލައިން ވިޕާއި ހިލާފަށް ވޯޓު ދެއްވި މެމްބަރުންނާއި މެދު ޕާޓީގެ އަސާސީގަވާއިދާއި ޕާޓީގެ ޕީޖީ ގުރޫޕްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށާއި އެއީ އޭނާގެ ޒިންމާއެއް ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލް ބަލައި ގަތުމާއި ދެކޮޅަށް ވޯޓް ދެއްވި މެމްބަރުންނާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އަލީ އާޒިމް ވިދާޅުވި ނަމަވެސް އަޅުއްވާނީ ކޮން ފިޔަވަޅެއް ކަމެއް އަލީ އާޒިމް ވިދާޅުވެފައެއް ނުވެއެވެ.

