ރިވެލި ބީޗް ކުލަބް އެންޑް ރެސްޓޯރެންޓް ހިންގާ ކުންފުނީގެ އަތުން އެ ރެސްޓޯރެންޓް ހިންގާ އިމާރާތް ނެގުން ހުއްޓުވުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފިއެވެ.
އެޗްޑީސީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ރެސްޓޯރެންޓް ހިންގާ ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުން އިއްޔެއިން ފެށިގެން ނިމުމަކަށް ގެނެސް އެ ބިން އެޗްޑީސީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެޗްޑީސީން ނެރުނު ބަޔާނުގައި ބުނީ، ރިވެލި ރެސްޓޯރެންޓް ހިންގާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރީ ކުލި ނުދައްކައި ގިނަ ދުވަސްތަކެއް ވެފައިވާތީ، އެ އެެއްބަސްވުމުގެ ދަށުން ދޭންޖެހޭ ހުރިހާ ނޯޓިސްތަކާއި ގިނަ ފުރުސަތުތަކެއް ދީ، އެއްބަސްވުމުގެ އިޖުރާއަތުގެ ތެރެއިން ކަމަށެވެ.
އެ މައްސަލައިގައި ރިވެލި ރެސްޓޯރެންޓް ހިންގާ ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓްއިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައި، އެތަން އަތުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވަނީ އެދިފައެވެ.
އެކަމާ ގުޅިގެން ސިވިލް ކޯޓުން އިއްޔެ ނެރެފައިވާ ވަގުތީ އަމުރެއްގައި ވަނީ، ސޮލާރިސް ހޮސްޕިޓާލިޓީ ޕްރައިވެޓް ލިމިޓެޑާއި އެޗްޑީސީއާ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމާ ގުޅިގެން، ސޮލާރިސް ހޮސްޕިޓާލިޓީ ޕްރައިވެޓް ލިމިޓެޑަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ގާއިމްވެފައި އޮތް ކަމަށެވެ.
އެހެންކަމުން ވަގުތީ އަމުރެއް ނުނުރެފިނަމަ ޝަރީއަތުގައި ކުރިއަށްދާ މައްސަލައިގައި ޝަރީއަތުން ގޮތް ކަނޑައެޅުމުގެ ކުރިން ދެ ފަރާތުން އެދިފައިވާ ކަންކަމުގެ ”ފާއިލިއްޔަތު“ ގެއްލިގެން ހިނގައިދާނެތީ، ސޮލާރިސް ހޮސްޕިޓާލިޓީ ޕްރައިވެޓް ލިމިޓެޑަކީ މިވަގުތު އަމުރަށް އެދުމުގެ ހައިސިއްޔަތު ގާނޫނީ ގޮތުން ލިބިގެންވާ ފަރާތަކަށް ވުމުން، ސުޕްރީމް ކޯޓާއި ހައިކޯޓުގެ ގަޒިއްޔާތަކަށް ރިއާޔަތްކޮށް، ”އެ ހުސޫމާތުގެ ސްޓޭޓަސް ކޯ ދަމަހައްޓަންޖެހޭ“ ކަމަށް ޝަރީއަތަށް ބުރަވެވޭ ކަމަށް އެ އަމުރުގައި ބުނެފައިވެއެވެ.
އެހެންކަމުން އެކަން ތަންފީޒުކުރުން މަޑުޖައްސާލުމަށާއި އެޗްޑީސީއިން ނިންމާފައިވާ ނިންމުންތައް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ރިވެލި ބީޗް ކުލަބް އެންޑް ރެސްޓޯރެންޓްގެ ހިންގުން ހުއްޓޭނެ އެއްވެސް އަމަލެއް ނުކުރުމަށާއި އެފަދަ އަމަލެއް ކޮށްފައިވާނަމަ އެކަން އިއާދަކުރުމަށް އެޗްޑީސީއަށް އެ ކޯޓުން ވަނީ އަންގައި އަމުރުކޮށްފައެވެ.

