ހުރިހާ ވިޔަފާރިތަކެއްގައިވެސް މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ދޫކުރެވޭނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފުންނަށް އެކަނި ކަމަށާއި، އަދި ކުންފުނިތަކުގެ މުވައްޒަފުންގެ ޖުމްލަ އަދަދުގެ ގޮތުގައި ހިމަނާނީ ވެސް ރަޖިސްޓަރީ ކޮށްފައިވާ މުވައްޒަފުން އެކަނި ކަމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.
އެންއީއޯސީގެ ފަރާތުން ދަރުބާރުގޭގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިސާމް ވިދާޅުވީ ހުރިހާ ވިޔަފާރިތަކެއްގައި ވެސް މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ދޫކުރެވޭނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި ރެޖިސްޓްރީކޮށްފައިވާ މުވައްޒަފުންނަށް އެކަނި ކަމަށެވެ. ލޮކްޑައުންގެ ލުއިތަކުގެ ތެރެއިން ވަޒީފާއަށް ނިކުންނަ މީހުންނަށް ހާއްސަ އުސޫލެއް ކަނޑައަޅާފައިވާއިރު، މިނިސްޓްރީގެ ފަރާތުން ވަނީ އެކަމާއި ގުޅޭ އެންގުމެއް ވެސް އާއްމުކޮށްފައެވެ.
މިނިސްޓްރީން އާއްމުކުރި ބަޔާނުގައި ބުނެފައިވަނީ ރެޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ އޮފީސްތަކުގައު މަސައްކަތް ކުރާ މުވައްޒަފުންނަށް ހުއްދަ ދޫކުރާ އުސޫލު އާއްމު ކުރާ ކަމަށެވެ. އެގޮތުން ރެޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ އޮފީސްތަކުން ހުއްދައަށް އެދި ހުށަހަޅާނީ މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތުތައް ފުރިހަމަ ކުރުމަށްފަހު ކޮވިޑުގެ މެއިލްއަށެވެ. ހުއްދަ ދޫކުރެވޭނީ، ކަސްޓަމަރުންނަށް ހުޅުވާނުލައި، ހަމައެކަނި ވިޔަފާރިކުރާ ފަރާތުން ރަޖިސްޓަރީކޮށްފައިވާ އޮފީހެއްގައި މަސައްކަތްކުރަން ބޭނުންވާ މުވައްޒަފުންނަށް ކަމަށް އިއުލާނުގައި ބުނެފައިވާއިރު، ހުއްދަ ދޭނީ ޕެންޝަން އޮފީހުގައި ރަޖިސްޓްރީކޮށްފައިވާ މުވައްޒަފުންނަށް ކަމާއި، ޕެންޝަން އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފަކު ނެތްނަމަ، ހުއްދަ ދޫކުރާނީ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތަށްކަމަށް ވަނީ ބުނެފައެވެ.
މި އުސޫލާއި ބެހޭ އިތުރު ތަފްސީލު ދެއްވަމުން ދަރުބާރުގޭގައި އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިސާމް ވިދާޅުވީ މުވައްޒަފުންނަށް ހުއްދަތައް ދޫކުރަނީ މުވައްޒަފުންގެ އަދަދަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން މުވައްޒަފުންގެ އަދަދު 10 އަކުން މަދުނަމަ ހުއްދަ ދޭނީ 02 މީހަކަށް ކަމަށާއި، މުވައްޒަފުންގެ އަދަދަކީ 10 އާއި 30 އާ ދެމެދު ނަމަ 05 ހުއްދަ ދޫކުރެވޭނެ ކަމަށެވެ. އަދި މުވައްޒަފުންގެ އަދަދު 30 އަށް ވުރެ ގިނަނަމަ އޮފީހަށް ނިކުތުމުގެ ހުއްދަތައް ދޫކުރާނީ އެ އަދަދެއްގެ 20 އިންސައްތަ މީހުންނަށެވެ.
ބައެއް ކުންފުނިތަކުން އެއް އޮފީހަށް ވުރެ ގިނަ އޮފީސް އޮޕަރޭޓު ކުރާއިރު ވިސާމް ވަނީ ދަތިތަކެއް އަންނަކަމުގައި ވާނަމަ އެކަން މިނިސްޓްރީއަށް އެންގުމަށް އެދިފައެވެ. ނަމަވެސް އެއީ އެ ހާލަތެއްގައި މުވައްޒަފުން މަދުވެ މެނޭޖު ނުކުރެވޭ ހާލަތެއްގައެވެ. އެހެން ކަމުން، އެ ހުށަހެޅުންތަކަށް ބެލުމަށްފަހު އަދަދު އިތުރު ކުރަންޖެހޭނަމަ އެކަންކަން ހަމަޖައްސާނެކަމަށް ވިސާމް ވިދާޅުވިއެވެ.

