ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫއުއަކީ ބޭރުގެ ބަޔަކު ވަޒަންވެރިކުރުވުމުގެ ވިސްނުމެއް، ދިވެއްސަކަށް ވީތީ އެކަމަށް އެއްބަހެއް ނުވާނަން: ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސައިން ޒިޔާދު، ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ މަޝްރޫއު ތަރައްގީކުރުމަށް ޔޫއޭއީގެ އިންވެސްޓްމެންޓް ކުންފުނި އީގަލް ހިލްސްއާއެކު ހިންގަން ހަމަޖެހިފައިވާ ”މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ“ މަޝްރޫއުއަކީ ބޭރުގެ ބަޔަކު ވަޒަންވެރިކުރުވުމުގެ ނުރައްކާތެރި ވިސްނުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި މެމްބަރު ޒިޔާދު ވަނީ މާލެ ކައިރީގެ އެންމެ ބޮޑު ބިން ކަމުގައިވާ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން، ދިވެހި ރައްޔިތުންގެ ފައިސާއިން ހިއްކުމަށްފަހު ބޭރު ބަޔަކަށް ދޫކޮށްލަން އުޅޭ މައްސަލައިގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން، ރަސްމާލެއަކީ ހުޅުމާލޭގެ ދެ ފޭސް އެއްކޮށްލުމުން ވާ ވަރަށް ވުރެ ވެސް ބޮޑު ސަރަހައްދެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެއީ ހަމައެކަނި ރިޒޯޓު ހަދަން ނުވަތަ 99 އަހަރަށް ބިން ދިނުމުގެ ވާހަކައެއް ނޫން ކަމަށާއި، އެއީ ރާއްޖޭގެ އެންމެ ބޮޑު ރަށުގައި ބޭރު ބަޔަކު ވަޒަންވެރިކުރުވުމުގެ ނުރައްކާތެރި ވިސްނުމެއް ކަމަށެވެ.

ދިވެހިން ނޫން ބަޔަކު މި ގައުމުގައި ވަޒަންވެރިވެއްޖެނަމަ، މުސްތަގުބަލުގައި ދިވެހީން ވާނީ އަމިއްލަ ގައުމުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދިވެހީންގެ މައްޗަށް ބޭރު ބައެއްގެ ބާރު ފޯރާނެކަމަށާއި އެހެންކަމުން ދިވެއްސެއްގެ ހައިސިއްޔަތުން އެކަމަށް ދުވަހަކުވެސް އެއްބަސްވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި މަގުމަތިން ވެސް ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

”އަޅުގަނޑެއް ދިވެއްސެއް ގޮތުގައި ހުރެއެއް އެކަމަކަށް އެއްބަހެއް ނުވާނަން. އެކަން ނުކުރާން ހުރި ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން. ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން ވިޔަސް މަގުމަތީ ކަމުގައި ވިޔަސް. ރަށުގައި ވިޔަސް. އެގޮތުގައި އަޅުގަނޑު ދެމިހުންނާނަން،“ ޒިޔާދު

މީގެ އިތުރުން މަޖިލީހުން ކަމާގުޅޭ ގަރާރު ބޭރުކޮށްލި ނަމަވެސް، ދިވެހި ރައްޔިތުންގެ ފައިސާއިން ހިއްކާ ބިންތަކުގެ ހައްގުވެރިންނަކީ ދިވެހި ރައްޔިތުން ކަމަށާއި، އެ ބިންތައް ލިބެންވާނީ ދިވެހީންނަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދިވެހީން ނޫން ބަޔަކު ރާއްޖޭގައި ވަޒަންވެރިކުރުވުމަށް އެއްވެސް ޖާގައެއް ދެވިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެމްބަރު ވަނީ، ރަސްމާލެ މަޝްރޫއުގެ ދަށުން މިހާރު ހިނގަމުންދާ ހުރިހާ ކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރެއް ކަށަވަރުކުރެއްވުމަށްޓަކައި ހިންގަވާ ކަންކަން ކަމަށް ތުހުމަތުކުރައްވާފައެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވަނީ، ރާއްޖޭގެ އިގްތިސާދު އެންމެ ދާއިރާއަކަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކުރަން ޖެހޭކަން އޭނާވެސް ގަބޫލުފުޅުކުރައްވާ ކަމަށާއި މާޒީގައި ހިކިމަސް ހިފައިގެން ލަންކާއަށް ގޮސް އުޅުނު ފަގީރު ގައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެ، ލަންކާއާއި އިންޑިއާވެސް ގޮންޖަހައި ވަރުގަދަ އިގްތިސާދެއް ބިނާކުރީ ދިވެހީންނާއި އެކި ދުވަސްވަރު ވެރިކަންކުރެއްވި ވެރީންކަން ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން، މިހާރު ވެސް ހިއްކާފައި ހުރި، އަދި ބްރިޖުން ގުޅާލެވޭ ބިންތައް ތަރައްގީކުރިނަމަ މިއަދު އެ ތަންތަނުގައި މީހުންނަށް ދިރިއުޅެވޭނެކަމަށާއި، ނަމަވެސް އެކަން އެހެން ނުކޮށް، ”ރަސްމާލެ ރަނަށް ހަދަން“ އުޅޭއިރު، އެތަން ”ރަނަށް“ ވީ ގޮތެއް އަދިވެސް ސާފުނުވާ ކަމަށް ވިދާޅުވެ ޒިޔާދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: