މުޖުތަމަޢުއަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ސްކައުޓުންނަކީ ނަމޫނާބައެއްކަމަށް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވެފައިމިވަނީ، ރާއްޖޭގައި ސްކައުޓް އުފެދިގެންއައިތާ 64 އަހަރު ފުރުމުގެ މުނާސަބަތުގައި އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. މި ގޮތުން ސްކައުޓުންގެ ޚިދުމަތްތައް ފާހަގަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، މުޖުތަމަޢު ބިނާކުރުމުގައި ސްކައުޓުންނަކީ ވަރަށް މުހިންމު ރޯލެއް އަދާކުރަމުން އަންނަ ބައެއްކަމަށެވެ. އަދި ރަނގަޅު ޖީލެއް ބައްޓަންކުރުމަށް، ޒުވާނުން ބިނާކުރުމުގައި ސްކައުޓުންގެ ރޯލަކީ ވަރަށް މުހިންމު ރޯލެއްކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން، ސްކައުޓް ޚިދުމަތުގައި މަސައްކަތްކުރާ ހުރިހައި ފަރާތްތަކަށް، ސްކައުޓު ދުވަހުގެ ތަހުނިޔާ ފޮނުވާކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ސްކައުޓުންގެ ޚިދުމަތްދެމުން އަންނަތާ 64 ފާހަގަކުރެވެމުން އަންނައިރު، މުޖުތަމަޢުއަށް ސްކައުޓުންގެ ޚިދުމަތްތައް އެކި ސިފަސިފައިގާ ފޯރުކޮށްދެމުން އަންނަނީ ހިލޭސާބަހަށެވެ. މި ގޮތުން ބަލާއިރު ސްކައުޓުންނަކީ، މަދަރުސާތަކުގެ ދަރިވަރުން ބިނާކުރުމުގައި ވެސް އެހާމެ މުހިންމު ބައެކެވެ.

