ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިބުނު ކުޑަ ފުރުސަތުގައި ވެސް ޑީލަކަށް!

ކުރީޣެ ރައީސް ޔާމީން އަދި މިހާރުގެ މަޖިލީހުގެ ރައީސް ރައީސް ނަޝީދު ސަލާމް ކުރައްވަނީ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ސަލާމަތްވުމަށް ދުނިޔޭގެ އެކި ގައުމުތަކުން މަސައްކަތް ކުރަމުންދަނީ އެ ގައުމުތަކުގައި އުފެދިފައިވާ ސިޔާސީ ހިޔާލްތަފާތުވުމާއި އެ ނޫންވެސް ކަންކަން އެއްކިބާކޮށްފައެވެ. ކޮރޯނާ ވައިރަހުން ސަލާމަތްވެ އިގްތިސާދީ ގޮތުން ކުރިއަށް ދިއުމަކީ ދުނިޔޭގެ ހުރިހައި ގައުމުތަކެއްގެ ހަގީގީ މަގުސަދެވެ. އެ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި ގައުމުތަކުން އެތައް ކަމެއް ފަސްކޮށް އެތައް ގުރުބާނީތަކެއް ވަމުންދާ މަންޒަރު ދަނީ ފެންނަމުންނެވެ. 

އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖެއަށް ބަލާލިނަމަވެސް ފެެންނަމުންދާ މަންޒަރަކީ ކޮރޯނާ ވައިރަހުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދާ މަންޒަރެވެ. އެކަމަށްޓަކައި އެތައް ކަމެއް ފަސްކޮށް އެތައް ގުރުބާނީތަކެއް ދިވެހިރާއްޖެއިން ވެސް ދަނީ ވަމުންނެވެ. ހާއްސަގޮތެއްގައި ރާއްޖޭގެ މައި ދޮރާށި ބަންދުކުރުމަކީ ރާއްޖެއިން މި ކޮރޯނާ ވައިރަހުން ސަލާމަތްވުމަށް ވީ އެންމެ ބޮޑު ގުރުބާނީއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. 

ކޮރޯނާ ވައިރަހުން ސަލާމަތްވުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމާއި ޕްލޭންތައް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު މިވަގުތު ދިވެހިރާއްޖެއަށް ކޮރޯނާ ވައިރަހާއިއެކު ދެން ކުރިމަތިލާން ޖެހުނު އަނެއް ކަމަކީ ކޮރޯނާ ވައިރަހުގެ ސަބަބުން ބައެއް ކަންކަން ފަސްކުރަން ޖެހުމުން ދިމާވާ ގާނޫނީ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތެވެ. އެގޮތުން އެންމެ ބޮޑު ބަހުސްއެއް އުފެދި ހައްލުނުވެގެން އުޅޭ މައްސަލައަކީ ކައުންސިލް އިންތިހާބު ފަސްކުރުމުން ދިމާވާ ގާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތެވެ. 

ކައުންސިލް އިންތިހާބު ފަސްކޮށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސް މިހާރުތިބި ކައުންސިލްތަކުގެ ދައުރު ދެންމިދާނެ ކަމާއިމެދު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ތެރޭގައި އެތައް ހިޔާލްތަފާތުވުންތަކެއް އުފެދި ސިޔާސީ ގޮތުން ބަހުގެ އެތައް ހަމަލާތަކެއް ބަދަލު ކުރެވިގެންދިޔަ ނަމަވެސް އެންމެ ފަހުން ސުޕްރީމް ކޯޓުން އިސްތިޝާރީ ލަފައެއް ހޯދައިގެން ނަމަވެސް ދެބަސްވުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް މިވަނީ ހޯދާފައެވެ. އެކަން އެމްޑީޕީއަށް ކުރެވުނީ ވަރަށް ވަގުތު ކުޑަވެފައިވަނިކޮށެވެ. 

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ކައުންސިލްއިންތިހާބު ފަސްކޮށްފައިވާއިރު ހައްލު ހޯދަން ޖެހޭ ކަމަކީ ޖޫން މަހުގެ ތިން ވަނަ ދުވަހަށް މިހާރު ތިބި ކައުންސިލްތައް ތިބެވޭނެ ގާނޫނީ ހައްލެވެ. އެކަމަށްޓަކައި ގާނޫނުއަސާސީއަށް އިންތިގާލީ މާއްދާއެއް އިތުރު ކުރުމަށް މިވަނީ ނިންމާފައެވެ. ނަމަވެސް ކުރިން ވެސް އަޅުގަނޑު ފާހަގަ ކުރި ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސް ކައުންސިލްތަކުގެ ދައުރު ދެންމުމުގެ މަސައްކަތް ނިންމަން އެމްޑީޕީއަށް އޮތީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. އެހެން ކަމުން ވަގުތު ޖެހުމުގެ ކުރިން މަސައްކަތް ނިންމަން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެމްޑީޕީއަށް ޕީޕީއެމްއާއި އެކު ކުޑަނަމަވެސް މަޝްވަރާއެއް ކުރަން ޖެހުމަކީ ދިމާވި ކޮންމެވެސް ވަރެއްގެ ގޮންޖެހުމެކެވެ. ސަބަބަކީ  މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ކޮމިޓީގެ ރިޕޯޓެއްގެ ބަހުސް ފެށޭނީ އެ ރިޕޯޓެއް ފާސްކޮށް މެންބަރުންނަށް ރިޕޯޓު ފޮނުވާތާ ތިން ދުވަސް ފަހުންނެވެ. އެ ނޫން ގޮތަކަށް އަމަލު ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވެވަޑައިގެން ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެ އެވެ.

މުޅި މަޖިލީހުގެ ކޮމިޓީއަކުން ދިރާސާކޮށް ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް ކައުންސިލަރުން މަގާމުގައި ތިބެވޭނެ ކަމަށް ބަޔާން ކުރާ އިންތިގާލީ މާއްދާއެއް އިތުރު ކުރަން ހުކުރު ދުވަހުގެ ރޭ ފާސްކުރި އެވެ. ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި ބިލަށް އެ ބަދަލު ގެނައީ ސުޕްރީމް ކޯޓުން ދިން ލަފައަށް ރިއާޔަތްކޮށްފަ އެވެ.

ކޮންމެއަކަސް އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހަށް މިހާރުތިބި ކައުންސިލްތަކުގެ ދައުރު ހަމަވާތީ ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ނިންމެވީ އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މަޖިލީޙުގެ މައިނޯރިޓީ ލީޑަރާއި ވާހަކަ ދައްކައިގެން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް އަވަހަށް ނިންމާށެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވި ގޮތުގައި  ކޮވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް އަވަސް ކުރަން މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެއްބަސްވެ ވަޑައެއްނުގެންނެވި އެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މަސައްކަތް އަވަސް ކުރަން މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމްއާ އެތައް ފަހަރެއް މަތިން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. ނަމަވެސް މަސައްކަތް އަވަސް ކުރަން އެއްބަސްވެފައި ނުވާ ކަމަށެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް އަވަސް ކުރަން ޕީޕީއެމްއިން ބޭނުންނުވި ސަބަބު ރައީސް ނަޝީދު ވިދާޅުނުވި ނަމަވެސް ސާފުވެގެން ދިޔަކަމަކީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް އަވަސް ކުރަން ޕީޕީއެމްއިން ހުށަހެޅުންތަކެއް ހުށަހަޅާފައިވާކަމެވެ. އެއީ މަނީލޯންޑަރ ކުރި ކަމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީން ގޭ ބަންދަށް ބަދަލު ކުރުމުގެ ހުށަހެޅުމެވެ. ސުވާލަކީ ގައުމު މިހާ ނާޒުކް ހާލަތެއްގައި ވަނިކޮށް ވެސް ޕީޕީއެމްއަށް ޑީލް ހެދުން ނޫން އެހެން ގޮތެއް ނުވިސްނެނީތޯއެވެެ. ވެރިކަމުގައި ވެސް ޕީޕީއެމްއިން މަސައްކަތް ކުރީ ޑީލް ހަދައިގެން ކަންކަން ކުރަން ކަމަށް އެތައް ބަޔަކު ދިޔައީ ބުނަމުންނެވެ. އެކަން މިއަދު މިވަނީ ސާބިތުވެފައެވެ. ޕީޕީއެމްގެ އަތުގައި އެއްވެސް ބާރެއް ނެތްއިރު ލިބުނު ކުޑަކުޑަ ފުރުސަތުގައި ވެސް މިބަލަނީ ޑީލް ހެދޭތޯއެވެ. 

ކައުންސިލް އިންތިހާބު ބޭއްވެން ނެތުމުން މިހާރުތިބި ކައުންސިލްތަކުގެ މުއްދަތު އިތުރު ކުރުމުން ހަމައެކަނި އިތުރު ވެގެން ދަނީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލްތަކުގެ ދައުރު އެކަންޏެއް ނޫނެނެވެ. ޕީޕީއެމްއަށް ނިސްބަތްވާ ކައުންސިލްތަކުގެ ދައުރު ވެސް އިތުރުވެ މި ނާޒުކް ހާލަތުގައި ކައުންސިލަރުން ނިސްބަތްވާ އާއިލާތަކަށް ވެސް ހިތްހަމަޖެހުންތަކެއް ލިބިގެންދާނެއެވެ. ނަމަވެސް ޕީޕީއެމްގެ ކައުންސިލަރުން ނިސްބަތްވާ އާއިލާތަކާއި މެދު ވިސްނުމުގެ ބަދަލުގައި ޕީޕީއެމްގެ ލީޑަރޝިޕަށް ރައީސް ޔާމީން މުހިންމުވި ސަބަބެއް ނުވިސްނުނެވެ. ރައީސް ޔާމީން ގޭ ބަންދަށް ބަދަލު ކުރި ނަމަވެސް ހަމަޔަގީނުންވެސް ޕީޕީއެމްއަށް ނިސްބަތްވާ ކައުންސިލަރުންގެ އާއިލާއަކަށް ކުރާނެ ހަމަ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. 

ޕީޕީއެމްގެ ވެރިކަމުގައި ޕީޕީއެމްއިން ބޭނުންވާ ގޮތަކަށް ބޭނުންވާ ވަގުތެއްގައި ދިޔައީ ގާނޫނުއަސާސީއަށާއި ގާނޫނުތަކަށް ބަދަލު ގެންނަމުންނެވެ. އެކަމަށްޓަކައި ވަކިވަގުތެއް ވަކި ދުވަހެއް ނުބަލައެވެ. ބޭނުންވާ ކޮންމެ ކަމެއް ކުރަމުން ދިޔައެވެ. ސުވާލަކީ އޭރު 50 މެމްބަރުން ތިބެގެން ޕީޕީއެމްއިން މަޖިލީހުގެ ތެރެއިން ބޭނުން ކޮންމެ ކަމެއް ކުރަމުން ދިޔައިރު މިއަދު އެމްޑީޕީއަށް އޮތް ވަރުގެ އަގްލަބީއްޔަތެއް ޕީޕީއެމް އަށް އޮތް ނަމަ ކަންކުރާނީ ކިހިނެއްތޯއެވެ. ސިޔާސީ ވިސްނުން ދޫކޮށް ގައުމީ މަސްލަހަތު އިސްކުރަންވީ މިވަގުތު ވެސް ޕީޕީއެމްއަށް މުހިންމުވީ ސިޔާސީ ޑީލްތައް ހެދުމަށެވެ. މި ނޫން އެހެން ގޮތެއް ޕީޕީއެމްއަށް ހޯދަން ޖެހޭނެކަން އެއީ މިއަދު ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކުޑަކުއްޖަކާ ބެހިގެން ކުއްސާބިތުވެ ޖަލައްލާފާހުރި ހޯރައިއްބެވެސް ހަމަދޫކޮށްލީ ޕީޕީއެމްއިން ޑީލުހަދައިގެންތޯ؟؟؟ އަދީބު އާއި ޒިއަތު ދޫކޮށްލާފަ އެހެރީ ހަމަ ޕީޕީއެމްއިން ޑީލުހަދައިގެންތޯ؟؟؟ އެމްއެންޕީއާރުސީގެ ތަހުގީގައްފިލައިގެންއުޅޭ މީހުން ހައްޔަރުކަން ކުރީސަރުކާރުންނެރުނު ރެޑްނޯޓިސް މިސަރުކާރުން ކެންސަލްކުރީވެސް ހަމަ ޕީޕީއެމްއިން ޑީލުހަދައިގެންތޯ؟؟؟ އަންނި ޖަލުގަހުއްޓަ ޖަލުންދޫކޮށްލާ މާބަދަޔައްބޭސްކުރަން ފޮނުވާލީވެސް ހަމަ ޕީޕީއެމްއިން ޑީލެއްހަދައިގެންތޯ؟؟؟؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: