އިމާރާތްތަކާއި އުޅަނދުތަކުގައި ހުޅުޖަހަން އެކްސްގައި ގޮވާލި މައްސަލައިގައި ފުލުހުން ޓެރަރިޒަމްގެ ތުހުމަތުކުރާ މީހާގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ދީފިއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ، ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ ގޮވާލި މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހއ. ބާރަށު، ކުއްޅަވައްގޭ، އަލީ ޖުމާން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދު ޖަހަން މިދިޔަ އޮކްޓޯބަރު 23 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 12 ދުވަސް ދީފައެވެ. އެ މުއްދަތު ހަމަވާތީ އިއްޔެ އޭނާގެ ބަންދު މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ އިތުރު 15 ދުވަސް އޭނާގެ ބަންދަށް ޖަހާފައެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި ފުލުހުން ޖުމާންގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ތުހުމަތެވެ. ފުލުހުން ވަނީ އިންޓެލިޖެންސް ރިޕޯޓަކާއި ޖުމާން އޭނާގެ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓާ ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓެއް ވެސް ހުށަހަޅައިފައެވެ. އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ވެސް އަމުރުގައިވެއެވެ.
އޮކްޓޯބަރު 19 ވަނަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ޖުމާން ބުނެފައި ވަނީ ސަރުކާރުން ޔަހުދީންނަށް ބިންތައް ދޭތަން ބަލަން ނުތިބެވޭނެ ކަމަށާއި އިމާރާތްތަކާއި އުޅަނދުފަހަރުގައި ރޯކޮށް، ހަމަނުޖެހުން ހިންގައި މުޒާހަރާ ވެސް ކުރަންޖެހޭ ކަމަށެވެ. އޭގެ އިތުރުން، ރެޑްވޭވް ފިހާރަ ލޫޓުވަން ވެސް އެ ޕޯސްޓުގައި ގޮވާލިއެވެ.
ހުޅުޖަހަން ގޮވާލި މައްސަލައެއްގައި ޖުމާން ހައްޔަރުކޮށްފައިވާއިރު، ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިމާރާތް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން 15 ދުވަހަށް ބަންދުކުރަން ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުން ވަނީ ނިންމައިފައެވެ. ޒިހާންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތު މިހާތަނަށް އެނގިފައި ނުވެއެވެ.

