ރާއްޖޭގެ ރިސޯޓެއްގައި ދެ ފިރިހެނަކު ”ކައިވެނިކޮށްދިން“ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ރާއްޖޭގެ ރިސޯޓެއްގައި ފިރިހެން ދެ ފަތުރުވެރިޔަކު ކައިވެނިކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް މި ހަފްތާގެ ތެރޭގައި ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެކަމަށް ވަނީ އާންމުންގެ ފާޑުކިޔުން އަމާޒުވެފައެވެ.
ފުލުހުން އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކޮށްދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ދާދި ފަހުން ސޯޝަލް މީޑިއާގައި އާންމުވެފައިވާކަމަށާއި އެ އަމަލަކީ ގާނޫނީ ގޮތުން ހުއްދަ ނޫން އަމަލަކަށް ވާތީ ދިވެހި ފުލުހުންގެ ހިދުމަތުން އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ވެފައި، ދީނީ އަދި ޝަރުއީ އުސޫލުތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި، އާންމު އިޖްތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު އެފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށާއި ރިސޯޓުތަކާއި ގެސްޓްހައުސް އަދި އެހެނިހެން ވަޒީފާތަކުގައި އުޅޭ ބިދޭސީ މުވައްޒަފުން ވެސް އެފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސްކުރާކަމަށެވެ.
ފުލުހުން ބުނެފައިވަނީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

