ދައުލަތުގެ ތިން ބާރުގެ އިދާރާތަކުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ހައްޔަރުކުރި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާންގެ ބަންދަށް އިތުރު 14 ދުވަސް ޖަހައިފިއެވެ.
މިދިޔަ މަހުގެ ތެރޭގައި ޒިހާން ހައްޔަރުކޮށް އެންމެ ފުރަތަމަ އޭނާގެ ބަންދަށް ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުން ޖެހީ 15 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމުން ބަންދުގެ މުއްދަތު އިތުރުކުރަން ގެންދިޔުމުން ކޯޓުން އޭނާގެ ބަންދަށް އިތުރު 14 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޒިހާން ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ސުޕްރީމް ކޯޓާއި، ރައީސް އޮފީހާއި، ރައްޔިތުންގެ މަޖިލީހުގައި ހުޅުޖެހުމަށް ހިތްވަރުދީ ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ އެ ޕޯސްޓުގައި އޭނާ ސުވާލު އުފެއްދިއެވެ. އެ ޕޯސްޓު އޭނާ ވަނީ ފަހުން ޑިލީޓުކޮށްފައެވެ.
ޒިހާން ހައްޔަރުކުރީ އުފަން ރަށް ފުވައްމުލައް ސިޓީންނެވެ. ހުޅުޖެހުން ފަދަ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރު ދިނުމަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޖިނާއީ ބޮޑު ކުށެކެވެ. އެހެންނަމަވެސް، ފުލުހުން އޭނާގެ މައްޗަށް ކުރަނީ ކޮން ތުހުމަތެއްކަން މިހާތަނަށް އެނގިފައިނުވެއެވެ.
މީގެ ކުރިން އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ މަގާމުގައި ޒިހާން ހުއްޓައި އޭނާ މަގާމުން ވަކިކުރީ އެމްޑީޕީ ސަރުކާރުގައި 2023 ވަނަ އަހަރުގެ މެދުތެރޭގައެވެ. މި ސަރުކާރުގައި އޭނާ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ވެސް ހުންނެވިއެވެ.
މި މައްސަލައިގައި ޒިހާން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ސަރުކާރުން ޔަހުދީންނަށް ބިންތައް ދޭތަން ބަލަން ނުތިބެވޭނެ ކަމަށާއި އިމާރާތްތަކާއި އުޅަނދުފަހަރުގައި ރޯކޮށް، ހަމަނުޖެހުން ހިންގައި މުޒާހަރާކުރަންޖެހޭ ކަމަށާއި ރެޑްވޭވް ފިހާރައިގައި ރޯކުރަންޖެހޭކަމަށް ބުނި މައްސަލައެއްގައި އުމުރުން 25 އަހަރުގެ މީހަކު ވެސް ބަންުދުކޮށްފައިވެއެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ ޓެރަރިޒަމްގެ ތުހުމަތެވެ.

