މިދިޔަ އަހަރަށްވުރެ މިއަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައި ހުރި ނަފްސާނީ މައްސަލަތަކުގެ އަދަދު ތިންގުނައަށް އިތުރުވެފައިވާ ކަމަށް އައިޖީއެމްއެޗްގެ ސެންޓަރ ފޯރ މެންޓަލް ހެލްތުން ހާމަކޮށްފިއެވެ.
މާލެއިން އެންމެ ފުރަތަމަ ފެނުނު ކޮވިޑު ކޭސްއަށްފަހު މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ފުރަ ބަންދެއްގައި ތިބެން ޖެހުމުން ގިނަ ދަތިތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. އަދި ބައްޔާއި ގުޅިގެން މިހާތަނަށް އެތައް ބައެއް ކަރަންޓީނުކޮށް އައިސޮލޭޓުކޮށްފައި ވުމާއި ގުޅިގެން ކަންކަމާ ހާސްވުން ފަދަ މައްސަލަތައް ވަނީ ދިމާވަފައެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އައިޖީއެމްއެޗުގެ ސެންޓަ ފޯ މެންޓަލް ހެލްތުގެ ޕްރިންސިޕަލް ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އާފިޔާ އަލީ ވިދާޅުވީ މި އަހަރުގެ މާޗު މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް 999 މީހުންނަށް ދިމާވި ނަފްސާނީ ކަންތަކާއި ގުޅިގެން ފަރުވާ ހޯދާފައިވާ ކަމަށެވެ. އާފިޔާ ވިދާޅުވީ މިއީ ތިން ގުނަ އިތުރު އަދަދެއް ކަމަށާއި، މިދިޔަ އަހަރުގެ މި މުއްދަތުގައި ފަރުވާ ހޯދާފައިވަނީ 330 މީހުންކަމަށެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ކޮވިޑާއި ގުޅިގެން ނަފްސާނީ ފަރުވާ ބޭނުންވާ މީހުންގެ އަދަދުތައް އިތުރުވަމުން އަންނައިރު، ޑރ. އާފިޔާ ވިދާޅުވީ އެ ގައުމުތަކުން ފާހަގަވެފައިވަނީ ޕޯސްޓް ޓްރައުމެޓިމް ޑިސްއޯޑާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި ނަފްސާނީ ފަރުވާ ހޯދި މީހުންނަށް ދިމާވާ މައްސަލަތަކާއި ގުޅޭގޮތުން ސީދާ ދިރާސާއެއް ހެދިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާގެ ވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކޮވިޑާއި އެކު ނަފްސާނީ ކަންތަކަށް ފަރުވާ ހޯދަން ޖެހޭ މީހުންގެ އަދަދުތައް އިތުރުވުން ކަމަށް ޑރ. އާފިޔާ ވިދާޅުވިއެވެ.
ކޮވިޑާއި ގުޅިގެން އަޅާފައިވާ ބައެއް ލުއިތަކެއް ގެނައި ނަމަވެސް، ލުއިތަކާއި އެކު ދިރިއުޅުމަށް ބަދަލުތަކެއް އަންނާނެކަން ގަބޫލު ކުރަންޖެހޭކަމަށް ޑރ. އާފިޔާ ވިދާޅުވިއެވެ. ލޮކްޑައުންގެ ތެރޭގައި ވެސް އާއިލީ ގުޅުން ބަދަހި ކުރުމާއި، އެކަކު އަނެކަކާއި ބައްދަލުނުވެ ދުރުގައި ތިބޭނަމަ ވީޑިއޯ ކޯލް ކުރުން އެއީ މީހާއަށް ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމެއްގެ ގޮތުގައި ޑރ. އާފިޔާ ވިދާޅުވިއެވެ. އަދި ގާތް ރައްޓެހިންނާއި ވާހަކަ ދެއްކުމާއި، ރައްޓެހިންނާއި ގާތް ގުޅުން ބެހެއްޓުން ވެސް އެއީ ކުރެވިދާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
”ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ވަރަށް އާދައިގެ ކަންތައްތަކެއް އެބަހުރި. އޭގެ ތެރޭގައި އަޅުގަނޑުމެންގެ އިޖުތިމާއީ ގުޅުން، ގައިދުރުކޮށްގެން މި ލޮކްޑައުންގައި ތިބެގެން ވެސް، ފޯނުން ވީޑިއޯ ކޯލްގެ ޒަރިއްޔާއިން ވިޔަސް އެކަން މެއިންޓެއިން ކުރުން“ ޑރ. އާފިޔާ
ޑރ. އާފިޔާ ވަނީ ކުޑަކުދިންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ވިދާޅުވީ ކުދިންނާއި ގިނައިން ވާހަކަ ދެއްކުމާއި، އަބަދު އެއްތަނެއްގައި ބެހެއްޓުމުގެ ބަދަލުގައި އިތުރު ކަންތަކެއް ވެސް ކުރެވިދާނެ ކަމަށެވެ.

