ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްޔަށް ނެގުމަށްފަހު، ގިނަ ދުވަސްތަކެއް ވަންދެން ފެނަކައިން ބޭނުންނުކޮށް އޮތް ދޯންޏެއްގެ ވެރިފަރާތަަށް 5.6 މިލިއަން ރުފިޔާ!

ފެނަކަ ކޯޕަރޭޝަން- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަނުން 2018 ވަނަ އަހަރު ކުއްޔަށް ނެގި ދޯންޏެއްގެ ވެރިފަރާތަށް ކުލީގެ ގޮތުގައި ނުދައްކައިވާ 5.6 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް އެ ކުންފުނިން ކޯޓުގައި އެއްބަސްވުމުން އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން އަންގައި ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ، ފެނަކައިގެ އެކިއެކި ބްރާންޗުތަކަށް މުދަލާއި ސާފު ބޯފެން ރައްކާތެރިކޮށް ފޯރުކޮށްދިނުމަށް ދޯންޏެއް ކުއްޔަށް ހިފުމަށް 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ދެ އަހަރު ދުވަހުގެ މުއްދަތަށް ވެފައިވާ އެއްބަސްވުމުގެ ދަށުން، ފޯރުކޮށްދީފައިވާ އެންމެހާ ހިދުމަތްތަކުގެ އިންވޮއިސްތަކަށް ލިބެންޖެހޭ ފައިސާ ފެނަކައިން، ދޯނީގެ ވެރިފަރާތް ކަމަށްވާ ދ. ކުޑަހުވަދޫ، ސޯސަންގެ، އަބްދުﷲ ހަމީދަށް ދައްކާފައިނުވާތީ އެ ފައިސާ ދައްކަން ފެނަކައަށް އެންގުމަށް އަބްދުﷲ ހަމީދު ދައުވާކުރި މައްސަލައެކެވެ.

އަބްދުﷲ ހަމީދުގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވާ ގޮތުގައި ދެ އަހަރުގެ ދުވަހުގެ މުއްދަތަކަށް އެކުލަވާލި އެއްބަސްވުމުގެ ދަށުން ދޯނީގެ ކުލީގެ ގޮތުގައި ކޮންމެ މަހަކު އޭނާއަށް 350،000ރ. ފެނަކައިން ދައްކަންޖެހެއެވެ. ފެނަކައިން 16 މަސް ދުވަހުގެ ކުލި ދައްކާފައިނުވާއިރު، އެ މުއްދަތުގައި ނުލިބިވާ 5.6 މިލިއަން ރުފިޔާ އާއި ވަކީލު ފީ ނަގައިދިނުމަށް އެ މައްސަލައިގައި އެދިފައިވެއެވެ.

އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ދޯނިން އެންމެ ދަތުރެއް ކުރިނަމަވެސް، އަދި ގިނަ އަދަދެއްގެ ދަތުރުތަކެއްް ކުރިނަމަވެސް، އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި ފައިސާ ދައްކަންޖެހޭ މިންވަރަށް ދައްކަންޖެހޭނެ ކަމަށް އަބްދުﷲ ހަަމީދުގެ ފަރާތުން ބުނެފައިވެއެވެ. ދެ އަހަރު ދުވަސް ވަންދެން އެ ދޯނި އޮތީ ފެނަކައިގެ ދަތުރުތަކަށް ހާއްސަކޮށްފައި ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެއްބަސްވުން އުވާލިކަމަށް ފެނަކައިން އަންގާފައިނުވާ ކަމަށް ވެސް އޭނާގެ ފަރާތުން ބުނެފައިވެއެވެ.

މައްސަލައިގެ ތެރެއިން ފެނަކައިން ބުނެފައިވަނީ އެ ދޯނި ބޭނުންކޮށްގެން ފެން ފޯރުކޮށްދިނީ 2018 ވަނަ އަހަރުގެ ހޫނު މޫސުމުގައި ފެނަށް ޖެހުނު ރަށްތަކަށް އެކަނި ކަމަށާއި އޭގެ ފަހުން ހިދުމަތެއް ހޯދާފައި ނުވާތީ އެ ފައިސާ ދޭންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އޭގެ އިތުރުން ފޯރުކޮށްދިން ކަމަށް ބުނާ ބައެއް ހިދުމަތްތަކަށް އިންވޮއިސްތައް ފޮނުވާފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބުނެ އެ ފައިސާ ދިނުމާ ފެނަކައިން ދެކޮޅު ހެދިއެވެ.

އެހެންނަމަވެސް، މައްސަލައިގައި ދެ ފަރާތުން ހުށަހެޅި ފަހުބަޔާންތަކާ ގުޅިގެން ބޭއްވުނު އަޑުއެހުމުގައި ފެނަކައިގެ ފަރާތުން ބުނެފައިވަނީ، އެ އެއްބަސްވުން ބާތިލުކުރުމަށް ފެނަކައިގެ އެތެރޭގެ މެމޯއަކުން ނިންމާފައިވާކަން އެނގެން އޮތް ނަމަވެސް، އަބްދުﷲ ހަމީދަށް އެކަން އެންގިކަން އެނގެން ނެތް ކަމަށެވެ. ކުލި ދައްކާފައި ނުވަނީ އަދި އިތުރު ހިދުމަތަކަށް އެދިފައިނުވަނީ ވެސް އެއްބަސްވުން ބާތިލުކޮށްފައިވާކަމަށް ފެނަކައަށް ގަބޫލުކުރެވުމުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ނަމަވެސް، ކުލީގެ އެއްބަސްވުން ބާތިލުކޮށްފައިނުވާނަމަ، ހިދުމަތެއް ފޯރުކޮށްދީފައި ނެތަސް، ކުލި ދައްކަންޖެހޭނެކަމަށް ގަބޫލުކުރާކަމަށް ފެނަކައިން ވަނީ އެއްބަސްވެފައެވެ. އެ ވާހަކަތައް ކުރިން ނުދެއްކުނީ އެއްބަސްވުން ބާތިލުކުރުމާ ގުޅޭ ލިޔުންތައް އޭރު ނުލިބޭތީ ކަމަށް ވެސް ބުނެފައިވެއެވެ.

އެއްބަސްވުމުގެ ސައްހަކަމާމެދު ފެނަކައިން ވެސް ފަހުން ސުވާލު އުފައްދާފައިނުވާއިރު، ސިވިލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އަހްމަދު ރަޝީދު ނިންމަވާފައިވަނީ، ދެ ފަރާތުގެ ދެމެދުގައި އެކުލަވާލި އެއްބަސްވުން އޮތީ، އެ ދޯނިން ހިދުމަތެއް ފޯރުކޮށްދީފައި ނެތަސް، ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކޮންމެ މަހަކު ވެސް ދައްކަންޖެހޭ ގޮތަށް ކަމަށެވެ. އަދި މައްސަލައިގެ ހެކިތަކާއި، ފެނަކައިން އެ މައްސަލައިގައި ކޯޓުގައި ދައްކާފައިވާ ވާހަކަތަކުން ވެސް އެ ފައިސާ ދައްކަންޖެހޭކަން އެނގޭކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ހުކުމުގައި ފެނަކައަށް އަންގާފައިވަނީ، ދައުވާގައި ހޯދަން އެދިފައިވާ 5.6 މިލިއަން ރުފިޔާއާއި އަބްދުﷲ ހަމީދުގެ ވަކީލު ފީގެ ގޮތުގައި ހަރަދުވި 30،000 ރުފިޔާ ސިވިލް ކޯޓު މެދުވެރިކޮށް އަބްދުﷲ ހަމީދަށް 12 މަސް ދުވަހުގެ ތެރޭގައި ބަހާލައިގެން ދެއްކުމަށެވެ.

5 ނޮވެމްބަރު 2024 ގައި ސިވިލް ކޯޓުގައި މި މައްސަލަ ރަޖިސްޓްރީކުރިތާ ދެ އަހަރު ފަހުން މި މަހުގެ ފަސް ވަނަ ދުވަހު ހުކުމްކޮށްފައި މިވަނީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށާއި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ފެެނަކަ އުވާލަން ނިންމައި އެ ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: