އިންޓަނެޓް މެދުވެރިކޮށް ދަރިވަރުންތަކެއް އެހެން ސްކޫލު ކުއްޖަކަށް ބުލީކުރި މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް އެހެން ދަރިވަރަކަށް އިންޓަނެޓް މެދުވެރިކޮށް ބުލީ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް، އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ހިއްސާކޮށްފައި ނުވެއެވެ.
މި އަހަރުގެ އޭޕްރިލް 27 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބުލީކުރުން ހުއްޓުވުމަށް ހާއްސަ ގާނޫނެއް އެކުލަވާލާނެކަން އިއުލާނުކުރައްވައިފައެވެ. އެހެންނަމަވެސް، އެފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް އަދި ހުށަހަޅާފައި ނުވެއެވެ.
ގާނޫނީ ނިޒާމުގެ ތެރެއިން މިހާރު ވެސް ފިޔަވަޅުތަކެއް އެޅެންހުރިނަމަވެސް، އެ ގާނޫނު އެކުލަވާލަނީ އެފަދަ އެކި އަމަލުތައް ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި އަދި ބުލީކުރުން އެއީ ގާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް ކަމަށާއި އޮންލައިކޮށް ބުލީ ކުރުން ހުއްޓުވުމަށް ހާއްސަ ބައިތަކެއް ވެސް އެ ބިލުގައި ހިމަނާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
އޭގެ ތެރޭގައި ސްކޫލުތަކާއި އެހެނިހެން ތައުލީމީ މަރުކަޒުތަކާއި އެތަންތަނުގައި ކިޔަވާ ކުދިންނާއި މަސައްކަތް ކުރާ ފަރާތްތައް އަދި ވަޒީފާގެ މާހައުލުގައްޔާއި ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކާއި އެ ތަންތަނުން ހިދުމަތް ލިބިގަންނަ މީހުން ބުލީކުރުމުގެ ޝިކާރައަކަށް ވިޔަނުދިނުމަށް އެ ބިލުގައި ތަފްސީލުތައް ހިމަނާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
އޭޕްރިލް 2024ގައި. އއ. ރަސްދޫގެ މިސްކިތެއްގައި ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާ ކުރި މައްސަލައިގައި ހޯމް މިނިސްޓްރީ އާއި ކަމާބެހޭ މުވައްސަސާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ސަރުކާރުގެ ވަޒީރުން އެކުލެވޭ ޓާސްކު ފޯހެއް އެކުލަވާލިކަން ވެސް އޭރު ބަންޑާރަނައިބު އަހުމަދު އުޝާމް އިއުލާނުކުރެއްވިއެވެ.

