ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުއީ ނިޒާމު މިނިވަންނުވުމުގެ ވާހަކައަކީ، މަރުގެ ހުކުމް ތަންފީޒުނުކުރަން ދައްކަމުން އައި ފަސޭހަ ހުއްޖަތެއް: ރައީސް

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރުއީ ނިޒާމު މިނިވަންނުވުމުގެ ވާހަކައަކީ، މަރުގެ ހުކުމް ތަންފީޒުނުކުރަން ކުރީގެ ސަރުކާރުތަކުން ދައްކަމުން އައި ފަސޭހަ ހުއްޖަތެއް ކަމަށާއި ނަމަވެސް، މިހާރު ޝަރުއީ ނިޒާމު އޮތީ މިނިވަންކޮށްފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރުގެ އަދަބު ތަންފީޒުކުރުމަށް މަޖިލީހަށް ހުށަހެޅި ހާއްސަ ބިލާ ގުޅޭގޮތުން އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި މަރުގެ ހުކުމް ތަންފީޒުކުރަންޖެހޭ ހިސާބަށް ގޮސްފައިވާނަމަ އަދި ތަންފީޒުކުރުމުގައި ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް ވާނަމަ އެކަން ކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ފާއިތުވި ސަރުކާރުތަކުން މަރުގެ އަދަބު ތަންފީޒުނުކުރަން ދައްކަމުން އައި ފަސޭހަ ހުއްޖަތަކީ ޝައުރީ ނިޒާމު މިނިވަން ނުވުމުގެ ވާހަކައެވެ. އެހެންނަމަވެސް، އިސްލާމް ދީނުގައި އެއީ ފަރުޟެއް ކަމަށާއި އެމަނިކުފާނުގެ ސަރުކާރުން ޝަރުއީ ދާއިރާ މިނިވަންކޮށްދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”މަރުގެ އަދަބު ތަންފީޒުކުރުން، މިކަމަކީ އެންމެ ފަސޭހަ އެކްސްކިއޫޒެއްގެ ގޮތުގައި ހުރިހާ ސަރުކާރުތަކުން ދައްކަމުން އައީ ދެންމެ ތި ވިދާޅުވި ކަންތައް. ޝަރުއީ ނިޒާމު އޮތީކީއެއް މިނިވަންކޮށެއް ނޫނޭ. އެހެން ކިޔާފައި މިކަން ފަސްކުރަމުން ކޮންމެ ސަރުކާރަކުން ވެސް މި އަންނަނީ. އަޅުގަނޑު ދެންމެ ވަރަށް ސާފުކޮށް މި ދެންނެވީ މި ސަރުކާރުގެ ސިޔާސަތު، އަޅުގަނޑުގެ ސިޔާސަތު، ދީނުގައި މިކަން އޮތް ގޮތް ވަރަށް ސާފު. ފަރުޟެއް އެއީ.“ ރައީސް

ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން އެކަމުގައި ފަހަތަށް ޖެހުނަސް، އެއީ އެކަމުގައި އެމަނިކުފާނު ފަހަތަށް ޖެހިވަޑައިގަންނަވާނެ ސަބަބެއް ނޫން ކަމަށާއި އެއީ ކުރައްވަން އެމަނިކުފާނަށް ލާޒިމު ކަމެއް ކަމަށެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު، އެ ހިނދުން އެ ހިނދަށް ޝަރުއީ ނިޒާމު މިނިވަންވެފައިވާކަން އިއުލާނުކުރެއްވިކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ކޯޓުގައި ހިނގާ އެއްވެސް މައްސަލައެއް އަވަސްވަނީ ނުވަތަ ލަސްވަނީ ވެސް ކުރިން ހިނގި ގޮތަށް، ރައީސް އޮފީހުން ކޯލެއް ގޮސްގެން ނޫން ކަމަށާއި ސަރުކާރުގެ ނުފޫޒު މިހާރު ޝަރުއީ ނިޒާމަށް އެއްގޮތަކަށް ވެސް ނުފޯރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޝަރުއީ ނިޒާމު ނުފޫޒުން އެއްކިބާކުރުމުގެ ގޮތުން ބަޖެޓު ބޮޑުކޮށް، ވަކިކޮށްދީފައިވާނެ ކަމަށާއި ހަރަދުތައް ބެލެއްޓުމުގައި މިނިވަންކަން ދީފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން، ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓުގެ ޖާގައިގެ މައްސަލަ ހައްލުކުރަން ޖާގަ ތަނަވަސް ތަނަކަށް ބަދަލުކުރުމުން ވަރަށް މިނިވަންކަމާއެކު އެ ދެ ކޯޓުގެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ސުޕީއިރިއާ ކޯޓު ކޮމްޕްލެކްސް ބިނާކުރުމަށް ކުރެހުންތަކުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އެ މަޝްރޫއު ނިމުމުން މަތީ މަރުހަލާ ކޯޓުތަކަށް ވެސް ޖާގައިގެ ތަނަވަސްކަން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް ދައުލަތެއްގެ ހައިސިއްޔަތުން ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: