ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާ ކުރެއްވި ކަމުގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތް ކުރިޔަށް ގެންގޮސްފައިވަނީ ”ނުހައްގުން ކަމަށް“ އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވިދާޅެއް ނުވެވޭނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް މައުމޫން ބަލި ކުރައްވާ ވެރިމަމަށް ވަޑައިގެންނެވި ރައީސް ނަޝީދަކީ ރައީސް މައުމޫންގެ ވެރިކަމުގައި ނުހައްގުން އެތައް ފަހަރަކު ޖަލަށް ލާފައިވާ ބޭފުޅެކެވެ. ރައީސް ނަޝީދުގެ ޒުވާން ދުވަސް ވަރުން ފެށިގެން ވެރިކަން ވެއްޓުމަށްފަހު ވެސް ޖަލު ހުކުމްތަކެއް ތަންފީޒު ކުރަން ޖެހިވަޑައިގެތެވެ. އަދި ހާއްސަކޮށް ރައީސް މައުމޫންގެ ވެރިކަމުގައި ރައީސް ނަޝީދަށް ތަފާތު އެކި ތުހުމަތުތަކެއް ކުރުމާއި އެކު، ހައްޔަރުކޮށްފައި ވެއެވެ.
ރައީސް ޔާމީންގެ ހުކުމް އެއީ ބޭއިންސާފު ހުކުމެއްކަމަށް ވިދާޅެއްނުވެވޭނެ ކަމަށް، ބުނީ ކޮން މާނައެއްގައި ކަން ސާފު ނުވީ ނަމަވެސް އެ ބަސް ފުޅުގެ ފަހަތުގައި ވަރަށް ގިނަ ވާހަކަތަކެއް ހިމެނޭކަމަށް ގަބޫލު ކުރެވެއެވެ.
https://twitter.com/MohamedNasheed/status/1267361845318279168
ރައީސް ނަޝީދު މިގޮތަށް ޓްވީޓު ކުރައްވާފައިވަނީ، ރައީސް މައުމޫންގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން، ރައީސް ޔާމީން ޖަލަށް ލާފައިވަނީ ނުހައްގުންކަމަށް ވިދާޅުވެފައި ވަނިކޮށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީއިން ރާއްޖެއިން ބޭރުގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އަދި އެއްވެސް ސިއްރު ޑީލްއެއް ނަހަދާނެކަމަށް ގައްސާން ވިދާޅުވިއެވެ.
ބައްޕާފުޅު ރައީސް މައުމޫނާއި، ކޮކޯފުޅު ފާރިސް މައުމޫން ޖަލުގައި އޮންނެވިއިރު ގައްސާން އެބޭފުޅުންގެ ދިފާއުގައި ވާހަކައެއް ނުދައްކަވައެވެ. އެކަން ފާހަގަކޮށް އެތައް ބަޔަކު ގައްސާންއަށް ރައްދު ދިނެވެ. އަދި އޭގެ ތެރެއިން އުނގޫފާއިރު ދާއިރާގެ ގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އަށް ރައްދު ދެއްވައި ގައްސާން ވިދާޅުވީ ކޯލިޝަން ރޫޅުމާއި އެކު އެ ވާހަކަތައް އެހެން މީހުން ދައްކަވާނެ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ރައީސް މައުމޫނާއި ފާރިސް އެކަން ފާހަގަކުރައްވާނެ ކަމަށް ގައްސާން ވިދާޅުވިއެވެ.

