ވިލިމާލޭ ވޯޓާ ސްޕޯޓްސް ސަރަހައްދުގައި ހުންނަ ނިކަގަހެއް ކެނޑުމުގެ މަސައްކަތް ހުއްޓުވަން ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދިއްޖެއެވެ.
މި މަހުގެ ފަސް ވަނަ ދުވަހު ވިލިމާލޭ ވޯޓާ ސްޕޯޓްސް ސަރަހައްދުގައި ހުންނަ ނިކަގަހެއް ކަނޑައިލުމުގެ މަސައްކަތް ވެމްކޯއިން ފެށުމުން، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ އެކްޓިވިސްޓަކު ވަނީ އެ ގަހަށް އަރައި، ގަސް ކެނޑުމުގެ މަސައްކަތް ހުއްޓުވަން މަސައްކަތްކޮށްފައެވެ. ނަމަވެސް، ފުލުހުންގެ އެހީއާއެކު އެ ދުވަހު އޭނާ ވަނީ ގަހުން ބާލުވައިފައެވެ.
އެ ނިކަގަސް ކެނޑުން ހުއްޓުވުމަށް ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދުނީ، ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތުކުރާ ހުމައިދާ އަބްދުލް ޣަފޫރު އަދި އަހުމަދު އިކްރާމްގެ ފަރާތުންނެވެ. ހުމައިދާ ”ސަންގަށް“ ވިދާޅުވީ، އެ ނިކަގަސް ވަގުތީ އަމުރަކަަށް އެދިފައިވާއިރު، ސިވިލް ކޯޓަށް ހުށަހަޅާ މައުޟޫއީ މައްސަލަ ތައްޔާރުކުރަމުންދާ ކަމަށެވެ.
އެ ނިކަގަސް ކަނޑަން އެއްވެސް ހުއްދައެއް ދީފައިނުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވެއެވެ. އެގޮތުން، ނިކަގަސް ކަނޑައިލުމުގެ މަސައްކަތް ކުރަން ވެމްކޯއަށް މާލޭ ސިޓީ ކައުންސިލުން ހުއްދަ ނުދޭ ކަމަށާއި އެކަމާ ގުޅޭ ގޮތުން ގާނޫނީ ފިޔަވަޅު އަޅަން ފާސްކުރަން މި ހަފުތާގެ ރަސްމީ އާންމު ޖަލްސާއަށް ހުށަހަޅުއްވާނެ ކަމަށް، މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ހުސައިން ފުރުޝާން މީގެ ކުރިން އެކްސްގައި ވިދާޅުވެފައިވެއެވެ.
ފުލުހުންނަށް ގުޅައި ނިކަގަސް ކަނޑާލަން މާލޭ ސިޓީ ކައުންސިލުން ވެމްކޯއަށް ލިއުމުން ހުއްދަނުދޭކަން އަންގާފައިވާނެ ކަމަށާއި، އެންވަޔަރަމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)އިން ވެސް އެ ގަސް ކެނޑުން ހުއްޓާލަން ސިޓީ ކައުންސިލާއި ފުލުހުންނަށް އަދި ވެމްކޯއަށް ސިޓީއަކުން އަންގާފައިވާކަމަށް ފުރުޝާން ވިދާޅުވެފައިވެއެވެ.
އެ ނިކަގަސް ކެނޑުން ހުއްޓުވަން ވަގުތީ އަމުރަކަށް އެދުނު، ހުމައިދާ އާއި އިކްރާމް މީގެ ކުރިން ވަނީ ވިލިމާލޭގެ ފުނަވާ ނެތިގެންދާގޮތަށް ހިންގާ ބީއެމްއެލްގެ ހައުސިން މަޝްރޫއެއް ހުއްޓުވަން ވެސް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. އަދި ގުޅީފަޅު ހިއްކުމުން ވެއްޓަށް އިއާދަނުކުރެވޭ ގެއްލުންތަކެއް ލިބިދާނެތީ އެ މަޝްރޫއު ހުއްޓުވުމަށް ހުމައިދާ މީގެ ކުރިން ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ.

