މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަރުޖަމާނު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު، ފުލުހުންގެ ސްޕޯކްސްޕާސަންގެ މަގާމުން ދުރަށް ޖެހިވަޑައިގެންފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މިއަދުން ފެށިގެން ފުލުހުންގެ ތަރުޖަމާނުކަމާއި ވަގުތީގޮތުން ހަވާލުވެ ހުންނަވާނީ ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޕޮލިސް މީޑިއާ ރިލޭޝަންސް އޮފިސަރުގެ ހައިސިއްޔަތުން ދުވަހުން ދުވަހަށް މީޑިއާއަށް މައުލޫމާތު ދިނުމުގައި ދެން ހަރަކާތްތެރިވާނީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓާރ އާތިފާ ހަސަން ކަމަށެވެ.
އިޒްމިއާ ވަނީ ނޫސްވެރިންނަށް ހާއްސަކޮށް ހަދާފައިވާ ވަޓްސްއެޕް ގްރޫޕުން ނިކުމެވަޑައިގެންފައެވެ. އޭގެ އިތުރުން މީގެ ކުރިން އިޒްމިއާގެ ޓްވިޓާ ބަޔޯގައި ފުލުހުންގެ ތަރުޖަމާނުގެ ގޮތުގައި ޖަހާފައިވީ ނަމަވެސް، އެބައި ވަނީ ޑިލީޓުކޮށްފައެވެ.
އިޒްމިއާ މަގާމުން ދުރުވީ ސީދާ ސަބަބު އަދި ހާމަ ނުވީ ނަމަވެސް، މިއަދުގެ މެންދުރުގެ ވަގުތެއްގައި ވަނީ ފުލުހުންގެ އިދާރާއިން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ކުރި މަސައްކަތްތަކުގެ ތަފާސް ހިސާބު އާއްމު ކުރައްވާފައެވެ. އަދި ވަނީ ފުލުހުންގެ މީޑިއާ އޮފިޝަލުންގެ ގޮތުގައި އެކީ މަސައްކަތް ކުރި ފަރާތްތަކަށް ޝަކުރު އަދާކޮށް އާއްމުންނަށް ގިނަ މައުލޫމާތައް ފޯރުކޮށް ދިނުމުގައި ކާމިޔާބުތަކެއް ހޯދިފައިވާކަމަށް ވިދާޅުވެފައެވެ.
އޭގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފާތު އެކި ގޮންޖެހުންތަކެއް އައި ނަމަވެސް، އެ ކަންތަކުން އަރައިތުމަށް އަގުހުރި މަސައްކަތްތަކެއް ކުރެވުނު ކަމަށް އިޒްމިއާގެ ޓްވީޓުގައި ވެއެވެ. އިޒްމިއާގެ މި ޓްވީޓު، ރީ ޓްވިޓު ކުރައްވާ ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ އިޒްމިއާ މީޑިއާތަކާއ އާއްމުންނާއި އެކު ބެހެއްޓެވީ ގާތް ގުޅުމެއް ކަމަށެވެ. އަދި ސްޕޯކްސްޕާސަންއެއްގެ ގޮތުގައި އިޒްމިއާ ވަރަށް ގިނަ ކާމިޔާބުތަކެއް ހޯދާ، ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރެވިފައިވާކަމަށް ހަމީދުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
ފުލުހުންގެ ތަރުޖަމާން ކަމުގެ މަގާމުން އިޒްމިއާ ދުރަށް ޖެހިވަޑައިގެންނެވިއިއރު އިޒްމިއާ މަގާމްއާ ހަވާލުވެ ވަޑައިގެންނެވި ދުވަހުން ފެށިގެން ފުލުހުންނާއި މީޑުއާތަކާއި ދެމެދު އޮތް ގުޅުން ރަނގަޅުވެ ބަދަހި ގުޅެއް އުފެދިގެން ދިޔައެވެ. އަދި އިޒްމިއާ އަކީ ނޫސްވެރިންނާއި ގާތް ގުޅުމެއް ބާއްވާ ފަރާތެކެވެ.
ފާއިތުވި ދުވަސްތަކުގެ ތެރޭގައި އިޒްމިއާއަށް ބައެއް ނޫސްވެރިންގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައި ވެއެވެ. އެގޮތުން ބައެއް ނޫސްވެރިން ވަނީ އިޒްމިއާ މައުލޫމާތުތައް ދިނުމުގައި ތަފާތު ކުރުން ގެންގުޅޭކަމަށް ވެސް ބުނެފައެވެ.
އިޒްމިއާ ފުލުހުންގެ ތަރުޖަމާނަކަށް ހަމައްޖައްސާފައިވަނީ، ޑިސެމްބަރު 19، 2018 ގައެވެ.

