ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަލީލް ފާހަގަކުރެއްވީ ރިއަލް އެސްޓޭޓް ބިލުގައިވާ ”ސަރެންޑާ އެންޑް ރީގްރާންޓް“ މޮޑެލްއަކީ ކޮބައިކަން!

ކުރީގެ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގައިވާ ”ސަރެންޑަރ އެންޑް ރީގްރާންޓް“ މޮޑެލްއާ މެދު މި ސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރަސްމާލޭގައި ”މޯލްޑިވްސް ވޯޓާ ފްރަންޑް އެންޑް މެރީނާ މަޝްރޫއު“ ހިންގަން މަގުފަހިވާ ގޮތަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގެ 89 ވަނަ މާއްދާގައި ވަނީ އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގައި ތަރައްގީކުރާ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް 99 އަހަރަށް ވިއްކިދާނެ ކަމަށެވެ. އަދި ވިއްކޭނީ އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ”ސަރެންޑަރ އެންޑް ރީގްރާންޓް“ މޮޑެލްގެ ދަށުން ކަމަށް އެ މާއްދާގައިވެއެވެ.

މި އަހަރުގެ އޭޕްރިލް މަހު ފޮރިން މިނިސްޓަރުގެ މަގާމުން ވަކިކުރި ހަލީލް، އެ ބިލުގައި ހިމެނޭ ”ސަރެންޑަރ އެންޑް ރީގްރާންޓް“ މޮޑެލް އާންމުންގެ ސަމާލުކަމަށް ގެންނެވީ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ހަލީލްގެ ޕޯސްޓުގައި ވަނީ ”ސަރެންޑަރ އެންޑް ރީގްރާންޓް“ މޮޑެލްއަކީ ތާރީހީ ގޮތުންނާއި ގާނޫނީ ގޮތުން ކޮން ކަހަލަ މަފްހޫމެއް ކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ހަމައެކަނި ގޫގުލް ސާޗަކުންވެސް އެ މޮޑެލްގެ އަސްލު ހާމަވެގެންދާނެއެވެ.

އެގޮތުން، އެ މޮޑެލްއަކީ 16 ވަނަ ގަރުނުގައި، ޓިއުޑާގެ ދުވަސްވަރު އަޔަރލޭންޑް އިސްތިއުމާރު ކުރުމަށްޓަކައި ބޭނުންކުރި ސިޔާސީ އުކުޅެއްގެ އިތުރުން، ޒަމާނީ ރިއަލް އެސްޓޭޓް ކޮމާޝަލް އަދި ރެސިޑެންޝަލް ކުއްޔަށް ދިނުމުގެ ގާނޫނީ އުސޫލެއްކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ހަލީލް ވަނީ ޓިއުޑާގެ ދުވަސްވަރު އަޔަރލޭންޑް އިސްތިއުމާރު ކުރުމާ ގުޅޭގޮތުން، ”ސަރެންޑަރ އެންޑް ރިގްރާންޓް އިން ދަ ހިސްޓޮރިއޮގްރަފީ އޮފް ސިކްޓީންތު ސެންޗަރީ އަޔަރލޭންޑް“ގެ ނަމުގައި ކްރިސްޓޮފާ މެގިން ލިޔުއްވާފައިވާ ލިޔުމެއް ވެސް އޭނާގެ ޕޯސްޓުގައި ހިއްސާކުރައްވައެވެ.

ސޯޅަ ވަނަ ގަރުނުގައި އިނގިރޭސިވިލާތުން އަޔަރލޭންޑްގެ ބިންތައް އަތުލުމަށް ބޭނުންކުރި ”ސަރެންޑަރ އެންޑް ރީގްރާންޓް“ ސިޔާސަތަކީ، އަޔަރލޭންޑްގެ ގަބީލާތަކުގެ ވެރިން އެމީހުންގެ އަމިއްލަ ބިންތައް އިނގިރޭސި ރަސްގެފާނަށް ދޫކޮށްލުމުން، އިނގިރޭސި ދައުލަތުގެ ބާރުގެ ދަށުން އެ ބިންތައް ގެނެސް އަލުން ކުއްޔަށް ނުވަތަ ޝަރުތުތަކާއެކު ދޫކުރި އުސޫލެކެވެ. ޒަމާނީ ގާނޫނީ މާނައިގައި، ”ސަރެންޑަރ އެންޑް ރީގްރާންޓް“ އަކީ މިހާރު އޮތް ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް ބާތިލުކޮށް، އެއަށްވުރެ ދިގު މުއްދަތަކަށް ނުވަތަ އާ ޝަރުތުތަކަކާއެކު އަލުން ކުއްޔަށް ދިނުމެވެ.

މީގެ ކުރިން ވެސް ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން ހަލީލް ވަނީ އެކްސްގައި ޝުއޫރު ފާޅުކުރައްވައިފައެވެ. އޭނާ ކުރިން ވިދާޅުވެފައިވަނީ ރަސްމާލޭގެ މަޝްރޫއުއާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ސަރުކާރުން ޖަވާބުދޭންޖެހޭ ކަމަށެވެ. ރާއްޖެ ފަދަ ކުޑަ ގައުމަކަށް ބޮޑެތި އިންވެސްޓްމަންޓްތައް ނުގެނެސް ތަރައްގީގެ ދުވެލީގައި ކުރިއަރައި ދިއުން ނާދިރު ކަމަށާއި އެހެންނަމަވެސް، އެފަދަ ޕްރޮޖެކްޓްތައް، ރާއްޖޭގެ ރައްޔިތުން އެދޭ ގޮތަށް، ހާމަކަން ބޮޑު ގޮތެއްގައި ތަންފީޒުވުމަކީ ކޮރަޕްޝަނާއި ފަސާދައިން ދުރުވެ، ޕްރޮޖެކްޓް ކާމިޔާބުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމުގައި އޭނާ ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: