އިންފްލުއެންޒާ އަދި އަރިފަދުސް ރޯގާ ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެކަމަށް ސަމާލުވާން އެދިއްޖެއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ އާދައިގެ ރޯގާ އާއި އިންފްލުއެންޒާގެ އަލާމާތްތައް އެއްގޮތްވިނަމަވެސް، އެއީ ތަފާތު ދެ ވައިރަހަކުން ޖެހޭ ބަލިތަކެއް ކަމަށެވެ. އަދި އާދައިގެ ރޯގާއަށް ވުރެ އިންފްލުއެންޒާއިން ކުރާ އަސަރު ބޮޑުވާނެ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.
އެ އެޖެންސީން ވަނީ ހުން އައިސް، އަރިދަފުސް ރޯގާ ޖެހޭ ކުޑަކުދިންގެ ފަރާތުން ވަކި ކަހަލަ އަލާމާތްތަކެއް ފެނިއްޖެނަމަ ލަސް ނުކޮށް ޑޮކްޓަރެއްގެ ފަރުވާ ހޯދުމަށް އެދިފައެވެ. އިންފްލުއެންޒާ ޖެހިއްޖެނަމަ ފަސް އަހަރުން ދަށުގެ ކުދިން، އަދި ހާއްސަކޮށް ދެ އަހަރުން ދަށުގެ ކުދިންގެ ބަލި ހާލަތު ސީރިއަސްވުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި، ކުޑަކުދިންގެ ފަރާތުން ފެންނަ އަލާމާތްތަކުގެ ތެރެއިން ސަމާލުވާންޖެހޭ ކަންކަމަކީ، ހަ ގަޑިއިރު ނުވަތަ އަށް ގަޑިއިރު ވަންދެން ކުޑަކަމު ނުދެވުން، ވަރުދެރަވެ ނުވަތަ ވަރަށް ބޮޑަށް ބަލިވުން އަދި ގާތުން ކިރުބޯ ކުދިން ރަނގަޅަށް ކިރު ނުބުއިމެވެ.
އިންފްލުއެންޒާގެ އަލާމާތްތައް
- ވަރަށް ކުއްލި ގޮތަކަށް ހުން އައިސް، ހުން 100-102 ޑިގްރީ ފަރަންހައިޓަށްވުރެ މައްޗަށް ދިއުން އަދި ފިނިވެ ތުރުތުރުއެޅުން.
- މުޅި ހަށިގަނޑަށާއި، ބުރަކަށި، އަތްފައިގެ މަސްތަކުގައި ވަރުގަދައަށް ރިއްސުން.
- ބޮލުގެ އެތެރެއިން ގަދައަށް ރިއްސައި، ލޮލަށް ބާރުބޮޑުވުން.
- ވަރަށް ބޮޑަށް ހަށިގަނޑުން ވަރުދެރަވެ، އެނދުން ނުނެގޭ ވަރަށް ވަރުބަލިކަން އިހުސާސްވުން.
- ކަރުތެރެ ރަތްވެ، އެއްޗެހި ދިރުވަން އުނދަގޫވުމާއި ކެއްސުން.
- ނޭފަތުން ފެންއައުން ނުވަތަ ނޭފަތް ބަންދުވެ، ނޭވާލާން އުނދަގޫވުން.
- މޭނުބައިކުރުން، ހޮޑުލެވުން، ބަނޑުގައި ރިއްސުން ނުވަތަ ބަނޑުދޫވުން.
ރައްކާތެރިކަމުގެ ފިޔަވަޅުތައް
- ސައިބޯނި ލައިގެން މަދުވެގެން 20 ސިކުންތު ވަންދެން ގަވާއިދުން އަތް ދޮވުން ނުވަތަ ހޭންޑް ސެނިޓައިޒާ ބޭނުންކުރުން.
- ކެއްސާ ވަގުތު އަނގައާއި ނޭފަތް ނިވާކުރުން.
- އަލާމާތެއް ފެނިއްޖެނަމަ ނުވަތަ މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު މާސްކް އެޅުން.
- ހަށިގަނޑުން ފެން މަދުވިޔަނުދިނުމަށް ގިނައިން ފެނާއި ދިޔާތަކެތި ބުއިން.
- އަހަރަކު އެއްފަހަރު އިންފްލުއެންޒާ ވެކްސިން ޖެހުން

